11،000 ރިސޯޓު މުވައްޒަފުން ނޯޕޭއަށް ފޮނުވާލައިފި: ޓީމް

ކުރެދު އައިލެންޑް ރިސޯޓު --

ކޮރޯނާވައިރަހާ ގުޅިގެން ޓޫރިޒަމަށް އައި ހީނަރުކަމާ ގުޅިގެން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 11،000 އެއްހާ މީހުން މުސާރަ ނުހިނގާ ގޮތަށް، "ނޯޕޭ" އަށް ފޮނުވާލާފައިވާ ކަމަށް ޓޫރިޒަމް އެމްޕްލޮޔާޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ބުނެފި އެވެ.

ރިސޯޓް މުވައްޒަފުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޓީމް ޖަމްއިއްޔާގެ ރަސްމީ ފޭސްބުކް މެދުވެރިކޮށް ވަނީ އެ ޖަމިއްޔާގެ މެމްބަރުންގެ ގޮތުގައި ތިބި މުވައްޒަފުން ނޯޕޭއަށް ފޮނުވާލި ރިސޯޓުތަކާއި މުވައްޒަފުންގެ މުސާރަ ދަށްކުރި 58 ރިސޯޓު ހިމެނޭ ލިސްޓެއް ހިއްސާކޮށްފަ އެވެ.

އެ ޖަމްއިއްޔާއިްނ ބުނީ މިއީ ވަރަށް ދެރަ ކަމެއް ކަމަށާއި މި މައްސަލަ ކަމާބެހޭ ފަރާތްތަކާ ވެސް ހިއްސާކޮށްފައިވާނެ ކަމަށް ޓީމްއިން ބުނެ އެވެ.

މީގެ އިތުރުން ޓީމްއިން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވުމަކީ، ވަޒީފާދޭ ފަރާތްތަކުން މަސައްކަތްތެރިންގެ ހައްގުތައް ހަނިކުރަން އޮތް ހުއްޖަތެއް ނޫން ކަމަށެވެ.

ހަމައެއާއެކު މުސާރަ ދަށްކޮށް ނޯޕޭއަށް ފޮނުވި ނަމަވެސް ރިސޯޓުން ފައިބައިގެން ނުދިއު މަށާއި އަސާސި މުސާރަ ލިބޭނެކަމުގެ ޔަގީންކަން ހޯދައިގެން ނޫނީ ރިސޯޓުން ނުދިއުމަށް ވެސް ޓީމްއިން ވަނީ ރިސޯޓުތަކުގެ މުވައްޒަފުންނަށް ގޮވާލާފަ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން އިގްތިސާދީ ގޮތުން ރާއްޖެއަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ މި ދަނޑިވަޅުގައި ބައެއް ރިސޯޓުތަކުން މުވައްޒަފުން ވަކިކުރުމާއި ނޯޕޭއަށް ދިއުން ފަދަ ކަންކަން ދަނީ ކުރަމުންނެވެ.

ނަމަވެސް މި ދުވަސްވަރު ރާއްޖެއަށް އަންނަ އިގްތިސާދީ ލޮޅުންތައް ކުޑަކުރުމުގެ ގޮތުން ސަރުކާރުން ވަނީ އިގްތިސާދީ ޕެކޭޖެއް އިއުލާނުކޮށްފަ އެވެ. އެ ޕެކޭޖުގެ ތެރެއިން ބީއެމްއެލް މެދުވެރިކޮށް ރިސޯޓުތަކާއި ގެސްޓުްހައުސްތަކަށް 350 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށް ހިމަނާފައިވެ އެވެ.

comment ކޮމެންޓް