މެލޭޝިއާގެ ރާނީ، ހެލްތު އޮފިޝަލުންނަށް ކެއުން ތައްޔާރުކުރެއްވުމުގައި

މެލޭޝިއާގެ ރާނީ އަޒީޒާ އަމީނާ މައިމޫނާ -- ފޮޓޯ: އޭއެފްޕީ

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ޑޮކްޓަރުންނާއި ނަރުހުންނާއި ކަމާ ގުޅުން ހުރި އެހެން ފަރާތްތަކުންވެސް ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އަދި އެމީހުންނަށް އެކި ގޮތްގޮތަށް މީހުން ޝުކުރު އަދާ ކުރަމުންދާ އިރު ސިއްހީ އޮފިޝަލުންނަށް ހިތްވަރު ދިނުމުގެ ގޮތުން މެލޭޝިއާގެ ރާނީ ކުރައްވަމުން ގެންދަވާ މަސައްކަތަކީ ގަނޑުވަރުގައި ކެއްކެވުމަށް ފަހު، ހޮސްޕިޓަލް ފަދަ ތަންތަނަށް ކާނާ ފޮނުއްވުމެވެ.

ކެއްކުމަށް އަބަދުވެސް ލޯބި ކުރައްވާ އަދި އެކަމަނާ ކައްކަވާ ތަކެތި އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާ ކުރައްވާ ރާނީ އަޒީޒާ އަމީނާ މައިމޫނާ ވަނީ އެގައުމުގެ ކްރައިސިސް ޕްރިޕެޔާޑްނެސް ސެންޓަރު (ސީޕީއާރުސީ)އަށާއި ކޮރޯނާވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާ ދެމުންދާ ސުންގައި ބުލޯ ހޮސްޕިޓަލަށާއި ކުއަލަލަމްޕޫރު ހޮސްޕިޓަލަށް ކާނާ ފޮނުވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ރާނީ އެތަންތަނަށް ފޮނުއްވި ކާތަކެތީގެ ތެރޭގައި ކުކުޅު ރިހައާއި ތަރުކާރީއާއި ބިހާއި ފްރައިޑް ރައިސްއާއި ކޭކުވެސް ހިމެނެއެވެ.

"ސަރުކާރުގެ ހިދުމަތުގައި ގުރުބާންވަމުންދާ އެންމެންނަށް އަހަރެން ކުރުނީސްކުރަން،" ރާނީގެ އިންސްޓަގްރާމް ޕޯސްޓެއްގައިވެ އެވެ.

މެލޭޝިއާގެ ރަސްގެފާނު ސުލްތާން އަބްދުﷲ ރިއާޔަތުއްދީންއާއި ރާނީ އަޒީޒާ މައިމޫނާ ދިރިއުޅުއްވާ ޝާހީ ގަނޑުވަރުގެ ހަތް މުވައްޒަފަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ދެކަނބަލުން ވަނީ ގަނޑުވަރުގެ ވަކި ބަޔެއްގައި އަމިއްލަފުޅަށް ކަރަންޓީނުވެފައި ކަމަށް މިދިޔަ ބުރާސްފަތި ދުވަހު އެގަނޑުވަރުން އިއުލާންކުރިއެވެ. އަދި އެ ދެ ބޭފުޅުން ވައިރަހަށް ނެގެޓިވްވި ނަމަވެސް ކަރަންޓީނުގައި 14 ދުވަސް ހޭދަ ކުރައްވާނެކަމަށް ގަނޑުވަރުން ބުންޏެވެ.

މެލޭޝިއާގައި މިހާތަނަށް 2,400 އަށްވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 35 މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް