ލަންކާގައި ތިބި ދިވެހީންނަށް ކޮންމެ އާއިލާއަކަށް ފޮނުވޭނީ 15ކިލޯގެ ތަކެތި

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯ ---

އަވައްޓެރި ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނަށް ކޮންމެ އާއިލާއަކުން ފޮނުވޭނީ 15 ކިލޯގެ ތަކެތި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ލަންކާގައި ތިބި ދިވެހި އާއިލާތަކަށް އެހީވުމަށްޓަކައި މޯލްޑިވިއަންގެ ޗާޓަރު ފްލައިޓުން ތަކެތި ފޮނުވޭނެ އިންތިޒާމް ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހަކަށް މި ފްލައިޓުތައް ވަނީ ޝެޑިއުލްކޮށްފައެވެ.

މިރޭ ފޮރިން މިނިސްޓްރީން ނެރުނު އިއުލާންގައި ވަނީ ލަންކާއަށް ފޮނުވޭނެ ތަކެތީގެ ތަފްސީލާއި އެކަން ކުރާނެ ގޮތް ހާމަ ކުރައްވާފައެެވެ.

އިއުލާނުގައި ބުނީ، ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތަކުން ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި އެކަމަށް ހާއްސަ ކޮށްފައިވާ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅަން ވާނެ ކަމަށެވެ. އެ ފޯމު ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ ކުރިން އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް އިއުލާނުގައި ބުނެއެވެ.

ކާގޯގެ ގޮތުގައި ފޮނުވޭނީ ލަންކާއިން ލިބެންނެތް ބޭހެއް ނުވަތަ އެހެން ޒަރޫރީ ބޭނުންތަކަށް ފޮނުވާ ތަކެތި ކަމަށް އިއުލާނުގައި ބުނެއެވެ.

ކާގޯގެ ގޮތުގައި ފޮނުވޭނެ ތަކެތި

  • ޑަކްޓަރީ ބޭސް (ޑޮކްޓަަރުގެ ބޭސްސިޓީ އޮންނަންވާނެ)
  • މަސް ދަޅު ކޭސް
  • ނޫޑްލްސް ކޭސް
  • ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)
  • މަސްފަކެޓް / ފަތް ފަކެޓް / ފިހާރަތަކުން ވިއްކާ ޕެކްކޮށްފައި ހުންނަ ކާބޯތަކެތި

ކާގޯގެ ގޮތުގައި ނުފޮނުވޭނެ ތަކެތި

  • ފައިސާ
  • ރޯމަސް
  • ކޭކު
  • ހެދިކާ
  • މޭވާ
  • ތަރުކާރީ

ތަކެތި ބަލައިގަންނާނީ ގްރޭޓާ މާލޭ ބަސްސްޓޭޝަންގައި ހުންނަ މޯލްޑިވިއަން ސިޓީ ޗެކިން އޮފީހުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 09:00 ފެށިގެން މެންދުރު 12:00ކަމަށް އިއުލާނުަގައި ބުންޏެވެ. ކޮންމެ ފަހަރަކުވެސް ގެންދެވޭނީ ވަކި މިންވަރަކަށް ކަމަށްވާތީ އިސްކަން ދޭނީ ފޯމް ހުށައަޅާ ތަރުތީބުންނެވެ.

ފަނަރަހާހަށްވުރެ ގިނަ ދިވެހިން ދިރުއުޅެމުން އަންނަ ލަންކާގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން އެ ގައުމަށް އެއާޕޯޓު ވަނީ ބަންދުކޮށްފައެވެ. އަދި އެކި ސަރަހައްދުތަކަށް ބަހަލައިގެން ކާފިއު ދަނީ އިއުލާން ކުރުމުންނެވެ. އެއާއެކު ގިނަ އިރުތަކެއްވަންދެން ޒަރޫޒީ ބޭނުމަށް ބޭނުންވާ ތަކެތި ގަތުމަށް ފިހާރަތަކުގައި ކިއުޖެހެން ޖެހެއެވެ. އެތައް ގަޑިއިރަކު ކިއުގައި މަޑުކޮށް ފިހާރަތަކުން ބޭނުންވާ އެއްޗެހި ގަންނަން ފިހާރައަށް ވަންނައިރު ބޭނުންވާ ތަކެތި ނުލިބޭ ކަމަށް އެގައުމުގައި ދިރިއުޅޭ ދިވެހިން ބުނެއެވެ.

މިހާތަނަށް ލަންކާއިން 122 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު އެކަކު ވަނީ ވައިރަސް ޖެހިގެން މަރުވެފައެވެ.

comment ކޮމެންޓް