އަރުޝަދު ދޫކޮށްލި އަމުރު ރިވިއުކޮށް، ބަންދަށް 10 ދުވަސް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނާ އަރުޝަދު: އޭނާ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައި --- ފޮޓޯ/ ޕޮލިސް

މި ފަހުން ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ނެޓްވޯކެއްގެ ބޮޑެއް ކަމަށް ބުނާ އަރުޝަދު ޚާލިދު ދޫކޮށްލަން ނެރުނު އަމުރު ރިވިއުކޮށް، އޭނާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްދީފިއެވެ.

އަރުޝަދު ދޫކޮށްލީ ކުރިން އޭނާއަށް ޖަހާފައިވާ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ މުއްދަތު މަޖިލީހަށް ހާޒިރުކުރުމުންނެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކަކާ އެކުއެވެ.

އިއްުޔެ ނިންމި އެ ނިންމުން ރިވިއުކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު އެދުނީއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުން މާލޭގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި އިސްކޮށްހުރި މީހަކީ ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

https://sun.mv/133997

ފުލުހުން ހިންގި އޮޕަރޭޝަންގައި އަރުޝަދުގެ ނެޓްވޯކާ ގުޅުން އޮންނަ އިތުރު އަށް މީހަކު ހައްޔަރުކޮށް، 10 ގެއަކާއި ވެހިކަލްތަކެއް ބަލައިފާސްކޮށް ނުވަ ކިލޯގެ މަސްތުވާތަކެއްޗާ ގިނަ އަދަދެއްގެ ފައިސާ ވަނީ ހޯދާފައެވެ.

އަރުޝަދުގެ ނަމުގައި ބޭންކުގައި ހުޅުވާފައިވާ އެކައުންޓުތަކުގައިވާ ފައިސާ އަކީ، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަހުގީގަށް ތުހުމަތު ކުރެވޭތީ ކޯޓު އަމުރެއްގެ ދަށުން އޭނާގެ އެކައުންޓުތައްވެސް ވަނީ ފްރީޒްކޮށްފައެވެ. މި މައްސަލައާ ގުޅިގެން ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ހިފަހައްޓާފައިވާ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.

މި މައްސަލަގައި ހިމެނޭ އަށް މީހަކަށްވެސް ވަނީ މިހާރު ދައުވާކޮށްފައެވެ. އަރުޝަދާ ނުލާ ހައްޔަރު ކުރި އެންމެންގެ ބަންދުގެ މުއްދަތުވެސް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އިތުރުކޮށްފައެވެ.

https://sun.mv/134026

comment ކޮމެންޓް