އެޗްޑީސީއަށް ދަކަންޖެހޭ ދެ މަހުގެ ކުލީގެ 30ޕަސަންޓު ދެކުން ފަސްކޮށްފި

އެޗްޑީސީ-- ފައިލް ފޮޓޯ

ކޮރޯނާވައިރަސް، ކޮވިޑް19އާ ގުޅިގެން ސަރުކާރުހެ އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދަކަން ޖެހޭ ދެމަހުގެ ކުލީގެ 30 ޕަސަންޓު ދެއްކުން އެ ކުންފުނިން ފަސްކޮށްފި އެވެ.

އެޗްޑީސީ އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، މިފަދަ ދަނޑިވަޅެއްގައި ފަރުދުންނާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެ ކުންފުނިން ދޫކޮށްފައިވާ ފުލެޓު، ގޯތިތައް، ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓުތަކާއި އަދި ސިނާއީ ބިންތަކަށް އެއްބަސްވުމުގެ ދަށުން ނިމިގެން މިދާ މާޗު މަހާއި އަންނަ މަހު ދަކަންޖެހޭ އިންސްޓޯލްމަންޓު/ކުލީގެ 30 ޕަސަންޓު އަށްވާ ފައިސާ ދެއްކުން ފަސްކުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

"ފަސްކުުރުމަށް ހަމަޖެހިފައިވާ ދެމަހުގެ އިންސްޓޯލްމަންޓު/ކުއްޔާށްވާ ފައިސާގެ 30 ޕަސަންޓު މި ކޯޕަރޭޝަންނަށް ދެއްކެވުމަށް 12 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއްގައި [ކަސްޓަމަރުން އެދިލައްވާ ގޮތުގެ މަތިން] އެކަމަށް އެދިވަޑައިގަންނަވާ ފަރާތްތަކަށް މި ކޯޕަރޭޝަނުން ދިނުމަށް ހަމަޖެހިވާ މައުލޫމާތައްޓަކައި ދަންނަވަން،" އިއުލާނުގައި ބުނެފައިވެ އެވެ.

މިފަދަ ލުއެއް ދިން ނަމަވެސް ކުއްޔާއި އިންސްޓޯލްމަންޓުގެ ފައިސާގެ 70 ޕަސަންޓު ގަވައިދުން އެ ކުންފުންޏަށް ދަކަން ދެއްކުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި ދެމަހުގެ ކުއްޔާއި އިންސްޓޯލްމަންޓްގެ ފައިސާ ބީއެމްއެލް ޑެބިޓް ކާޑު މެދުވެރިކޮށް މިހާރު ޖަމާކޮށްފައިވާ ފަރާޓްތަކަށް އެ ފައިސާ އަނބުރާ ލިބޭނެ ކަމަށްވެސް އެޗްޑީސީ އިން ބުންޏެވެ.

ދެމަހުގެ ކުއްޔާއި އިންސްޓޯލްމަންޓަށް އެގޮތަށް ލުޔެއް ދެވޭނީ އެއްބަސްވުމުގެ ދަށުން ގަވައިދުން ފައިސާ ދައްކަވަމުންދާ ފަރާތްތަކަށް އެކަނި ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުނެއެވެ. އަދި އެ ލުއި ހޯދުމަށް އެ ކުންފުންޏަށް ފޯމެއް ހުށަހަޅަން ވާނެ ކަމަށްވެސް އިއުލާނުގައި ބުންޏެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ، އަންނަ މަހު 10 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެކަމަށް ޓަކައި ހާއްސަކޮށްވައިވާ އީމެއިލް އެޑްރެސް ([email protected]) އަށެވެ.

ގަވައިދުން ފައިސާ ނުދެއްކިވިވާ ފަރާތްތަކުން އެކަމަށް އެދި އެޗްޑީސީއަށް ހުށަހެޅުމުން، އެ ކުންފުނިން އަމަލު ކުރަމުންދާ ޑެޓް ކަލެކްޝަން ޕޮލިސީއާ އެއްގޮތްވާ ގޮތުގެ ފައިސާ ދެއްކުމަށް ފުރުސަތު ދެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އިތުރު ލުއިތަކެއް ދިނުމަށް ވެސް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. އެގޮތުން އެ ކުންފުނިން ހައުސިން ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ސްކީމްތަކަށް ބަދަލު ކުރުމުގެ ފުރުސަތު އެންމެހައި ފަރާތްތަކަށް އޮންނާނެ ކަމަށް އެކުންފުނިން ބުންޏެވެ. އަދި އިސްލާމިކް ސްކީމްގެ ދަށުން ފައިސާ ދައްކަން ޖެހޭ ތާވަލަށް ގެނެވޭ ބަދަލުގެ ސަބަބުން ކޮންޕައުންޑް އިންޓްރެސްޓް ނާރާނެ ކަމަށް ވެސް އެޗްޑީސީން ބުންނެވެ.

އެ ލުއިތަކުގެ އިތުރުން އިތުރަށް ރިއާޔަތްކޮށް، އިތުރު ލުއިތަކެއް ފޯރުކޮށްދޭން ޖެހޭ ފަދަ ހާލަތެއްގައި އެފަދަ އިންތިޒާމްތައް އެ ކުންފުނިން ހަަމަޖައްސާދޭނެ ކަމުގެ ޔަގީންކަން ވެސް އެކުންފުނިން ދެއްވި އެވެ.

comment ކޮމެންޓް