ބާސެލޯނާގެ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް މުސާރަ ހަމައަށް ދިނުމުގެ ގޮތުން، އެ ކްލަބުގެ ކުޅުންތެރިންގެ މުސާރައިން 70 ޕަސެންޓު އުނިކުރަން ކުޅުންތެރިން އެއްބަސްވެއްޖެ އެވެ.
މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ކުޅިވަރު މަޑުޖެހިފައި އޮތުމުގެ ސަބަބުން ފުޓުބޯޅަ ކްލަބުތަކުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންތަކެއްގެ ވަޒީފާތައް ދަނީ ގެއްލެމުންނެވެ.
ބާސެލޯނާގެ މަޝްހޫރު ކުޅުންތެރިޔާ ލިއޮނެލް މެސީ ދާދި ފަހުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ވައިރަސް އާ ގުޅިގެން މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އުފެދުނު ހިސާބުންވެސް ކުޅުންތެރިން ތިބީ މުސާރަ ކަނޑައި، މުވައްޒަފުންނަށް ފައިސާ ދިނުމަށް ތައްޔާރަށް ކަމަށެވެ.
"މުސާރައިން ބައެއް އުނިކުރުމުގެ އިތުރުން އަޅުގަނޑުމެން ބަލާނަން ބައެއް އިތުރު އެހީތެރިކަން ފޯރުކޮށްދެވޭތޯވެސް. ކޮންމެ ގޮތެއް ހަދާފައިވެސް މުވައްޒަފުންނަށް އެމީހުންގެ 100 ޕަސެންޓު މުސާރަ ދެވޭ ވަރު ކުރަން ބޭނުންވަނީ،" މެސީ ބުންޏެވެ.
އެ ނިންމުން އިއުލާނުކުރުމުގެ ކުރީންވެސް ކުޅުންތެރިން އެގޮތަށް ބޭނުންވާތާ ގިނަ ދުވަސްތަކެއް ވީކަމަށް އިޝާރަތްކޮށް މެސީ ވަނީ ކްލަބުގެ މެނޭޖްމެންޓަށް ފާޑުކިޔާފައެވެ. އެގޮތުން ގޮތެއް ނިންމުމަށް މެނޭޖުމެންޓް ލަސް ކަމަށް އޭނާ ފާހަގަކުރިއެވެ.
މެސީ އިތުރަށް ބުނީ، އެންމެ ފުރަތަމަވެސް ކުޅުންތެރިންގެ މުސާރަ ކުޑަވެދާނެ ކަމަށް ގަބޫލުކުރި ކަމަށެވެ. އަދި މި ދަނޑިވަޅަކީ ހާއްސަ ދަނޑިވަޅަކަށް ވާތީ ހުރިހާ އެންމެންގެ ދަތި ހާލަތަށް ފަސޭހަ ގޮތެއް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށް މެސީ ބުންޏެވެ.