މިއަދު ޕޮޒިޓިވްވީ 17 ވަނައަށް ޕޮޒިޓިވްވި މީހާގެ ރޫމްމޭޓް

ކޮރޯނާވައިރަހުގެ ޑްރިލްއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވި އިނގިރޭސީވިލާތުން އައި ދިވެހި މީހާއަކީ ރާއްޖެއިން 17 ވަނަ އަށް ޕޮޒިޓިވްވި މީހާއާއެކު ކަރަންޓިން ފެސިލީޓީގައި އެއް ކޮޓަރިއެއްގައި ހުރި މީހާކަމަށް ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން އިނގިރޭސީވިލާތުން އައި ދެ މީހަކު ކޮރޯނާވައިރަހަށް ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން އެންމެ ފަހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހާއާއެކު އެއް ކޮޓަރިއެއްގައި އިނގިރޭސީވިލާތުން އައި އިތުރު ދިވެއްސަކުވެސް ހުއްޓެވެ.

މަބްރޫކު މިއަދު "ސަން" އަށް ވިދާޅުވީ، މިއަދު ޕޮޒިޓިވްވި މީހާއަކީ، ރޯޔަލް އައިލެންޑް ރިސޯޓުގެ ކަރަންޓީން ފެސިލިޓީގައި އެއް ކޮޓަރިއެއްގައި ޕޮޒިޓިވްވި އެހެން މީހަކާއެކު ހުރި މީހެއް ކަމަށެވެ. އަދި އެ މީހާ ޕޮޒިިވްވެފައިވަނީ 17 ވަނައަށް ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، މިއަދު ޕޮޒިޓިވްވި ކޭސް ބަލާނީ ރާއްޖެއިން ބޭރުން އައި ކޭސްއެއްގެ ގޮތުގައި ކަމަށެވެ.

މިއަދު ޕޮޒިޓިވްވި މީހާއާއެކު މިހާތަނަށް އިނގިރޭސީވިލާތުން ރާއްޖެ އައި ތިން ދިވެއްސަކު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައެވެ.

"ޕޮޒިޓިވްވި ތިން މީހުންގެ ހާލުވެސް ރަނގަޅު. މިއަދު ޕޮޒިޓިވްވި މީހާ މިހާރު ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުން،" މަބްރޫކު ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 18 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، ފަރުވާ ދެމުން އަންނަނީވެސް އެ ތިން ދިވެހިންނަށް އެކަންޏެވެ. ރާއްޖޭގައި މިވަގުތު ތިބި 13 މީހުން ވަނީ ވައިރަހުން ރަނގަޅުވެފައެވެ. ޕޮޒިޓިވިކަން އެނގުނު ފަހުން އިޓަލީގެ ދެ ފަތުރުވެރިން ވަނީ ރާއްޖެއިން ބޭރަށް ފުރައިގެންގޮސްފައެވެ.

comment ކޮމެންޓް