އޮސްޓްރޭލިއާ މުވައްޒަފުންނަށް މުސާރަ ދޭން 130 ބިލިއަން ޑޮލަރުގެ ޕެކޭޖެއް އިއުލާންކޮށްފި

އޮސްޓްރޭލިއާއިން ވަނީ އެގައުމުގެ ގިނަ އަދަދެއްގެ މީހުންގެ ވަޒީފާ ގެއްލުން ހުއްޓުވުމަށްޓަކައި ވޭޖް ސަބްސިޑީއެއް ދޭން ނިންމާފަ -- ފޮޓޯ: ރޮއިޓާސް

ކެންބެރާ (މާޗް 31): ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން ވަޒީފާ ގެއްލޭ މީހުންގެ އަދަދު މަދު ކުރުމަށް ޓަކައި، އޮސްޓްރޭލިއާގެ ވިޔަފާރިތަކުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް އެހީއެއްގެ ގޮތުން އެވިޔަފާރިތަކަށް ސަބްސިޑީއެއް ދޭން އެގައުމުގެ ސަރުކާރުން ނިންމައި 130 ބިލިއަން އޮސްޓްރޭލިއަން ޑޮލަރު (80.2 ބިލިއަން އެެމެރިކާ ޑޮލަރުގެ ސިތިމިއުލަސް ޕެކޭޖެއް އިއުލާންކޮށްފި އެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވި ގޮތުގައި އެގައުމުން ވަނީ ވޭޖް ސަބްސިޑީގެ ގޮތުގައި ކުރިއަށް އޮތް ހަ މަސް ދުވަހަށް ދެމިގެންދާ ގޮތަށް އެ ފައިސާ ދޫކުރުމަށް ނިންމައިފަ އެވެ.

އެ ސަބްސިޑީ ދޭން ހަމަޖެހިފައި ވަނީ އަހަރަކު އެއް ބިލިއަން އޮސްޓްރޭލިއަން ޑޮލަރަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ އަދި ކޮރޯނާވައިރަހުގެ ސަބަބުން އާމްދަނީއަށް 30 ޕަސެންޓުގެ ގެއްލުމެއް ލިބުނު ކުންފުނިތަކަށެވެ. އަދި އަހަރަކު އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ނަމަ، 50 ޕަސެންޓުގެ ގެއްލުމެއް ލިބުނު ކުންފުނިތަކަށެވެ.

ބޮޑުވަޒީރު މޮރިސަން ވިދާޅުވި ގޮތުގައި އެ ސަބްސިޑީ ހަ މިލިއަން މުވައްޒަފުންނަށް ލިބޭނެ ކަމަށް ބެލެވެ އެވެ. އަދި އެ ސަބްސިޑީ ދޭން ހަމަޖެހިފައިވާ ގޮތަކީ، ކުންފުނީގެ ކޮންމެ މުވައްޒަފަކަށް ކޮންމެ ދެ ހަފްތާއަކު 1،500 ޑޮލަރު (926 އެމެރިކާ ޑޮލަރު) ދެވޭ ގޮތަށެވެ. އެ ސަބްސިޑީ ލިބޭ މުވައްޒަފުންގެ ތެރޭގައި ފުލް ޓައިމް، ޕާޓް ޓައިމް އަދި މަދުވެގެން 12 މަސް ވަންދެން އެ ކުންފުނީގައި މަސައްކަތްކޮށްފައިވާ ވަގުތީ މުވައްޒަފުން ހިމެނެ އެވެ. އަދި އަމިއްލައަށް މަސައްކަތް ކުރާ އާޓިސްޓުންނާއި މިއުޒީޝަނުން ފަދަ މީހުން ވެސް އޭގެ ތެރޭގައި ހިމެނޭނެ އެވެ.

މީގެ އިތުރުން ކޮރޯނާވައިރަހުގެ ސަބަބުން މި މަހުގެ އެކެއްގެ ފަހުން ވަޒީފާއިން ވަކި ކުރި މީހުންނަށް ވެސް އެ 1،500 ޑޮލަރު ދޭން ޖެހޭނެ އެވެ.

އޮސްޓްރޭލިއާ އިން ވަނީ އެ ސަބްސިޑީ ޕްރޮގްރާމްގެ ދަށުން އަންނަ މެއި މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މުވައްޒަފުންނަށް ފައިސާ ލިބެން ފަށާނެ ކަމަށް ބުނެފަ އެވެ.

އޮސްޓްރޭލިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މިދިޔަ އާދިއްތަ ދުވަހު ބޮޑުވަޒީރު މޮރިސަން ވަނީ ގެއިން ބޭރުގައި ދެ މީހުންނަށް ވުރެ އިތުރަށް މީހުން އެއްވެ، އުޅުން މަނާ ކުރައްވައިފަ އެވެ.

އޮސްޓްރޭލިއާ އިން މިދިޔަ ޖެނުއަރީ މަހުގެ 25ގައި ކޮރޯނާވައިރަސް ފެނުނު ފަހުން އެގައުމުގެ 4،559 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 18 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް