ބަލިމަޑުކަމުގެ ސަބަބުން އޭޝިއާގެ އިގުތިސާދީ ކުރިއެރުން ދަށަށް ދާނެ: ވޯލްޑް ބޭންކް

ވޯލްޑް ބޭންކުން ވަނީ ކޮރޯނާވައިރަހުގެ ސަބަބުން އޭޝިއާގެ އިގުތިސާދީ ކުރިއެރުން ދަށަށް ދާނެ ކަމަށް ބުނެފަ -- ފޮޓޯ: އޭޕީ

ވޮޝިންޓަން (މާޗް 31): ކޮރޯނާވައިރަހުގެ ސަބަބުން އިރުމަތީ އޭޝިއާ އާއި ޕެސިފިކް ގައުމުތަކުގެ އިގުތިސާދީ ކުރިއެރުން ދަށަށް ދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.

ވޯލްޑް ބޭންކުން އިއްޔެ ބުނި ގޮތުގައި މިބަލިމަޑުކަމުގެ ސަބަބުން އިރުމަތީ އޭޝިއާ އާއި ޕެސިފިކް ގައުމުތަކުގެ އިގުތިސާދަށް އަންނާނެ ބަދަލު ޔަގީންކޮށް ބުނަން އަދި ދަށްޗެވެ. ނަމަވެސް މިހާރު ލަފާ ކުރެވޭ ގޮތުގައި މި އަހަރު ތެރޭ އެގައުމުތަކުގެ ހާލަތު ރަނގަޅުވާން ފަށައިފި ނަމަ، އެގައުމުތަކުގެ އިގުތިސާދު ކުރިއަރާ މިންވަރު 2.1 ޕަސެންޓަށް ދަށްވާނެ އެވެ.

އެއާ ހިލާފަށް، ވައިރަހުގެ ނޭދެވޭ އަސަރު އަންނަ އަހަރާ ހަމަޔަށް ދެމިގެންގޮސްފި ނަމަ އިގުތިސާދީ ކުރިއެރުން މައިނަސް 0.5 ޕަސެންޓަށް ވެއްޓޭނެ އެވެ. އެ ހާލަތަށް އޭޝިއާގެ ގައުމުތައް ގޮސްފި ނަމަ އެވާނީ 1997 އާއި 1998 ދެމެދު ކުރިމަތިވި އޭޝިއަން ކަރެންސީ ކްރައިސިސްއަށް ފަހު މިސަރަހައްދުގެ އިގުތިސާދީ ކުރިއެރުން އެހާވަރަށް ދަށްވި ފުރަތަމަ ފަހަރަށެވެ. އެ ކާރިސާގެ ސަބަބުން އެ ފަހަރު ދުނިޔޭގެ 40 ޕަސެންޓު ރިސެޝަންއަކަށް ދިޔަ އެވެ.

މީގެ އިތުރުން ބަލިމަޑުކަމުގެ ނޭދެވޭ އަސަރުތައް ދެމިގެންދާ ހާލަތުގައި އިރުމަތީ އޭޝިއާ-ޕެސިފިކްގެ 11 މިލިއަނަށް ވުރެ ގިނަ މީހުން ފަގީރުކަމާ ކުރިމަތިލާން ޖެހޭނެ ކަމަށް ބޭންކުން ލަފާ ކުރި އެވެ. ކޮރޯނާވައިރަސް ފެތުރުމުގެ ކުރިން އެ ބޭންކުން ލަފާކޮށްފައި އޮތީ މި ސަރަހައްދުގެ އިގުތިސާދީ ކުރިއެރުމުގެ ސަބަބުން 35 މިލިއަން މީހުންނަށް ފަގީރު ކަމުން އަރައިގަނެވޭނެ ކަމަށެވެ.

ވޯލްޑް ބޭންކުން ލަފާ ކުރާ ގޮތުގައި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގުތިސާދު ކަމަށްވާ ޗައިނާގެ އިގުތިސާދީ ކުރިއެރުން މި އަހަރު 2.3 ޕަސެންޓަށް ދަށްވާނެ އެވެ. އަދި އެންމެ ގޯސް ހާލަތުގައި ކުރިއެރުން 0.1 ޕަސެންޓަށް ދަށްވާނެ އެވެ. އެއާ އަޅާ ބަލާއިރު މިދިޔަ އަހަރު ޗައިނާގެ އިގުތިސާދު ވަނީ 6.1 ޕަސެންޓަށް ކުރިއަރާފަ އެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި އިގުތިސާދަށް މިއަންނަ ބަދަލުތަކާ އެކު މިސަރަހައްދުގެ ގައުމުތަކުން ސިއްހީ ފަރުވާއަށް އިންވެސްޓުކޮށް، އިގުތިސާދު ހަމަޔަކަށް އެޅުމަށް ފިޔަވަޅުތައް އަޅަން ޖެހެ އެވެ. އަދި ސިއްހީ ވަސީލަތްތައް އުފެއްދުމާއި ސަޕްލައި ކުރުން އިތުރު ކުރުމުގެ ގޮތުން ހުރިހާ ގައުމަކުންވެސް ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކޮށް، ގައުމުތަކުގެ މެދުގައި އާ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕްތައް ހަދަން ޖެހެ އެވެ.

ވޯލްޑް ބޭންކުން މީގެ ކުރިން ވަނީ ވައިރަހާ ދެކޮޅަށް ތަރައްގީވަމުން އަންނަ ގައުމުތަކުން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން 14 ބިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފަ އެވެ. އަދި ފަގީރުންނާއި އެހެނިހެން އެހީއަށް ބޭނުންވެފައިވާ ފަރާތްތައް ރައްކާތެރިކުރުމުގެ ގޮތުން ކުރިއަށް އޮތް 15 މަސް ތެރޭ އެ ބޭންކުން ހަރަދު ކުރާ މިންވަރު 160 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފަ އެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ކުރާނެ އަސަރު އަދި ލަފާ ކުރެވިފައި ނުވެ އެވެ. ނަމަވެސް މިދިޔަ ހަފްތާގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ބުނި ގޮތުގައި ދުނިޔޭގެ އިގުތިސާދު މިހާރު ވެސް ވަނީ ރިސެޝަންއަކަށް ގޮސްފަ އެވެ. އަދި މި ރިސެޝަންއަކީ 2008 ވަނަ އަހަރުގެ މާލީ ކާރިސާއާ އެއްވަރު ނުވަތަ އެއަށްވުރެ ވެސް ހާލަތު ގޯސް ކާރިސާއަކަށް ވެދާނެ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފުރަތަމަ ފެނުނު ކޮރޯނާވައިރަސް މިހާރު ދުނިޔޭގެ 170އަށް ވުރެ ގިނަ ގައުމަށް ފެތުރި، 786،000އަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ތެރެއިން 37,820 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް