އިންޑިއާގައި މީހުންގެ ގަޔަށް ޑިސްއިންފެކްޓެންޓް ޖެހި މައްސަލައެއް ބަލަނީ

ބަރޭލީއަށް ދިޔަ މީހުންގެ ގަޔަށް ޑިސްއިންފެކްޓެންޓް ޖަހަނީ -- ފޮޓޯ: ކަންވަރުދީޕްސިންހު/ޓުވިޓާ

ދިއްލީ (މާޗް 31): ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މަގުތަކާއި އުޅަނދުތައް ސާފު ކުރުމަށް ބޭނުން ކުރާ ޑިސްއިންފެކްޓެންޓް މީހުންގެ ގަޔަށް ޖެހި މައްސަލައެއް އިންޑިއާއިން ބަލަން ފަށައިފި އެވެ.

އެ ހާދިސާ ފެންމަތިވެފައި ވަނީ ޓައިމްސް އޮފް އިންޑިއާގެ ނޫސްވެރިޔަކު ޓުވިޓާ މެދުވެރިކޮށް ހިއްސާ ކުރި ވީޑިއޯއަކާ ގުޅިގެންނެވެ. އެވީޑިއޯއިން ފެންނަނީ ރައްކާތެރި ސޫޓް ލައިގެން ތިބި މެޑިކަލް އަދި ފަޔާ އޮފިޝަލުންތަކެއް، އެތަނަށް އެއްވެފައި ތިބި ބަޔެއްގެ ގަޔަށް "ކެމިކަލްތަކެއް" ޖަހާ މަންޒަރެވެ.

އެ ހާދިސާ ހިނގާފައި ވަނީ އުއްތަރަ ޕްރަދޭޝްގެ ބަރޭލީގައެވެ. އަދި އެ ވީޑިއޯއިން ފެނިގެންދަނީ އަމިއްލަ އަވަށުން ބޭރުގައި މަސައްކަތްކުރަމުން ދަނިކޮށް ލޮކްޑައުން އިއުލާން ކުރުމާ ގުޅިގެން ވަޒީފާ ގެއްލުމުން، ބަރޭލީއަށް އަނބުރާ ދިޔަ މީހުން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އެ ވީޑިއޯ މީހުން ބަލާފައިވާ މިންވަރު މިހާރު އެއް މިލިއަނަށް އަރާފައިވާ އިރު، ގިނަ ބަޔަކު ވަނީ އެ ހާދިސާއާ ގުޅިގެން ނުރުހުން ފާޅުކޮށްފައެވެ. އަދި ބައެއް މީހުން ވަނީ އިންޑިއާއަށް ބޭރުގެ ގައުމުތަކުންދާ ފަސިންޖަރުން "ޑިސްއިންފެކްޓް" ކުރޭތޯ ސުވާލުކޮށް، އެއީ އެގައުމުގެ އެއާޕޯޓުތަކާއި ބަސް ސްޓޭޝަންތަކާއި ރޭލު ސްޓޭޝަންތަކުގައި އަމަލުކުރާ ގޮތެއް ނޫންކަމަށް ބުނެފައެވެ. ނަމަވެސް ޓުވިޓާގައި ބައެއް މީހުން ވަނީ އެހެން ގައުމުތަކުގައިވެސް މީހުންގެ ގަޔަށް ޑިސްއިންފެކްޓެންޓް ޖެހުމަކީ ކުރާ ކަމެއްކަން ފާހަގަކޮށްފައެވެ.

ބަރޭލީގެ ޑިސްޓްރިކްޓް މެޖިސްޓްރޭޓް ވަނީ އެ ވީޑިއޯ ތަހުގީގުކޮށްފައިވާ ކަމަށާއި އެކަމުގައި ކުށްވެރިވާ މީހުންނަށް ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފަ އެވެ. އަދި ކެމިކަލުގެ އަސަރު ކުރި މީހުންނަށް އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓާސް އޮފީހުގެ ބެލުމުގެ ދަށުން ފަރުވާ ދެމުންދާ ކަމަށް ވިދާޅުވެފައެވެ.

"ބަރޭލީ މުނިސިޕަލް ކޯޕަރޭޝަންގެ ޓީމާއި ފަޔާ ޑިޕާޓްމެންޓު އޮފިޝަލުންނަށް އަންގާފައި ވަނީ ބަސްތައް ސެނިޓައިޒް ކުރުމަށް ނަމަވެސް އެމީހުން ވަނީ މީހުންގެ ގަޔަށްވެސް ސްޕްރޭ ޖަހާފަ،" ޑިސްޓްރިކްޓް މެޖިސްޓްރޭޓް ވިދާޅުވިއެވެ.

އިންޑިއާގައި މިމަހުގެ 25ގައި އިއުލާންކުރި ލޮކްޑައުންގެ ސަބަބުން އެގައުމުގެ މައި ސިޓީތަކަށް ވަޒީފާ ހޯދުމުގެ ބޭނުމުގައި ގޮސް ތިބި އެތައް މިލިއަން މީހުންގެ ވަޒީފާ ގެއްލި، ކާނާ ނުލިބުމުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. އެހެންކަމުން ދިއްލީއާއި މުމްބާއީ ފަދަ ސިޓީތަކުގައި ދުވަހު މުސާރައިން ދިރިއުޅެމުން ދިޔަ އެތައް މިލިއަން މީހުން ވަނީ އަމިއްލަ އަވަށަށް ދިޔުމަށް ދަތުރު ފަށާފައެވެ.

އޭގެ ތެރެއިން ބައެއް މީހުންނަށް އަވަށަށް ވަނުމުގެ ހުއްދަ ނުދިނުމާއި ތޮއްޖެހިފައިވާ ތަންތަނުގައި "ކަރަންޓީނު" ކުރާ ކަމުގެ ރިޕޯޓުތައް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. އަދި އެހާވަރަށް ގިނަ މީހުން އެއް ފަހަރާ އެކި ތަންތަނަށް ދަތުރު ކުރުމުން އިންޑިއާގައި ވައިރަސް ފެތުރޭ މިންވަރު އިތުރުވެދާނެ ކަމުގެ ބިރު ހެލްތު އޮފިޝަލުން ވަނީ ފާޅުކޮށްފައެވެ.

އިންޑިއާގެ ލޮކްޑައުން ނިމުމަކަށް އަންނާނީ އަންނަ މަހުގެ 14 ގައެވެ.

comment ކޮމެންޓް