އޮންލައިންކޮށް ކުރިއަށްގެންދާ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކޮމަންވެލްތް ޕާލަމެންޓަރީ އެސޯސިއޭޝަން އަދި އިންޓަރ-ޕާލަމެންޓަރީ ޔޫނިއަންއާ ހިއްސާކުރައްވައިފި އެވެ.
އެ މައުލޫމާތު ހިއްސާކުރައްވާފައި ވަނީ އެ ފަރާތްތަކަށްރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނުއްވި ސިޓީފުޅެއްގަ އެވެ.
އެ ސިޓީގައި ކޮވިޑް-19ގެ ނުރައްކަލާ ގުޅިގެން އެކަމުން ރައްކާތެރިވުމަށް ދިވެހި ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅުތަށް ބަޔާންކުރައްވާފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.
އޭގެތެރޭގައި، ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ދަތުރުފަތުރު ހުއްޓާލުމާއި، ދިވެހިރާއްޖެއަށް ބޭރުން އަންނަ މީހުން ކަރަންޓީނުކުރުމާއި ކެފޭ އަދި ރެސްޓޯރަންޓުތައް ބަންދުކުރުމާއި ސަރުކާރުގެ އޮފީސްތައް ބަންދުކޮށް، މުވައްޒަފުން ގޭގައި ތިބެ މަސައްކަތްކުރުމަށް އިލްތިމާސްކުރުމާއި އަދި ކޮންމެހެން ދާންނުޖެހޭ ތަންތަނަށް ނުދިއުމަށް ނަސޭހަތްތެރިވުން ހިމެނެ އެވެ.
އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އޮންލައިންކޮށް ގެންދެވުމަށް ނިންމާފައިވަނީ ވެސް ކޮވިޑް19 އިން ރައްކާތެރިވުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމުގައި ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.
އަދި، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވީނަމަވެސް، ދިވެހި ސަރުކާރަށް ބޭނުންވާ އެހީއެއް ރައްޔިތުންގެ މަޖިލީހުން ފޯރިކޮށްދިނުމަށް އަބަދު ވެސް ތައްޔާރަށް ތިބިކަމަށާއި އަދި ދާއިރާތާކުގެ ކަންބޮޑުވުންތައް އަޑުއަހާ އެ މައްސަލަތަކަށް ހައްލެއް މަޖިލީހުން ހޯދޭތޯ މަސައްކަތްކުރައްވާނެކަމަށް ފާހަގަކުރައްވާފައިވެ އެވެ.
ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެކަމާއި، މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން ޖަލްސާއަށް ހުށަހަޅާ މައްސަލަތަކަށް ބަހުސްކުރުމާއި، ވޯޓުދިނުމާއި، އަދި އެހެނިހެން މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް ވެސް ސިޓީގައިވެ އެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއިން މިވަގުތު ހުރިހާ ގައުމަކަށް ވެސް އެދިވަޑައިގަންނަވަނީ މަދަދުވެރިކަމާއި ހެޔޮއެދުން ކަމުގައްޔާއި، އަދި، ވީހާ ވެސް އަވަހަކަށް މި ބަލިން ޝިފާއެއް ލިބި ސަލާމަތްވުން ކަމުގައި ވެސް ވިދާޅުވެފައިވެ އެވެ.
މިހާތަނަށް ރައްޔިތުންގެ މަޖިލީހުން އޮންލައިންކޮށް ދެ ޖަލްސާއެއް ބާއްވާފައިވެ އެވެ.