ޑްރަގުގެ ބޮޑެއް ކަމަށް ބުނާ އަރުޝަދު ދޫކޮށްލައިފި، 4.6 މިލިއަން ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށަށް!

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނާ އަރުޝަދު: އޭނާ މިހާރު ވަނީ ބަންދުން ދޫކޮށްލައިފައި --- ފޮޓޯ/ ޕޮލިސް

މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުން މާލޭގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނާ ގުޅުންހުރި 4.6 މިލިއަން ރުފިޔާ ފުލުހުން ހިފަހައްޓައިފި އެވެ. އެ މައްސަލަގައި ހައްޔަރު ކުރި ނުވަ މީހުންގެ ތެރޭގައި އިސްކޮށްހުރި، އަރުޝަދު ހާލިދު ކޯޓުން މިއަދު ވަނީ ދޫކޮށްލާފައެވެ.

ފުލުހުން މީގެ ކުރިން ބުނި ގޮތުގައި، އެ މައްސަލައާ ގުޅިގެން 10 ގެއެއް ބަލައިފާސްކޮށް، ނުވަ ކިލޯއަށް ވުރެ ގިނަ ޑައިމޯފިން އާއި ހަތަރު ގްރާމަށް ވުރެ ގިނަ ކޮކެއިން އަދި ގިނަ އަދަދެއްގެ ފައިސާ ހޯދި ކަމަށެވެ. ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރުވެސް ފުލުހުން ވަނީ މީގެ ކުރިން އާންމުކޮށްފައެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގދ. ހޯޑެއްދޫ/ އަލޯރާ، އަރުޝަދު ހާލިދު އިތުރު ބަޔަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ޓްރެފިކްކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޕްރޮސެކުއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން އޭނާގެ މައްޗަށް މިއަދުގެ ވަގުތެއްގައި ޑައަމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

"އެގޮތުން މީނާ [އަރުޝަދު] މާޗް 30، 2020 [މިއަދު] މެންދުރު 12:00 ގައި ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަރުޝަދު ހާލިދު ވަނީ ޝަރުތުކޮށް ދޫކޮށްލައިފައިއެވެ،" ފުލުހުން ނެރުނު ބަޔާނުގައި ބުންޏެވެ.

ފުލުހުން ބުނީ، އަރުޝަދުގެ ނަމުގައި ބޭންކުގައި ހުޅުވާފައިވާ އެކައުންޓުތަކުގައިވާ ފައިސާ އަކީ، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަހުގީގަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި މިހާރު ކޯޓު އަމުރެއްގެ ދަށުން އޭނާގެ އެކައުންޓުތައް ފްރީޒްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މި މައްސަލައިގައ ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ،" ފުލުހުންގެ ބަޔާނުގައި ބުނެއެވެ.

އަރުޝަދު ބަންދުން ދޫކޮށްލުމަށް ކޯޓުން ކުރި ޝަރުތުތައް ފުލުހުން ހާމައެއް ނުކުރައެވެ. ފުލުހުން ބުނީ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ގދ. ހޯޑެއްދޫއަށް ނިސްބަތްވާ އިތުރު ތިން މީހެއްގެ ބަންދަށް މިއަދު 10 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ. ބަންދުގެ މުއްދަތު އިތުރުކުރީ، އިރުމަތީގެ، އަހްމަދު ސުނައިނު (23އ) އާއި މެޑްރިޓްހައުސް، އަހްމަދު ގިޔާސް އަދި ގުލޭނޫރަންމާގެ، އަލީ ޒުބައިރެވެ.

މި މައްސަލައާ ގުޅިގެން ދެން ހައްޔަރު ކުރި މީޙުންނަކީ، ލ. ކަލައިދޫ، މަތަރަސްމާގެ، ހުސައިން ޒަހީން (25އ) އާއި ކ. މާލެ، މ. ދާރުލްގަރާރު، އިސްމާއިލް ވިޝާލް (25އ) އާއި ކ. މާލެ، މއ. ވައިލެޓްމާގެ، އަސްލަމް ނާޒިމް އާއި ޅ. ނައިފަރު، މިސްކިތްދޮށުގެ، އަހްމަދު އިމްސާހު (32އ) އަދި ގއ. ގެމަނަފުށި، ސުރައްޔާމަންޒިލް، މުހައްމަދު ސިދުރަތު (27އ) އެވެ.

https://sun.mv/133597

comment ކޮމެންޓް