ޖާބިރު ތަފާތު، މަޖިލީހުގެ ޖަލްސާގައި ބައިވެރިވީ ބޮޑުމޮހޮރާ ބީޗުން!

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވ. ބޮޑުމޮހޮރާގެ އަތިރިމަތިން މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ--

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއަކީ ފެންނަ ފެނުމަށް މަޖިލީހުގެ އެހެން މެމްބަރުންނާ ވަރަށް ތަފާތު ބޭފުޅެކެވެ. ހެދުން ތުރުކުރައްވާ ގޮތުން، ވިދާޅުވާ ވާހަކަތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބެ އެވެ. މިއަދު އާންމުންގެ ސަމާލުކަން ހުއްޓުނީ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން އޮންލައިންކޮށް ބޭއްވި ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ޖާބިރު ހުންނެވި ލޮކޭޝަނެވެ.

ވީޑިއޯ ކޮންފަރެންސް ހަދައިގެން ކުރިއަށްގެންދިޔަ އެ ޖަލްސާގައި ޖާބިރު ބައިވެރިވެވަޑައިގެންނެވީ ބޮޑުމޮހޮރާގެ އަތިރިމަތީގައި ހުންނަވައިގެންނެވެ. ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއިރު ތުރުކުރައްވައިގެން ހުންނެވީ ވިލު ނޫ ކުލައިގެން ކޯޓްފަޓުލޫނެވެ.

މިއާ ހިލާފަށް ޖަލްސާގައި ދެން ބައިވެރިވި ގިނަ މެމްބަރުން ތިއްބެވީ ގޭގަ އެވެ.

ޖާބިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޮޑުމޮހޮރާއިން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވީ ކޮރޯނާވައިރަހުން ރައްކާތެރިވެ، އިޖުތިމާއީ ގައިދުރުކަން ޕްރެކްޓިސް ކުރެއްވުމުގެ ގޮތުން ކަމަށެވެ.

"ޖަޒީރާވަންތަ ކޮންސެޕްޓަކަށް ރާއްޖެ ބަދަލުވާއިރު ލިބޭ ހިތްހަމަ ޖެހުމަކީ 2020ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 21ވަނަ ޖަލްސާގައި ބޮޑުމޮހޮރާ ބީޗުން ޖަލްސާގައި ބައިވެރިވެ ވާހަކަ ދެއްކޭކަން." ޖާބިރު ވިދާޅުވި އެވެ.

ޖާބިރުގެ އެ ޓުވީޓުގައި ގިނަ ބަޔަކު ވަނީ އޭނާއަށް ތައުރީފުކޮށް، ތުރުކުރައްވައިގެން ހުންނެވި ކޯޓާ ގުޅޭގޮތުން ވެސް ކޮމެންޓް ކޮށްފަ އެވެ.

ވ. ބޮޑުމޮހޮރާއަކީ 50 އަހަރުގެ މުއްދަތަކަށް މެމްބަރު ޖާބިރު ކުއްޔަށް ނަންގަވާފައިވާ ރަށެކެވެ.

އެ ރަށް ކުއްޔަށް ދިނުމާމެދު ވަކި ގޮތެއް ނުނިންމި ހަތް އަހަރު ފާއިތުވި ފަހުން، ޖާބިރުއާއި އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދުގެ ހިއްސާ އޮންނަ މެރިން ޓެކްނޮލޮޖީ މޯލްޑިވްސްއަށް އެ ރަށް ކުއްޔަށް ދޭން އެއްބަސްވީ މިދިޔަ މަހުގެ ފަހުކޮޅުގަ އެވެ.

ޖާބިރު މީގެ ކުރިން ވިދާޅުވީ ބޮޑުމޮހޮރާގައި "ޖާބިރު ހެޕީ ކްލަބް"ގެ ނަމުގައި ބިލިއަން ޑޮލަރުގެ ރިސޯޓެއް ތަރައްގީ ކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި އެ ރިސޯޓަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު އިންގިލާބެއް ގެންނާނެ ރިސޯޓަކަށް ވެގެންދާނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

comment ކޮމެންޓް