އޮންލައިންކޮށް ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އިރު، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް، ފާރުގައި ހަރުކޮށްފައި ހުރި ޕޯސްޓަރުތަކެއްގެ ސަބަބުން، ޝިޔާމްގެ ބެކްގްރައުންޑް ފުސްކުރަން ރިޔާސަތުން އަންގައިފި އެވެ.
މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އިރު ޝިޔާމް އިށީނދެވަޑައިިގެން އިންނެވި ކޮޓަރީގެ ފާރުުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާފައިވާ ޕޯސްޓަރުތަކެއް ހަރުކޮށްފައި ހުއްޓެވެ. އަދި ސިއްހީ ހިދުމަތްތެރިންނަށް ޝުކުރު އަދާކޮށްފައިވާ ޕޯސްޓަރުތަކެއް ވެސް ހުއްޓެވެ.
ބަހުސްގައި ބައިވެރިވެވަޑައިގެން ޝިޔާމް ވާހަކަދައްކަވަން ފެއްޓެވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޝިޔާމްގެ ބެކްގްރައުންޑް ފުސްކުރަން އަންގަވައިފައެވެ.
އެކަމާ ގުޅިގެން މެމްބަރު ޝިޔާމް ވަނީ ބެކްގްރައުންޑުގައި މައްސަލައެއް އުޅެނީތޯ ސުވާލު އުފައްދަވައިފައެވެ.
"އަޅުގަނޑުގެ ފަހަތުން އެ ފެންނަނީ ސިއްހީ ދާއިރާގެ ބޭފުޅުންނަށް ޝުކުރު އަދާކޮށްފަ އިން އެއް ބެނާ. އަނެއް ބެނާ އަކީ ރާއްޖެއަށް ވަރަށް ހިދުމަތްތެރި ރައީސެއް ދޫކޮށްލުމަށް އެދިި ގޮވާލާފަ،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމްގެ ވާހަކައާ ގުޅިގެން ނަޝީދު ވިދާޅުވީ މަޖިލީހުގެ ކައުންސެލާ ޖެނެރަލް ނުކުތާއެއް ފާހަގަކުރައްވާ ކަމަށާއި، އެއްވެސް ކަހަލަ ލޯގޯއެއް، ނިޝާނެއް ނުވަތަ ޝިއާރެއް އެގޮތަށް ގެންގުޅުމަކީ މަޖިލީހުގެ ގަވާއިދު ހުއްދަކުރާ ކަމެއް ނޫންކަމަށް ކައުންސެލާ ޖެނެރަލް ވިދާޅުވާ ކަމަށެވެ.
"އެހެންވީމަ ވަރަށް ބޮޑަށް އެދެން އިއްޒަތެރި މެމްބަރުގެ ބެކްގްރައުންޑް ބްލާޑް ކޮށްލަދެއްވުމަށް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ އިރުޝާދާ އެއްގޮތަށް ޝިޔާމް ވަނީ ބެކްގްރައުންޑް ފުސްކުރައްވައި، ބަހުސް ކުރިއަށް ގެންދަވައިފައެވެ.
މީގެކުރިން ތަޅުމުގައި ޖަލްސާތައް ކުރިއަށް ދިޔަ އިރުވެސް، ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ މެމްބަރުން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާއި ޕޯސްޓަރުތައް ގެންގުޅުއްވައިފައެވެ.