އަރުޝަދު ދޫކޮށްލި މައްސަލަ ރިވިއު ކުރަން ހުށަހަޅައިފި

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނާ އަރުޝަދު: އޭނާ އިއްޔެ ވަނީ ބަންދުން ދޫކޮށްލައިފައި --- ފޮޓޯ/ ޕޮލިސް

މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުން މާލޭގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި އިސްކޮށްހުރި، އަރުޝަދު ހާލިދު ކޯޓު އަމުރެއްގެ ދަށުން ދޫކޮށްލި މައްސަލަ ރިވިއު ކުރުމަށް ހުށަހަޅައިފި އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ އަރުޝަދު ދޫކޮށްލި މައްސަލަ ރިވިއު ކުރަން ހުށަހެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގައި ފުލުހުން ދަންނަވާފައިވާ ކަމަށެވެ.

ޕީޖީ މެދުވެރިކޮށް އެ މައްސަލަ ރިވިއުކުރުމުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުން ޝެޑިއުލްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ ރިވިއުކުރުމަށް ތާވަލުކޮށްފައިވަނީ މިއަދު 1500 އަށެވެ.

ކޯޓު އަމުރެއްގެ ދަށުން އަރުޝަދު ދޫކޮށްލާފައިވަނީ އިއްޔެ އެވެ.

އަރުޝަދު ބަންދުން ދޫކޮށްލުމަށް ކޯޓުން ކުރި ޝަރުތުތައް ފުލުހުން ހާމައެއް ނުކުރައެވެ. ފުލުހުން ބުނީ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ގދ. ހޯޑެއްދޫއަށް ނިސްބަތްވާ އިތުރު ތިން މީހެއްގެ ބަންދަށް އިއްޔެ 10 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ. ބަންދުގެ މުއްދަތު އިތުރުކުރީ، އިރުމަތީގެ، އަހްމަދު ސުނައިނު (23އ) އާއި މެޑްރިޓްހައުސް، އަހްމަދު ގިޔާސް އަދި ގުލޭނޫރަންމާގެ، އަލީ ޒުބައިރެވެ.

މި މައްސަލައާ ގުޅިގެން ދެން ހައްޔަރު ކުރި މީޙުންނަކީ، ލ. ކަލައިދޫ، މަތަރަސްމާގެ، ހުސައިން ޒަހީން (25އ) އާއި ކ. މާލެ، މ. ދާރުލްގަރާރު، އިސްމާއިލް ވިޝާލް (25އ) އާއި ކ. މާލެ، މއ. ވައިލެޓްމާގެ، އަސްލަމް ނާޒިމް އާއި ޅ. ނައިފަރު، މިސްކިތްދޮށުގެ، އަހްމަދު އިމްސާހު (32އ) އަދި ގއ. ގެމަނަފުށި، ސުރައްޔާމަންޒިލް، މުހައްމަދު ސިދުރަތު (27އ) އެވެ.

މަސްތުވާތަކެތީގެ ބޮޑު އެ އޮޕަރޭޝަނާ ގުޅުންހުރި 4.6 މިލިއަން ރުފިޔާ ފުލުހުން ވަނީ އިއްޔެ ހިފަހައްޓާފަ އެވެ.

comment ކޮމެންޓް