އިޓަލީ އާއި ސްޕެއިންގައި ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަނީ

އިޓަލީގެ ވެނިސްގައި އާއްމުން އެއްވެ އުޅޭ ތަންތަން ޑިސްއިންފެކްޓް ކުރަނީ -- ފޮޓޯ: އޭއެފްޕީ

ރޯމް (މާޗް 31): ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ޔޫރަޕްގެ ދެ ގައުމު ކަމަށްވާ އިޓަލީ އާއި ސްޕެއިންއިން އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވާން ފަށައިފި ކަމަށް ސިއްހީ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އިޓަލީގެ ސިވިލް ޕްރޮޓެކްޝަން އޭޖެންސީން އިއްޔެ ބުނި ގޮތުގައި އެގައުމުން 24 ގަޑިއިރު ތެރޭ އަލަށް ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 4،050 މީހުންނެވެ. އެއީ މިމަހުގެ 17އިގެ ފަހުން އެހާވަރަށް މަދު މީހުން ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. އަދި އާދިއްތަ ދުވަހު އެގައުމުން 5،217 ކޭސް ރިޕޯޓު ކުރި އިރު ހޮނިހިރު ދުވަހު ވަނީ 5،974 ކޭސް ރިޕޯޓުކޮށްފަ އެވެ.

އިޓަލީގައި މިހާތަނަށް 101,739 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 14,620 މީހުންގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. ނަމަވެސް އެގައުމަކީ މިހާތަނަށް އެވައިރަސް ހުރި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ގައުމެވެ. އެގައުމުގައި މިހާތަނަށް ވައިރަހަށް ޕޮޒިޓިވްވި 11,591 މީހަކު ވަނީ މަރުވެފަ އެވެ.

އިޓަލީގެ އިތުރުން ސްޕެއިންގައިވެސް އަލަށް ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަމުންދާ ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން އިއްޔެ އެގައުމުން ވައިރަހަށް ޕޮޒިޓިވްވީ 6،400 މީހުން ކަމަށާއި އެއީ ހަފްތާއެއް ތެރޭ އެހާވަރަށް މަދު މީހުން ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރު ކަމަށް އެގައުމުގެ ކަމާ ބެހޭ އިދާރާތަކުން ބުންޏެވެ. އަދި މިދިޔަ ބުދަ ދުވަހުގެ ކުރިން އެގައުމުގައި ވައިރަސް ހުންނަ މީހުންގެ އަދަދު ދުވާލަކު 20 ޕަސެންޓު އިތުރުވަމުން ދިޔަ ނަމަވެސް މިހާރު ކޭސްތައް އިތުރު ވަނީ ދުވާލަކު 12 ޕަސެންޓަށް ކަމަށް ސްޕެއިންގެ ހެލްތު އޮފިޝަލަކު ބީބީސީއަށް ވިދާޅުވި އެވެ.

ސްޕެއިންގައި ކޮރޯނާވައިރަހަށް 87,956 މީހަކު ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 16,780 މީހެއްގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. އަދި ވައިރަސް ޖެހުނު 7,716 މީހަކު ވަނީ މަރުވެފަ އެވެ.

އިޓަލީ އާއި ސްޕެއިންގެ އިތުރުން މުޅި ޔޫރަޕްގައި ވެސް ވަނީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މީހުން އެއްވެ އުޅުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅާފަ އެވެ. އަދި އިޓަލީން ވަނީ އަންނަ ހުކުރު ދުވަހު ނިމެން އޮތް އެގައުމުގެ ލޮކްޑައުންގެ މުއްދަތު އަންނަ މަހުގެ 12އާ ހަމަޔަށް އިތުރުކޮށްފަ އެވެ.

މުޅި ދުނިޔޭގައި މިހާރު ވައިރަހަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އެމެރިކާގަ އެވެ. އެގައުމުގައި 164,610 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، 3,170 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް