ކޮރޯނާވައިރަސް: ދިވެހި ސިނަމާ ފަޅުކޮށްލައިފި!

01 މާޗް 2017: ދިވެހި ފިލްމް މަލިކާ ގެ ޕްރިޝޯގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި އަހަރު ފެށިގެން އައީ ފިލްމީ ދާއިރާއަށް ބޮޑު ބޫސްޓަކާއި އެކީގަ އެވެ. ބޮޑެތި ޕްރޮޑަކްޝަން ހައުސްތަކުން ގިނަ ފިލްމީ މަސައްކަތްތަކެއް އިއުލާނުކޮށް ކުރިއަށްގެންދިޔަ އެވެ. ބެލުންތެރިން ނުހަނު ހިތްހަމަޖެހުމާ އެކީގައި ތިބީ ރީތި ގިނަ ފިލްމްތަކެއް ސްކްރީނަށް އަންނާނެ ކަމުގެ އުންމީދާއި އެކީގަ އެވެ. މީގެކުރިން ފެނުނު ދެ ވެބްސީރީޒްއެއްގެ ދެވަނަ ސީޒަނާއި މުޅީން އާ ވެބް ސީރީޒްއެއް ރިލީޒްކުރި އެވެ. އަހަރުގެ ފުރަތަމަ ފިލްމް އޮލިމްޕަހުގައި އެޅުވުމަށްފަހު، ދެން ލިބެންފެށީ ހިތާމަވެރި ހަބަރުތަކަކެވެ. ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް އެންމެފަހުން ރާއްޖެއާވެސް އަރާ ކުރުމާ އެކު އެތަށް ސިނާއަތްތަކަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފި އެވެ. އެއާއެކު ފިލްމީ ދާއިރާއަށްވެސް ބިންދާލީ ބޮޑު ރާޅެކެވެ.

ފިލްމު ނީނާގެ ޕޯސްޓަރެއް--

'ނީނާ' : އުންމީދަކީ މިއަހަރު އެޅުވުން!

އައިފިލްމްސްގެ ފުރަތަމަ މަސައްކަތް 'ބަވަތި' އަކީ ދިވެހި ފިމްމު އިންޑަސްޓްރީގެ މޮޅު ފިލްމެކެވެ. މިއަހަރު އައިފިލްމްސްއިން އައީ އެ ސްޓޫޑީއޯގެ ދެވަނަ ފިލްމް "ނީނާ" ރިލީޒް ކުރުމުގެ ތައްޔާރީތައް ވަމުންނެވެ. މިގޮތުން ޝޫޓިން އާއި ފިލްމްގެ ޕޯސްޓް ޕްރޮޑަކްޝަންވެސް އެއްކޮށް ނިމިފައިވާއިރު، ސުވާލަކީ ކޮރޯނާވައިރަހާ އެކު މިއަހަރު ނީނާ ފެންނާނެ ހެއްޔެވެ؟

ފިލްމްގެ ޑައިރެކްޓާ އިއްލެ ބުނާގޮތުން ނީނާ ފިލްމަށް އޭނާ ކޮށްފައިވާ ބޮޑު އިންވެސްޓްމަންޓާއި އެކު، އުންމީދަކީ އޮލިމްޕަސް ލިބުނު އެންމެ އަވަހަށް ފިލްމު އެޅުވުމެވެ. އެނޫންނަމަ އެއީ ފައިނޭންޝިއަލީ ލިބޭނެ ވަރަށް ބޮޑު ގެއްލުމެކެވެ. ހަމައެޔާއެކު އިއްލެ ބުނީ މިނިމުމު މާޗް މަހުގެ 15 އަށް ފިލްމްގެ ޓީޒާ ރިލީޒްކުރަން ތާވަލް ކުރިނަމަވެސް މިވަގުތަށް އެ ހުރިހާ މަސައްކަތެއްވެސް އޮތީ މަޑުޖައްސާލައިފަ އެވެ.

ނޮވެމްބަރުގެ ޕޯސްޓަރު---

ނޮވެމްބަރު ފަސްކޮށްފި، އެކަމަކު އުފާވެރި އެހެން ހަބަރެއް!

އަހަރުގެ އެންމެ ބޮޑު ފިލްމަށް ވާދަކުރާ 'ނޮވެމްބަރު' މި ފިލްމަކީ ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމް ޕްރޮޑަކްޝަން ސްޓޫޑިއޯ ކަމުގައިވާ ޑާކްރެއިން އެންޓަޓެއިންމަންޓް އިން މިހާތަނަށް ރިލީޒްކުރާ އެންމެ ބޮޑު އަދި ވަރުގަދަ ފިލްމެވެ. ފިލްމްގެ ޝޫޓީން ސިންގަޕޫރުގަ އާއި އައްޑޫގައި ކުރިއަށްގެންގޮސް ނިންމާލާފައިވާއރު މިހާރު ކުރިއަށްދަނީ ފިމްލްގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަކެެވެ.

އެހެން ނަމަވެސް ކޮރޯނާވައިރަހާ ގުޅިގެން ފިލްމް ދެން އެޅުވޭނެ ތާރީހެއް އަދި އަންދާޒާކުރަން ނޭނގޭކަމަށް ޑާކް ރެއިން އިން ބުނެ އެވެ. "ނޮވެމްބަރު" ފިލްމަށް ޑާކްރެއިންއިން ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވާއިރު، މިފަދަ ދަނޑިވަޅެއްގައި ފިލްމު އެޅުވުމުގެ ވިސްނުމެއް ނެތެވެ. އަދި މީގެ އިތުރުން އެ ސްޓޫޑިއޯއިން ކުރިއަށްގެންދިއަ "ބަޅިނދު"ގެ ޝޫޓިންވެސް މިހާރުވަނީ ކޮވިޑް-19އާ އެކު މެދުކަނޑާލާފަ އެވެ. ނަމަވެސް ސްޓޫޑިއޯއިން ތިބީ ކުރާނޭ މަސައްކަތެއް ނެތި އަތް އުރާލައިގެނެއް ނޫނެވެ.

"އަޅުގަނޑުމެންނަކީ މާ ބައިވަރު ލާރިއެއް ލިބެ ބައެއް ނޫން. އެކަމަކު މިވަގުތު އަތްއުރާލާފައި ރަޖާއާޅައިގެން ތިބެއްޖެނަމަ އެތަށް އާއިލާއަކަށް އޭގެ ގެއްލުންލިބޭނެ. އެހެންވެ ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން މިދަނީ" މޮގާ ބުންޏެވެ.

މިގޮތުން ޑާކްރެއިން އިން މިހާރު ތައްޔާރުވަމުން އަންނަނީ ވެބް ސީރީޒްއެއް އުފެއްދުމަށެވެ. މިހާރު އެ ސީރީޒް ލިޔުމުގެ މަސައްކަތްކުރިއަށްދާއިރު، މިއީ ފިލްމެއްގެ ފެންވަރަށް ތައްޔާރުކުރާ ސީރީޒްއެއްކަމަށްވެސް އެ ސްޓޫޑިއޯ އިން ބުނެއެވެ.8

ވެބްސީރީޒްގެ އިތުރު ތަފްސީލްތަކަށް އަދި މާ އަވަސްކަން ފާހަގަ ކުރަމުން ޑާކްރެއިން ބުނީ މި ނިންމުމަކީ މި ދުވަސްކޮޅާ ދިމާކޮށް ހުސްކޮށް ނުތިބުމުގެ ގޮތުންނާއި، މިއީ ސިނަމާއަކަށްގޮސް ފިލްމެއް ބަލާލުމަށް އެންމެ އެކަށޭނަ ވަގުތަށް ނުވާތީ ގޭގައި ތިބެގެންވެސް މީހުންނަށް މުނިފޫހިފިލުވޭނޭ ފަދަ ކަމެއް ކުރުމަށްޓަކައި ފަށާ މަސައްކަތެއް ކަމަށެވެ.

ފިލްމުގެ ޕޯސްޓަރެއް---

'އަނދިރިކަން' : ބޮޑު ލޮސް އެއް، އެކަމަކު އަދި ފެންނާނެ!

ރާއްޖޭގެ އެންމެ މަގްބޫލު އެއް އެކްޓަރު އަލީ ސީޒަން ޑައިރެކްޓްކޮށް އޭނާ ލީޑު ރޯލު ކުޅުނު 'އަނދިރިކަން' މި ފިލްމަކީ މި ބަލިމާދުކަމުގެ އަސަރު ހަގީގަތުގައިވެސް އެންމެ ބޮޑަށް ކުރި އެއް ފިލްމެވެ. ފިލްމްގެ 5 ޝޯ އޮލިމްޕަހުގެ އެޅުވި ހަވަނަ ޝޯ ކެންސަލް ކުރަންޖެހުނީ ކޮވިޑް19 ރާއްޖެއިންފެނި ފެތުރިދާނޭ ކަމުގެ ބިރުހީވާން ފެށުމުންނެވެ.

"ހަވަނަ ޝޯ އެޅުވުމުގެކުރިން މިނިސްޓަރު ޔުމްނާވެސް ޕާސަނަލީ ގުޅުއްވި. އަދި އެންސީއޭ އިންވެސް ގުޅި. ހުދު އަޅުގަނޑުމެންނަށްވެސް ގަބޫލުކުރެވެނު ފިލްމް އެޅުވުމަކީ މިދުވަސްވަރަށް އެންމެ ރައްކާތެރި އަދި ރަނގަޅު ނިންމުމެއް ނޫންކަން. އެކަމަކު ފިމްލް މި ދަނޑިވަޅަށް ނެގިއަސް އަދި އަޅުވާނަން" ފިލްމްގެ ޑައިރެކްޓާ ސީޒަން ބުންޏެވެ.

އަނދިރިކަަމަށް ލިބުނު ގެއްލުން ހަލައްކަ އަށް އަރާއިރު، ހަމަ އެވަރުގެ އިންވެސްޓްމަންޓެއް އޭނާކޮށްފައިވާ ދެވަނަ ފިލްމަކީ މިއަހަރަށް ރިލީޒްކުރުމަށް ތާވަލްކުރި ފިލްމު 'ލޯބިވެވިއްޖެ' އެވެ. މިދިޔައަހަރުއްސުރެ މި ފިލްމްގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާއިރު ފިލްމްގެ ނުނިމި ބާކީއޮތީ މާލޭގައި ނަގަން ހަމަޖެހިފައިވާ 2 މަންޒަރާއި 2 ލަަވައެކެވެ. އެހެންނަމަވެސް ފިލްމް އެޅުވޭނެ ތާރީޚެއް އަދި ލަފާކުރަންވެސް ނޭގޭއިރު، އަވަސްއަރުވާލާފައި ޝޫޓިން ކުރިއަށްގެންދިއުމުގެ އެއްވެސް މާނައެއް ނެތްކަމަށް ސީޒަން ބުންޏެވެ.

" މި ބަލިމަޑުކަމުން އަރައިގަނެވޭނެ ދުވަހެއް ބުނެދޭން އެއްވެސް ބަޔަކަށް ނޭނގެ. ދެން ވާނީ ކިހިނެއް ކަމެއް، ދެން ވާންވީ ކިހިނެއްކަމެއްވެސް ނޭގޭ ހާލަތެއްގައި މިތިބީ." އޭނާ ބުންޏެވެ.

ހުވާ ސީޒަން ދޭއްގެ ޕޯސްޓަރެއް--- ފޮޓޯ/ ފޭސްބުކް

'ހުވާ' ގެ އުންމީދަކީ މެދު ނުކެނޑި ގެނެސްދެވުން!

ދިވެހި ފިލްމް އިންޑަސްޓްރީގައި އެންމެ ކާމިޔަބު އެއް ޑައިރެކްޓަރު ކަމުގައިވަ ފާތުމަތު ނަހުލާގެ ވެބް ސީރީޒް ހުވާގެ ދެވަނަ ސީޒަން މިހާރު ބައިސްކޯފުން އަންނަނީ ދައްކަމުންނެވެ. މިއީ އުނދަގޫ ވަގުތުކޮޅެއްނަމަވެސް ނަހޫ ހުރީ ވަރަށް ޕޮޒިޓިވް ކޮށެވެ. ސީރީޒްގެ ބޮޑު ބައެއް ޝޫޓްކޮށްނިމިފައިވާއިރު ބާކީ އޮތީ ޖޫންމަހަށް ތާވަލްކޮށްފައިވާ ދެ އެޕިސޯޑެވެ. ނަހޫގެ އުންމީދަކީ އޭރަށްވާއިރަށް މި ހާލަތުން އާންމު ހާލަތަކަށް ރުޖޫއަވެވުމެވެ.

