މި ދުވަސްވަރު އިންކަމް ޓެކްސް ނެގުމުން ވިޔަފާރިތައް ވާނީ ހީނަރު: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު: އޭނާ ވިދާޅުވީ މި ދުވަސްވަރު އިންކަމް ޓެކްސް ނެގުމުން ވިޔަފާރިތައް ހީނަރު ވާނެ ކަމަށް --- ސަން ފޮޓޯ/ އަހްމަދު ސައީދު

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ބޮޑު އަނދަވަޅަކަށް ވެއްޓިފައި ވަނިކޮށް އިންކަމް ޓެކްސް ނެގުމުން ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ނިމިގެން ދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު މިރޭ "ސަން" އަށް ވިދާޅުވީ ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ ބޮޑުބައެއް ވަންނަނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށެވެ. އަދި ކޮރޯނާއާ ގުޅިގެން ހުއްޓިފައިވާ ޗައިނާއާއި ޔޫރަޕްގެ މާކެޓްތައް އަލުން ހުޅުވާލިޔަސް ރާއްޖެއަށް ފަތުރުވެރިން އައިސް ރާއްޖޭގެެ އިގްތިސާދު ހަމައަކަށް އެޅެން އެތައް ޒަމާނެއް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖެ ފަދަ ޓޫރިޒަމަށް ބަރޯސާ ވެފަ އޮންނަ ގައުމަކުން މިހާރު ވިސްނަންވީ އާމްދަނީ އިތުރުކުރާނެ ގޮތްތައް ނުވަތަ ލިބިފަ ހުރި އާމްދަނީ ހިފެހެއްޓޭނެ ގޮތްތަކާމެދު ކަމަށް ސައީދު ވިދާޅުވިއެވެ.

"ހިފެހެއްޓުމުގެ ދެބައެއް އެބައުޅޭ. އެއީ ސަރުކާރު ދެން އަމިއްލަ ފަރާތްތައް. އަމިއްލަ ފަރާތްތަކަކީ މި ދެންނެވި ސިނާއަތަށް ބަލާއިރު ރިސޯޓްތައް، ގެސްޓްހައުސްތައް ސަފާރީތައް، ހިންގާ ބޭފުޅުން. ދެން ސުވާލަކީ އެބޭފުޅުންގެ އަތުގައި ފައިސާގެ ދަތިކަން އައިމަ ނޫންތޯއޭ ސަރުކާރުންވެސް 288 މިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖެއް މިދެނީ. ރިސޯޓަކަށް ދެ މިލިއަން ޑޮލަރުގެ ރޭޓުން ބެލިޔަސް އެއީ 10 ރިސޯޓަކަށް ސަޕޯޓްކޮށްދެވޭނެ ޕްރޮގްރާމެއް. ރާއްޖެއިން 100 ވަރަކަށް ރިސޯޓް އެހެރީ ގާތްގަނޑަކަށް ބަންދުކޮށްފަ،" ސައީދު ވިދާޅުވިއެވެ.

ސަރުކާރުން މިވަގުތު ވިސްނަން ޖެހޭނީ ހާއްސަކޮށް ދިވެހި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުވާނެ ގޮތަށް ކަންކަން ބައްޓަންކުރަން ކަމަށާއި އެކަން ކުރެވޭނީ ވިޔަފާރިތަކަށް ސަޕޯޓްދީގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން ކުދި ވިޔަފާރިތައް މޯޓިވޭޓްކޮށް މެދުފަންތީގެ ވިޔަފާރިތަކަށް އިތުބާރު ގާއިމްކޮށްދޭން ޖެހޭނެކަމަށް ސައީދު ވިދާޅުވިއެވެ.

"މިކަންތައް ކޮށްގެން ނޫނީ ވަޒީފާގެ ބާޒާރަށް އަންނަ ހީނަރުކަން ކިރިޔާވެސް ކޮޅެއްގައި ޖެއްސޭނެ އެއްވެސް ގޮތެއް ނޯންނާނެ. އެހެންވީމާ މިފަދަ ދަނޑިވަޅެއްގައި މަޖިލީހުގައި ވެރިކަން ކުރާ ޕާޓީއަކަށް މެޖޯރިޓީ ލިބިފައި އޮއްވާ މަޖިލީހުގެ ނާއިބު ރައީސް އަދި ވެރިކަން ކުރާ ޕާޓީން އޮންލައިންކޮށް މަޖިލީހުގެ ޖަލްސާއެއް ކުއްލިއަކަށް ބާއްވާފައި އިންކަމްޓެކްސް ނަގާވާހަކަ ދެއްކީމަ އަޅުގަނޑެއް ގަބޫލެއް ނުކުރަން ދެކޮޅު ޖެހޭނެކަމަކަށް. އޭގެ ސަަބަބުން ވިޔަފާރިތަކަށް އަންނާނީ ވަރަށް ބޮޑު ހީނަރުކަމެއް،" ސައީދު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސޯދަށް ލޮޅުން އަރައި، ރައްޔިތުންގެ ވަޒީފާ ގެއްލެމުންދާ މި ދަނޑިވަޅަކީ، އިންކަމް ޓެކްސް ނަގަންވީ ވަގުތު ކަމަށްކަމަށް މިއަދު މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

https://sun.mv/133977

ސައީދު ވިދާޅުވީ ވިޔަފާރިތަކަށް އިތުބާރު ގާއިމްކުރުމުގެ ބަދަލުގައި މިހާރު އެ އިތުބާރުތައް ފުނޑާލާތަން ފެންނަމުންދާ ކަމަށެވެ. އަދި މިއީ ވެރިކަން ކުރާ ޕާޓީއެއްގައި ތިބޭ ސަރުކާރަކުން ކަންކުރަންވާނެ ގޮތެއް ނޫން ކަމަށާއި އެއީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް ކަަމަށް ސައީދު ވިދާޅުވިއެވެ.

ރިސޯޓްތަަކަށް ފަތުރުވެރިން އައުން ހުއްޓިފައިވާއިރު 50 ރިސޯޓެއް ބަންދުކޮށް 11،000 މުވައްޒަފުން ނޯޕޭއަށް މިހާރު ވަނީ ފޮނުވާލައިފައެވެ. އެ ވާހަކަތަަކަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ މިވަގުތު ދައްކަންވީ އިކޮނޮމީއަށް ސަޕޯޓްކޮށް ހިތްވަރުދޭންވީ ވާހަކަތައް ކަމަށެވެ.

"އަނެއްކާވެސް ކުދި ވިޔަފާރިތަކަށް ހީނަރުކަން އައިސް މެދުވިޔަފާރިތަކުގެ ހިތްވަރު އެލޭކަހަލަ ވާހަކައެއް ނޫން މިގަޑީގަ ދައްކަން ޖެހޭނީ. އާމްދަނީއެއްވެސް ލިބިގެން ވިޔަފާރިއެއްވެސް ހިންގޭނީ،" ސައީދު ވިދާޅުވިއެވެ.

comment ކޮމެންޓް