ބާރަށުގައި ޖެހުނު މައްސަލައެއް ހައްލު ކުރަން ދިއްދޫއިން އިތުރު ފުލުހުން ފޮނުވަން ޖެހިއްޖެ

ރޭ ބާރަށުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން: އެ މައްސަލަ ހައްލު ކުރަން ދިއްދޫއިން ފުލުހުން ފޮނުވަން ޖެހުނު --

ހއ. ބާރަށުގެ ޒުވާނުންގެ ބަޔަކާ އެ ރަށުގައި ހުރި ފުލުހަކާ މައްސަލަ ޖެހި ހޫނުވުމުން، މައްސަލަ ހައްލު ކުރަން އެ އަތޮޅު ދިއްދޫއިން ފުލުހުން ބެކަޕް ފޮނުވަން ޖެހިއްޖެ އެވެ.

ފުލުހުން މިއަދު ބުނީ، ބާރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު އެ ރަށުގެ މީހާކާ މުހާތަބު ކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ރޭ އެ ފުލުސް މީހާ ރަށުން ބޭރު ކުރުމަށް ޒުވާނުންގެ ބަޔަކު ޑިމާންޑު ކުރި ކަމަށެވެ.

ޕޮލިސް ސްޓޭޝަން ކައިރިއށް އެއްވި ޒުވާނުން ވަނީ އެތަނުން ދިޔުމަށް ދެކޮޅުހަދައިފަ އެވެ. އެކަމާ ގުޅިގެން، ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުންވެސް އިތުރު ފުލުހުން ބާރަށަށް ދިޔަ އެވެ.

ދިއްދޫއިން ރޭ 11:50 އެހާކަންހާއިރު ދިޔަ ފުލުހުންނާއި ބާރަށު ކައުންސިލުގެ ރައީސް ހިމެނޭ ގޮތަށް ފަސް މީހުންގެ ޓީމަކުން ވަނީ ޒުވާނުން އެތަނުން ދިޔުމަށް ވާހަކަ ދައްކައިފަ އެވެ.

"އެއްވިި މީހުންނަށް އެކަށީގެންވާ ސަބަބެއް ދެއްކިފައި ނުވާތީ އެ މީހުންނަށް ނަސޭހަތް ދިނުމަށްފަހު 1:35 ހާއިރު ފޮނުވާލެވިފައިވޭ،" ފުލުހުން ބުންޏެވެ.

ބާރަށުގެ ޒުވާނުންނާއި އެ ރަށުގެ ފުލުހަކާ މައްސަލަ ޖެހުނީ ޑްރޯންއެއް ބޭނުންކޮށްގެން ފުލުހަކު އަންހެން ކުއްޖެއްގެ ބަރަހަނާ ފޮޓޯއެއް ނެގުމުން ކަމަށް އިއްޔެ ސޯޝަލް މީޑިއާގައި ވަނީ އަޑުފެތުރިފައެވެ. އެކަމަކު، ފުލުހުން ބުނީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

comment ކޮމެންޓް