އިންޑިއާގައި ތާށިވެފައި ހުރި ބޭސް ޝިޕްމަންޓު ބުރާސްފަތި ދުވަހު ލިބޭނެ

ޣިޔާސުއްދީސް ސްކޫލުގައި އެސްޓީއޯއިން ގާއިމް ކުރި ޑިސްޓްރިބިއުޝަން ސެންޓަރު -- ސަން ފޮޓޯ: ފަޔާޒު މޫސާ

ކޮވިޑް19 ކޮންޓްރޯލް ކުރުމަށް އިންޑިއާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގެ ފަސް ސިޓީއަކުން ރާއްޖެ ނުގެނެވި ހުރި ބޭސް ޝިޕްމަންޓް ބުރާސްފަތި ދުވަހު ރާއްޖެ ގެނެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އިންޑިއާ ލޮކްޑައުން އަކަށް ދިޔުމާ ގުޅިގެން އެޤައުމުގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބުރޫ އަރާފައެވެ. އަދި ރާއްޖެ ގެންނަން ތައްޔާރުކޮށްފައި ހުރި ބޭސް ޝިޕްމަންޓުވެސް، ބޭސްތައް ހުރި ސިޓީތަކުން އެއްތަނަކަށް ގެންގޮސް، ރާއްޖެއަށް ބޭސް ގެނައުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އޯޑަރުކޮށްފައިވާ އަށް ޓަނުގެ ބޭސް ޝިޕްމަންޓެއް އިންޑިއާގައި ތާށިވެފައި އެބަހުއްޓެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބޭސް ޝިޕްމަންޓު ރާއްޖެ ގެނައުމަށް މިހާރު ރާއްޖޭގެ ގައުމީ ދިފާއީ ބާރާއި، އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މާދަމާގެ ވަގުތެއްގައި އިންޑިއަން އެއާފޯސްގެ މަތިންދާބޯޓެއްގައި އިންޑިއާގެ ނިއުދިއްލީ، މުމްބާއީ، ޗެންނާއީ އަދި މަދޫރާއީގައި ހުރި އަށް ޓަނުގެ ބޭސް ރާއްޖެ ގެނައުމަށް އެއްތަނަކަށް ގެންދެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި ބުރާސްފަތި ދުވަހު އިންޑިއަން އެއާފޯސްގެ މަތިންދާބޯޓެއްގައި އެ ބޭސްތައް ރާއްޖެއަށް ގެނެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭހުގެ ތިން މަސްދުވަހުގެ ސްޓޮކެއް ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން ދީފައިވެއެވެ. އަދި ލޮކްޑައުން ހާލަތާ ގުޅިގެން ކާޑުގެ ބައެއް ބާވަތްތައް ގެނައުމަށް ދިމާވި ދަތިތައްވެސް ހައްލުކޮށް، ކާޑުގެ ޝިޕްމަންޓްތައް ވަނީ ރާއްޖެ ގެނެސްފައެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ވަރަށް ގިނަ މުދާ އިންޑިއާއިން އިމްޕޯޓްކުރަމުންދާއިރު، މިތަކެތި ރާއްޖެ ގެނައުމުގައި އެއްވެސް ދައްޗެއް ދިމާވިޔަ ނުދިނުމާ ބެހޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ ހަފްތާގައި އިންޑިއާގެ ހާރިޖީ ވަޒީރު ޑރ ސުބްރަމާނިއަމް ޖައިޝަންކަރާ މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

"ފޯނުން ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި އެއްވެސް މެދުކެނޑުމެއް ނެތި ބޭހުގެ ބާވަތްތަކާ ކާޑުގެ ބާވަތްތައް ރާއްޖެއަށް ލިބޭނެކަމުގެ ޔަގީނންކަން އިންޑިއާއިން ވަނީ މިނިސްޓަރު ޝާހިދަށް އަރުވާފައި،" މިއުވާން ވިދާޅުވިއެވެ.

comment ކޮމެންޓް