އައްޑޫއިން ނެގި ތިން ދިވެހިންގެ ސާމްޕަލް ވެސް ކޮރޯނާއަށް ނެގެޓިވް

އައްޑޫ ސިޓީ ހިތަދޫ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން އައްޑޫ ސިޓީން ސާމްޕަލް ނަގައި ޓެސްޓު ކުރި ތިން ދިވެހިން ވެސް ވައިރަހަށް ނެގެޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އައްޑޫ ސިޓީން ތިން ދިވެހިންގެ ސާމްޕަލް ނަގާފައި ވަނީ، އެމީހުންގެ ފަރާތުން ބަލީގެ އަލާމާތް ފެނިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އިންޑިއާގެ ކޮޗިން އިން ރާއްޖެ އައި މީހެއްގެ ފަރާތުން ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން ހިތަދޫގައި ހުންނަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ވަނީ ގޮސްފަ އެވެ.

އަދި އޭނާއަށް އެންމެ ފުރަތަމަ އެޓެންޑްވި ޑޮކްޓަރާއި ދެ ނަރުހުން ވެސް ވަނީ ގޭގައި އެކަހެރިވާން އަންގައިފަ އެވެ.

ރާއްޖެއިން މިހާތަނަށް 18 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން 13 މީހަކު މުޅިން ރަނގަޅުވެފައި ވާއިރު، ރާއްޖޭގައި ޕޮޒިޓިވް ކޭސްގެ ގޮތުގައި މިހާރު ފަރުވާދެމުން އަންނަނީ ތިން ދިވެހިންނަށެވެ.

އެއި އިނގެރޭސިވިލާތުން ރާއްޖެ އައުމުން ކަރަންޓިނުކޮށްފައި ތިއްބާ ބައްޔަށް ޕޮޒިޓިވްވި ތިން ދިވެހިންނެވެ.

އަދި ބައްޔަށް ޕޮޒިޓިވްކަން ނޭނގި، ރާއްޖޭގައި ތިބި އިޓަލީގެ ދެ ފަތުރުވެރިޔަކު މިހާރު ވަނީ ފުރައިގެން ގޮސްފަ އެވެ.

comment ކޮމެންޓް