"ކޮސް ގިނަ މިސްޓޭކް" ގެ ޓީޒާގެ މަންޒަރެއްގެ ސްކްރީންޝޮޓެއް....

'ކޮސް ގިނަ މިސްޓޭކްސް' ގެ އަދިވެސް ވަރަށް ޕޮޒިޓިވް!

ކޮމެޑީ ފިލްމްތަކަށް ލޯބިކުރާ ފަރާތްތަކުން ދިގު އިންތިޒާރެއް ކުރަމުން އަންނަ މި ފިލްމަކީ ބޮޑު ކާސްޓަކާއި އެކު އިސްމާއިލް ޝަފީގް ޕްރޮޑިއުސް ކުރާ ފިލްމެކެވެ. ފިލްމްގެ މަސައްކަތްތަކަށް ބަލާއިރު، މިހާރު ކުރިއަށްދާ 'ހެހެސް' ގެ ޝޫޓިން ނިންމާލުމަށްފަހު ކާސްޓުންނަށް ވަގުތު އޮތްނަމަ ކޮސް ގިނަ މިސްޓޭކްސްގެ ޝޫޓިންވެސް ނިންމާލެވޭނެ ކަމަށް އޭނާ ބުންޏެވެ.

މިހާތަނަށް ރޭވިފައި ވާ ޝެޑިއުލްއަށް ޑިލޭތަކެއް އައިނަމަވެސް ޝަފީގް ހުރީ މިއަހަރުގެ އޮގްސްޓްގައި ފިލްމް އެޅުވޭނެ ކަމުގެ އުންމީދުގައެވެ.

އެހެނަސް ގެ ތަރިން----

'އެހެނަސް' ކުރިއަށްދާނެ!

މިިފަހުން އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި ވެބް ސީރީޒް އެހެނަސް ގެ މަސައްކަތްތަކަށް ބަލާއިރު ސީރީޒްގެ އެންމެ މަންޒަރެއް ނޫން އެހެން ހުރިހާ ޝޫޓިން އެއް އޮތީ ނިމިފައެވެ. އެއާއިއެކު ޕޯސްޓް ޕްރޮޑަކްޝަންއާއި ބެކް މިޔުޒިކް ފަދަ މަސައްކަތްތައް ކުރިއަށްދާއިރު، މިދުވަސްވަރު އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުރިކަން ފިލްމްގެ ފަރާތުން ރިޝްމީ ބުންޏެވެ.

އެހެނަސް ގެ މަސައްކަތްތަކުގެ އިތުރަށްވެސް ރިޝްމީއާއި ރަވީގެ އެހެން ކުދި ޕްރޮޖެކްޓްސްތަކާއި ފިލްމެއް މަސައްކަތްވެސް ފެށުމެއް ރާވާފައި އޮތްއިރު ކޮވިޑް19 އާއި ހެދި މިވަގުތަށް އެ ދެމެފިރިންވެސް ތިބީ މަސައްކަތްތައް މަޑު ޖައްސާލައިންނެވެ.

ރިޝްމީ ބުނާގޮތުން، މި ބަލިމަޑުކަމާއިއެކު، އިގްތިސާދީ ގޮތުން މިއަންނަ ދަތިތަކާއި އަދި ވިޔަފާރިތަކަށް ލިބޭ ގެއްލުންތަކާއި އެކު މުޅިި ފިލްމީ ދާއިރާއަށްވެސް ބޮޑެތި އަސަރުތަކެއް ކުރާނެ އެވެ. ހާޢްސަކޮށް އޮލިމްޕަހުގައި ފިލްމްތައް ނޭޅުވި ކޮށްފައިހުރި އިންވެސްޓްމަންޓްތައް ތާށިވުމަކީ ހުސްއެކަނި މި ދާއިރާއިން ލިބެ އެއްޗަކަށް ބަރޯސާވެގެންތިބި ފަރާތްތަކަށް ފޫނުބެއްދޭނެ ވަރުގެ ގެއްލުމެކެވެ.

comment ކޮމެންޓް