ކޮރޯނާވައިރަސް: ޗައިނާގެ ސިއްހީ މާހިރުންގެ ޓީމެއް އިނގިރޭސިވިލާތަށް ގޮސްފި

ޗައިނާއިން ވަނީ އިނގިރޭސިވިލާތަށް ސިއްހީ އާލާތްތަކާ އެކު މާހިރުންގެ ޓީމެއް ފޮނުވާފައި -- ފޮޓޯ: ޗައިނާ ޑެއިލީ

ލަންޑަން (މާޗް 31): އިނގިރޭސިވިލާތުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގައި އެހީވުމަށް ޗައިނާގެ ސިއްހީ މާހިރުންގެ ޓީމެއް އެގައުމަށް ގޮސްފި އެވެ.

ޗައިނާގެ ސީޖީޓީއެން ޗެނަލުން ރިޕޯޓު ކުރި ގޮތުގައި 15 މެމްބަރުންގެ އެ ޓީމުގައި ސަރުކާރުގެ އޮފިޝަލުންނާއި ޑޮކްޓަރުންނާއި ނަރުހުން ހިމެނެ އެވެ. އަދި އެމީހުން އިނގިރޭސިވިލާތުގެ ސިއްހީ އިސް އޮފިޝަލުންނާ ބައްދަލުކޮށް، ޗައިނާއިން ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތާއި އެމީހުންގެ ތަޖުރިބާ ހިއްސާ ކުރާނެ އެވެ.

މީގެ އިތުރުން ސީޖީޓީއެން އިން ބުނި ގޮތުގައި އެ ޓީމު ދިޔައީ 17.5 ޓަނުގެ ސިއްހީ އާލާތްތައް ވެސް ހިފައިގެންނެވެ. އޭގެ ތެރޭގައި 10 ވެންޓިލޭޓަރާއި 100،000 މާސްކާއި ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ ގިނަ އަދަދެއްގެ ޕްރޮޓެކްޓިވް ސޫޓްތައް ހިމެނެ އެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް 22،400އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 1،408 މީހަކު ވަނީ މަރުވެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާ އިން ކޮރޯނާވައިރަސް ފެނުނު ފަހުން އެގައުމުގެ 82,240 މީހަކު ވަނީ އެ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ސަބަބުން 3،309 މީހަކު މަރުވެފައިވާ އިރު، 76,199 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ޗައިނާއިން މިހާރު ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް މީގެ ކުރިން އަޅާފައި އޮތް ހަރުކަށި ފިޔަވަޅުތައް ލުއި ކުރަން ފަށާފަ އެވެ. އެގޮތުން ވައިރަސް ފުރަތަމަ ފެނުނު ހޫބެއި ޕްރޮވިންސް ޖެނުއަރީ މަހުން ފެށިގެން ބަންދުކޮށްފައި އޮތުމަށް ފަހު، ވޫހާން ފިޔަވާ ހުރިހާ ސަރަހައްދެއް ވަނީ މިދިޔަ ހަފްތާގައި ހުޅުވާފަ އެވެ. އަދި ވޫހާން ވެސް އަންނަ މަހުގެ އަށެއްގައި އެއްކޮށް ހުޅުވާލަން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް