ރިސޯޓަށް އެރި މީހާގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ފޮނުވައިފި

ކޮވިޑް19 އާ ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މަސައްކަތްތައް ކުރިއަށްދަނީ -- ފޮޓޯ/ ރައީސް އޮފީސް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ ހިލާފަށް ރިސޯޓަކަށް އެރި މީހާގެ މައްޗަށް ދައުވާކުރަން އެ މައްސަލަ ކޯޓަށް ފޮނުވައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުމާ ހިލާފަށް ހއ. އަތޮޅު ޖޭއޭ މަަނަފަރު ރިސޯޓަށް އެރި މުވައްޒަފު ހައްޔަރުކުރީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އެ މައްސަލާގައި ހައްޔަރުކުރީ 32 އަހަރުގެ ފިރިހެނެކެވެ.

އެ މައްސަލާގައި އޭނާގެ ބަންދަށް އޮތީ 15 ދުވަސް ޖަހައިދީފަ އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ބާރުގެ ދަށުން މިމަހުގެ 18 ވަނަ ދުވަހު ވަނީ ރިސޯޓުތަކުން މީހުން އެެެރުމާއި ފޭބުން މަނާކޮށްފަ އެވެ. ރިސޯޓަށް މީހުން އެރުމާ ފޭބުން މަނާކުރިޔަސް ފަަތުރުވެރިންނާއި ފަތުރުވެރިން ފުރުވަން އެއާޕޯޓަށް ގެންދަން ޖެހޭ ހާލަތްތަކުގައި އެކަމަށް ދާ މުވައްޒަފުން އިސްތިސްވާނެ އެވެ.

އެ މައްސަލައިގެ ތަހުގީގް ނިންމައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ އިއްޔެ އެވެ. އަދި މިއަދު ޕީޖީ އޮފީހުން ވަނީ އެ މައްސަލަ ހއ. ކެލާ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފަ އެވެ.

ގާނޫނުލްޢުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާ އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ.

ކޮވިޑް ޖެހިފައިވާ 17 މީހަކު މިހާތަނަށް ރާއްޖެ އިން ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ދެ ދިވެއްސެއްވެސް ހިމެނެ އެވެ.

comment ކޮމެންޓް