މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން މާލޭގެ ދެގެއަކަށް ވަނުން މަނާ ކޮށްފައި އޮތްއޮތުމުގެ ތެރެއިން އޭގެން އެއް ގެއަކަށް ވަނުން މަނާކުރެވުނީ އޮޅުމަކުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ކޮރޯނާ ވައިރަސްގެ އަލާމާތެއް ފެނިގެންކަމަށް ބުނެ މިއަދު ދެ ގެއަކަށް ވަނުން އެޗްޕީއޭއިން މަނާ ކުރިއެވެ. އޭގެ ތެރޭގައި ގ. އޮލިވާ އާއި މައްޗަން ގޮޅީގައި ހުރި ގެއެކެވެ. އެހެންކަމުން އެޗްޕީއޭއިން ބަލަން ޖެހޭ ކަންތައްތައް ބަލައި ނިމެންދެން 14 ދުވަހުގެ މުއްދަތަށް އެގެދެގެއަށް ވަނުން އޮތީ މަނާކޮށްފައެވެ.
ނަމަވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން މިރޭ ކުރި ޓުވީޓެއްގައި ބުނީ ގ. އޮލިވާ ގެއަށް ވަނުން މަނާކުރެވުނީ އޮޅިގެން ކަމަށެވެ. އަދި އެ ގެ މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
މިހާތަނަށް ރާއްޖެއިން 18 މީހަކު ވަނިީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުން އައި ތިން ދިވެހިންވެސް ހިމެނެއެވެ. ދެން މުޅިންވެސް ޕޮޒިޓިވްވެފައިވަނީ ބޭރު މީހުންނެވެ.