ޔޫކޭއިން އައި އިތުރު ދިވެއްސެއް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެ

މުޅި ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިނގެރޭސިވިލާތުން އެނބުރި އައިތަނުން ކަރަންޓީނުކުރި އިތުރު ދިިވެއްސަކު ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އިނގެރޭސިވިލާތުން އެނބުރި އައުމުން ރޯޔަލް އައިލެންޑް ރިސޯޓުގައި ކަރަންޓީނު ކޮށްފައި ހުރި ދިވެއްސެއް ކަމަށެވެ.

އޭނާ އަކީ މި ބައްޔަށް ރާއްޖެއިން 17 ވަނަ އަށް ޕޮޒިޓިވްވި މީހާއާ އެއް ކޮޓަރީގައި ހުރި މީހެކެވެ. އޭނާގެ ގައިން ބަލީގެ އަލާމާތްތައް ފެނިގެން އޭނާގެ ޓެސްޓުގެ ހެދުމަށް ސާމްޕަލް ނެގީ އިއްޔެ ހަވީރު އެވެ.

މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު މިވަނީ ތިނަކަށް އަރައިފައެވެ. އަދި މިހާރު ޕޮޒިޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި ފަރުވާ ދެމުން އަންނަނީ ވެސް ތިން ދިވެހިންނަށެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ ތިންް ދިވެހިންނަކީ ވެސް އިނގެރޭސިވިލާތުން އެނބުރި ރާއްޖެއަށް އައި ތިން މީހުންނެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ފުރަތަމަ ދެ ކޭސް އާ ގުޅިގެން 77 މީހެއްގެ ކޮންޓެކްޓް ޓްރޭސިން ހަދާފައިވާ ކަމަށެވެ.

އެގޮޮތުން ރާއްޖެއިން 16 ވަނައަށް ޕޮޒިޓިވްވި ދިވެހި މީހާއާ ގުޅިގެން 29 މީހަކު ކޮންޓެކްޓް ޓްރޭސްވެފައިވާއިރު، އެ އެންމެންވެސް ތިބީ ގޭގައި ކަރަންޓިންކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ސަތާރަ ވަނައަށް ޕޮޒިޓިވްވި މީހާއާ 48 މީހަކު ކޮންޓެކްޓް ޓްރޭސްވެފައިވާއިރު، ކަރަންޓީން ފެސިލިޓީތަކުގައި އާއި ގޭގައި ޖުމްލަ ފަސް މީހަކު ކަރަންޓިންކޮށްފައިވާ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް 18 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިިރު، އޭގެ ތެރޭގައި ބައލި ޖެހިފައިވާކަން ދެނެނުގަނެވި އުޅެނިކޮށް ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީގެ ދެ ފަތުރުވެރިން ވެސް ހިމެނެ އެވެ.

ރާއްޖޭގައި ތިބި މީހުންގެ ތެރެއިން 13 ބިދޭސީން ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ.

މިވަގުތު ކަރަންޓީނު ފެސިލިޓީތަކުގައި ޖުމްލަ 867 މީހަކު ތިބި އިރު އައިސޮލޭޝަންގައި 20 މީހަކު އެބަތިއްބެވެ. ސަރުކާރުން ވަނީ ކަރަންޓީނު ކުރާ އެންމެން 14 ދުވަހުގެ މުއްދަތު ފުރިހަމަކުރުމުން، އެމީހުން ދޫކޮށްލުމުގެ ކުރިން ކޮވިޑް19 އަށް ޓެސްޓު ކުރުމަށް ނިންމައިފަ އެވެ.

comment ކޮމެންޓް