ޓެކްސް އެޕީލްގެ ޓްރައިބިއުނަލްގެ މެމްބަރުކަމަށް ކުރިމަތިލާން ކުރި އިއުލާން ބާތިލްކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް: ސަން ފައިލް ފޮޓޯ

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް، ރައީސް އޮފީހުން ދާދި ފަހުން ކުރި އިއުލާން ބާތިލްކޮށްފި އެވެ.

އެ އިދާރާގެ މެމްބަރުކަަމަށް ކުރިމަތިލާން ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

ރައީސް އޮފީހުން ބުނީ އެ އިއުލާން ބާތިލްކުރީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާތީއާ އެކު އެކަމާގުޅިގެން ސަރުކާރުން ކަނޑައަޅުއްވާފައިވާ ޚާއްޞަ ޙާލަތުގެ ފިޔަވަޅުތައް ވެސް އަދި ނިމުމަކަށް ގެނެސްފައި ނުވާތީ ކަމަށެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ޓްރައިބިއުނަލްގައި ގާނޫނީ ދާއިރާ ތަމްސީލް ކުރާ މެންބަރެއްގެ މަގާމު ހުސްވުމުންނެވެ.

އެ މަގާމަށް ކުރިމަތިލާން އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ޖެނުއަރީ މަހު އެވެ. ނަމަވެސް އެކަމަށް ކުރިމަތިލެއްވި ފަރާތައް ރުހުން ދޭން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމުން މިމަހު 17ގައި އަނެއްކާ ވެސް ހުޅުވާލި އެވެ.

ފަސް މެމްބަރުންގެ މައްޗަސް އެކުލެވޭ ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. އެ ޓްރައިބިއުނަލްއަށް މެމްބަރުން އައްޔަނުކުރަނީ މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ އެވެ.

ކޮރޯނާއާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ އިގްތިސާދުން ވަރަށް ގިނަ އަދަދެއްގެ ފައިސާތައް ގެއްލޭތީ ސަރުކާރުން ދަނީ ހަރަދުތައް ކުޑަކުރުމަށް ވަރަށް ބޮޑެތި ފިޔަވަޅުތައް އަޅަމުންނެވެ.

comment ކޮމެންޓް