އިންޑިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށްބޮޑަށް އިތުރުވާން ފަށައިފި

އިންޑިއާގެ ކެރެލާ ސްޓޭޓްގައި ކޮވިޑް-19 އާ މެދު ހޭލުންތެރިކަން އުފައްދަނީ

ނިއުދިއްލީ (31 މާޗް 2020) : އިންޑިއާގައި ކޮރޯނާ ވައިރަސް "ކޮވިޑް-19" އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާން ފަށައިފި އެވެ.

އިންޑިއާގެ ސިއްހަތާބެހޭ ވުޒާރާއިން ނެރުނު ކޮރޯނާވައިރަސްގެ ރިޕޯޓްގައިވާ ގޮތުން ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން ވަނީ 227 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ އެގައުމުގެ ކެރެލާ ސްޓޭޓުން ރިޕޯޓްކުރި ކޭސްތަކެވެ. ފާއިތުވި 24 ގަޑީއިރު ތެރޭގައި ކެރެލާއިން އެކަނި 202 މީހުންނަށް ކޮރޯނާވައިރަސް ޖެހިފައިވެ އެވެ. މީގެކުރިން އިންޑިއާއިން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެގެން ދުވާލެއެއްގެ މައްޗަށް ރިޕޯޓްކުރަނީ ސަތޭކައަށްވުރެ ވެސް މަދު ހާލަތްތަކެވެ.

ކެރެލާއަކީ އިންޑިއާގައި އާބާދީބޮޑު އަދި ބިންކުޑަ ވަސީލަތްތައް މަދު ފަގީރު ސްޓޭޓެއް ނަމަވެސް އެއީ އިންޑިއާގެ އެހެން ސްޓޭޓްތަކާ އަޅާބަލާއިރު ތައުލީމީ ހާލަތު ރަނގަނޅު އަދި އިންސާނީ ތަރައްގީގެ އިންޑެކްސް މަތި ސްޓޭޓެކެވެ. ބިން ކުޑަވެފައި އާބާދީ ބޮޑުވުމުން ކެރެލާއަކީ އިންޑިއާގެ އެހެން ސްޓޭޓްތަކާއަޅާބަލާއިރު ތޮއްޖެހުން ވަރަށް ބޮޑު އަދި ދިރިއުޅުމުގެ އާންމު ހާލަތުދަށް ސްޓޭޓެއް ވެސްމެ އެވެ.

ދެވަނައަށް އެންމެ ގިނައިން ކޮރޯނާ ވައިރަސްގެ ކޭސްތައް ރިޕޯޓްކޮށްފައި ވަނީ މަހާރާޝްތްރާއިންނެވެ. އެސްޓޭޓުން 198 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. މިއީ 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން މިހާ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. މި ކޭސްތަކާ އެކު އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1251 އަށް އަރާފަ އެވެ.

ކޮވިޑް-19 އާ ގުޅިހގެން އިންޑިއާގެ ސްކޫލްތައް ބަންދުކޮިށްފައި

ކެރެލާއާއި މަހާރާޝްތްރާއިން މިހާގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވީ އިންޑިއާގެ އެހެން ސްޓޭޓްތަކަށް ވުރެ ގިނައިން އެދެ ސްޓޭޓްގައި އެރޯގާއަށް ޓެސްޓްކުރި މީހުންގެ އަދަދު ގިނަވުމުންކަމަށް އިންޑިއާގެ ނޫސްތައް ބުނެ އެވެ. އިންޑިއާގައި ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރިފައިވާ ކަމުގެ ބިރު އޮތްކަމަށް އެގައުމުގެ ސިއްޙަތާ ބެހޭ ތަޖްރިބާކާރުން ބުނާއިރު އެރޯގާއަށް ޕޮޒިޓިވްވިކަން ކަށަވަރުވާ މީހުންގެ އަދަދު މިވަގުތަށްމަދީ ޝައްކުކުރެވޭ ހާލަތުގައިވާ ގިނަބަޔަކު އެރޯގާއަށް ޓެސްޓް ނުކުރާތީ ކަމަށްވެ އެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ތަޖްރިބާކާރުންނާއި ބައިނަލްއަގްވާމީ ފަރާތްތަކުންވަނީ އިންޑިއާގައި ކޮވިޑް-19އަށް ޓެސްޓު ކުރާ މިންވަރު އިތުރު ކުރުމަށް އިންޑިއާ ސަރުކާރަށް ގޮވާލައި އެކަމަށް ވަރަށް ބޮޑަށް ބާރުއަޅަމުންނެވެ. ނަމަވެސް އިންޑިއާ ފަދަ ބޮޑު އާބާދީއެއް އޮންނަ ގައުމެއްގައި ޝައްކުކުރެވޭ ހާލަތުގައިވާ ހުރިހާ މީހުން ކޮވިޑް-19އަށް ޓެސްޓު ކުރުމަކީ ޚަރަދުބޮޑު ކަމަކަށްވުމުގެ އިތުރުން އެއީ ފަސޭހައިން ކުރެވޭވަރުގެ ކަމަކަށް ނުވާނެކަމަށް އިންޑިއާގެ މަސްއޫލުވެރިން ދެކެވަޑައިގަންނަވަ އެވެ.

ނަމަވެސް ކޮވިޑް-19އާ ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބު ކުރެވޭނީ ޝައްކުކުރެވޭ ހުރިހާ މީހުން އެވައިރަސް އަށް ޓެސްޓްކޮށް އޭގެތެރެއިން ޕޮޒިޓިވްވާ މީހުން އެހެންމީހުންނާ އެކެހެރިކޮށް ފަރުވާދީގެން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް