ރިސޯޓްތަކުގެ މީހުން ތިލަފުށްޓަށް ގޮސް މާލެ އަންނަން އުޅޭތީ އެކަން ހުއްޓުވައިފި

މާޗް 28، 2020: ކޮވިޑް19 އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބައެއް ރިސޯޓްތަކުގެ މީހުން ތިލަފުށްޓަށް ގޮސް މާލެ އަންނަން އުޅޭތީ އެކަން ފުލުހުން ހުއްޓުވައިފިއެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު ރިސޯޓްތަކާއި ސަފާރީތަކުން މީހުން އުޅޭ ރަށްރަށަށް ދެވޭނެ ހާލަތްތަކެއް ރޭ އެޗްޕީއޭ އިން ވަނީ އިއުލާންކޮށްފައެވެ.

ކޮވިޑްއާ ބެހޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރިސޯޓްތަކުން ތިލަފުއްޓަށް ކުނި އުކާލަން ދާއިރު ބައެއް ރިސޯޓްތަކުގެ މީހުން ތިލަފުއްޓަށްގޮސް މާލެ އަންނަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

އަދި އެގޮތަށް މާލެ އަންނަން އުޅުނު މީހުން ފުލުހުން ހުއްޓުވައިފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ދެން އެފަދަ މައްސަލަތައް ސީރިއަސްކޮށް ނަގައި ގާނޫނީ ފިޔަވަޅު އަޅާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

އާންމު ސިއްހަތުގެ ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިފައިވާ ބާރުގެ ދަށުން އަންގާ އެންގުމަށް ނުކިޔަމަންތެރިވާ މީހުންނަށް މިހާރުވެސް ދަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ދާދި ފަހުން ހއ. އަލިދޫ ރިސޯޓަކަށް އެރި މުވައްޒަފެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

އޭގެ އިތުރުންވެސް އެފަދަ މައްސަލަތަކުގައި އިތުުރު މީހުން ހައްޔަރުކޮށް ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮރޯނާ ޖެހިފައިވާ 18 މީހަކު މިހާތަނަށް ރާއްޖެއިން ވަނީ ފެނިފައެވެ. އޭގެ ތެރެއިން ޕޮޒިޓިވްވި އިޓަލީގެ ދެ މީހަކު ވަނީ ފުރައިގެން ގޮސްފައެވެ. ކޮވިޑް ޖެހިގެން ރާއްޖޭގައި ތިބި މީހުންގެ ތެރެއިން ތިން ދިވެހިން ފިޔަވާ އެންމެން މިހާރު ވަނީ ރަނގަޅުވެފައެވެ.

comment ކޮމެންޓް