މިއީ މެމްބަރުން ރައްޔިތުންގެ އެކުވެރިންނަށް ވާންވީ ވަގުތު: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް

ކޮވިޑް19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ އަސަރު ރައްޔިތުންނަށް ކުރަމުން އަންނަ ކަމަށާއި މި ދަނޑިވަޅަކީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ރައްޔިތުންގެ މަންދޫބުން، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކުރަންވީ ވަގުތު ކަމަށް މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އޮންލައިންކޮށް ބާއްވާ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މުޅި ދުނިޔެ އާއި ރާއްޖެ ވެސް މިވަގުތު އޮތީ ކޮވިޑް19ގެ ކަޅު ވިލާގަނޑުގެ ދަށުގައި ކަމަށާއި، ރޯގާގެ ސަބަބުން މުޅި ދުނިޔެ އޮތީ ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށެވެ.

ކޮވިޑް19 އާދެކޮޅަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކަށް ތައުރީފު ކުރައްވައި ނަޝީދު ވިދާޅުވީ، އެ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫ ދަތިތަކެއް ދިމާވަމުން އަންނަ ކަމަށެވެ.

އެހެންކަމުން ދިވެހި ރައްޔިތުންގެ ވަކީލުންނާ އެކު އެކުލަވާލާފައިވާ މަޖިލީހުގެ ޖަލްސާތައް މި ހައްސާސް ދަނޑިވަޅުގައި ކޮންމެހެން ވެސް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންނަށް ބޮޑު ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ ގުޅާނީ މަޖިލީހުގެ މެމްބަރުންނަށް ކަމަށާއި އެހެންކަމުން މި ދަނޑިވަޅުގައި ރައްޔިތުންނާ ފަސޭހައިން ގުޅޭ ގޮތަށް މެމްބަރުން ތިއްބެވުން މުހިންމު ކަމަށެވެ.

"ބޭނުމެއް ޖެހޭ ގަޑީގަައި ހުރި ރަހުމަތްތެރިޔާ އެއީ ހަގީގީ ރަހުމަތްތެރިޔާ. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންގެ ހަގީގީ ރަހުމަތްތެރިންނަށް ތިޔަ އިއްޒަތްތެރި މެމްބަރުން ވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ކޮންމެހެން ބޭނުން ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މިވަގުތު ރައްޔިތުންގެ ކޮންމެ ކަންބޮޑުވުމަކަށް މެމްބަރުންނަށް ޖަވާބު ނުދެއްވިދާނެކަން ގަބޫލުކުރައްވާ ކަމަށާއި އަދި މެމްބަރުން ވެސް އެންމެ ހިތް އެދޭ ގޮތަށް ކަންކަން ނުކުރެވިދާނެ ކަމަށެވެ.

އެހެން ނަމަވެސް ކިތަންމެ ދަތި ދަނޑިވަޅެއްގައި ވެސް ރައްޔިތުންގެ ޝަކުވާ އަޑުއަހަން ތައްޔާރަށް ތިބެންޖެހޭނެކަން ނަޝީދު ފާހަގަ ކުރެއްވި އެވެ.

ނަޝީދު ވިދާޅުވީ ރޯގާ ފެތުރުން ކޮންޓްރޯލް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ މަސައްކަތް ކާމިޔާބު ކުރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ.

"އިތުބާރު ކުރައްވާ އަޅުގަނޑުމެން މި ތިިބީ ރައްޔިތުންނާ އެކީގައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިކަމުން އަރައިގަނެވޭނެ. އަޅުގަނޑު އަބަދު ވެސް ދަންނަވަން މިތުރުންގެ ހިތަށް ދަތިކަން ގެނައި ކޮންމެ ކަޅުފޮއި ރެޔެއް ފިތުރަތުގެ އުސޫލުން ނިމިދަނީ ފަތިހަށޭ،" ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް