އުރީދޫ ސުޕަނެޓް ކަސްޓަމަރުންނަށް ދުވާލަކު 5 ޖީބީގެ ޑޭޓާ ހިލޭ ލިބޭނެ

އުރީދޫ ސުޕަނެޓް ކަސްޓަމަރުންނަށް ދުވާލަކު 5 ޖީބީގެ ޑޭޓާ ހިލޭ ލިބޭނެ ގޮތް އެކުންފުނިން ހަމަޖައްސައިފިއެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޯވިޑް-19 އާ ގުޅިގެން އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައެވެ. ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި، އިންޓަނެޓް މެދުވެރިކޮށް ކުދިންގެ ކިޔެވުން ކުރިއަށް ގެންދިޔުމަށްވެސް ވަނީ މަޖުބޫރުވެފައެވެ. މި ދަތިތަކަށް ލުއިކަމެއް ގެނެސްދީ، ގައިދުރުކަން ބަހައްޓާ، ގޭގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ނަންގަވާފައިވާ އިސްނެގުމާއި އެއްގޮތުގެމަތިން، އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ކަސްޓަމަރުން ނަގާފައިވާ ޕްލޭނަށް ހަމަޖެހިފައިވާ ޑޭޓާ ހަމަވުމުން، ދުވާލަކަށް 5 ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭނެ ކަމަށް މިއަދު އެ ކުންފުނިން ވަނީ އިއުލާނު ކޮށްފައެވެ.

ކޯވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން، ދިވެހި ސަރުކާރާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުގެ މަތިން، މި އޮފަރ ތައާރަފް ކުރެވިފައި ވަނީ އާދައިގެ މަތިން ޑޭޓާ ބޭނުންކުރާވަރަށްވުރެ ގިނައިން ޑޭޓާ ބޭނުންކުރަންޖެހިފައި ވުމާއެކު، އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ރައީސުލް ޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ޞާލިހު ވެފައިވާ އެދިލެއްވުމަކަށެވެ.

އުރީދޫން ބުނިގޮތުގައި މި އޮފަރ ގެ މަގްސަދަކީ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމުގައި އަންލިމިޓެޑް ތަޖުރިބާއެއްދިނުމެވެ. މިގޮތުން، ނަގާފައިވާ ޕްލޭންއަށް ހަމަޖެހިފައިވާ ޑޭޓާ ހުސްވުމާއެކު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިލޭ ޑޭޓާ އެލަވަންސް އެކްޓިވޭޓްވެ، މެދުކެނޑުމެއްނެތި އިންޓަނެޓްގެ ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

ސުޕަނެޓް ކަސްޓަމަރުން ނަގާފައިވާ ޕްލޭންގެ ޑޭޓާ އެލަވަންސް ބޭނުންކުރުމާއެކު، 5 ޖީބީ ގެ އެލަވަންސް ކޮންމެ 24 ގަޑިއިރުން އެއްފަހަރު އަލުން އެކްޓިވޭޓްވެގެންދާނެއެވެ. މި އެލަވަންސްއަކީ ކޮވިޑް-19 އާ ގުޅިގެން ސުޕަނެޓް ކަސްޓަމަރުންނަށް ތައާރަފް ކޮށްފައިވާ 25 ޕަސެންޓް ހިލޭ ލިބޭ ޑޭޓާ އެލަވަންސްގެ އިތުރުން ލިބޭ އެލަވަންސްއެކެވެ. މި ޚާއްސަ އޮފަރ އޭޕްރިލް މަހުން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

މި އޮފަރ ގެ އިތުރުން އުރީދޫ މޯލްޑިވްސްއިން ދަނީ އަގަކާ ނުލާ، ކޯވިޑް-19 ހުއްޓުވުމަށް ކުރަމުންދާ މަސައްކަތަށް އެހީ ވުމުގެ ގޮތުން އިތުބާރުހިފޭ ހަލުވި އިންޓަނެޓް ފޯރުކޮށް، ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް އިތުރު މަސައްކަތްތަކެއްވެސް ކުރަމުންނެވެ. ސަރުކާރުން އެދުމާއެކު، އުރީދޫ އިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަންކަމުގެ ތެރޭގައި:

  • ކޯވިޑް-19 ޓާސްކްފޯރސް ސެންޓަރުތަކަށް ހިލޭ އިންޓަނެޓް ފޯރުކޮށްދިނުން
  • މަޖުބޫރީ އެކަހެރިކަމުގަ އާއި ކަރަންޓީންގައި ތިބި މީހުންނަށް ހިލޭ އިންޓަނެޓް ފޯރުކޮށްދިނުން
  • މާލީ ދަތިތަކާ ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް ހާއްސަ ޕްލޭނެއް ތައާރަފް ކުރުން

މި ޕެންޑެމިކް އާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ވަނީ އުރީދޫގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް 25 ޕަސެންޓް ބޯނަސް ޑޭޓާ ލިބޭ ހާއްސަ އޮފަރ އެއް ތައާރަފްކޮށްފައެވެ.

"ކޮވިޑް-19 އިން ރައްކާތެރިކަން ހޯދުމަށް ކުދިންގެ ކިޔެވުމާއި، ކުންފުނިތަކުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކާއި، މީޓިންގްތައްވެސް ޑިޖިޓަލްކޮށް ކުރިޔަށް ގެންދަން ޖެހިފައިވުމާއެކު، ދިމާވާ ދަތިތަށް ލުއިކޮށްދިނުމުގެ މަގްސަދުގައި އުރީދޫ މޯލްޑިވްސްއިންދަނީ އިތުރަށްވެސް މަސައްކަތްކުރަމުންނެވެ،" އުރީދޫން ބުންޏެވެ.

comment ކޮމެންޓް