ދިގު މުއްދަތަށް ބޭސްކާ މީހުންނަށް މިހާރު އިތުރު ފާމަސީތަކުން ބޭސް ނެގޭނެ

ދިގު މުއްދަތަށް ބޭސްކާންޖެހޭ ފަރާތްތަކަށް އަލުން ބޭސް ސިޓީ ނުހައްދައި އިތުރު ފާމަސީތަކުން ބޭސް ނެގޭނެ ގޮތް އާސަންދައިން ވަނީ ހަމަޖައްސައިދީފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގެ ތެރޭގައި ދިގު މުއްދަތަށް ބޭސްކާންޖެހޭ ފަރާތްތަކަށް އަލުން ބޭސް ސިޓީ ނުހައްދައި އިތުރު ފާމަސީތަކުން ބޭސް ނެގޭނެ ގޮތް އާސަންދައިން ހަމަޖައްސައިދީފި އެވެ.

ކޮވިޑް-19 ވައިރަސް ފެތުރިޔަ ނުދިނުމަށް އާންމުން ހޮސްޕިޓަލު ފަދަ ތަންތަނަށް ދިޔުން މަދު ކުރުމަށް މި މަހުގެ 16 ވަނަ ދުވަހު ސަރުކާރުން ވަނީ ދިގު މުއްދަތަކަށް ބޭސް ކާން ޖެހޭ މީހުން ޑޮކްޓަރަށް ނުދައްކައި ބޭސް ލިބޭނެ ގޮތް ހަމަޖައްސައިދޭން ނިންމައިފަ އެވެ.

އަދި މި މަހުގެ 17 ވަނަ ދުވަހު އާސަންދައިން ވަނީ އެސްޓީއޯ އާއި އޭޑީކޭގެ ފާމަސީތަކުން ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދީފަ އެވެ. އަދި އެ ދުވަހު ނިންމި ގޮތުން، ބޭސް ސިޓީ ފާމަސީއަށް ފޮނުވަން ޖެހޭނީ ވައިބާ މެދުވެރިކޮށެވެ.

މިއަދު އާސަންދައިން ވަނީ ހުރިހާ ފާމަސީތަކުން ވެސް ޑޮކްޓަރަށް ދެއްކުމާ ނުލައި ބޭސް ސިޓީއަށް ބޭސް ލިބޭ ގޮތް ހަމަޖައްސައިދީފަ އެވެ. އާސަންދައިން މިއަދު ބުނީ އާސަންދަ ސްކީމްގެ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލެއްގެ ނުވަތަ ކްލިނިކެއްގެ ތެރޭގައި ނުހިމެނޭ ހުރިހާ ފާމަސީއަކުން ވެސް އެ ހިދުމަތް މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ލިބެން ހުންނާނެ ކަމަށެވެ. މިހާރު ވައިބާ ކުރުމުގެ ބަދަލުގައި ބޭސް ހޯދަން ފާމަސީއަށް ދާން ޖެހޭނެ އެވެ.

އާސަންދައިން ބުނި ގޮތުގައި އާސަންދަ ސްކީމްގެ ހިދުމަތް ފޯރުކޮށްދޭ މަރުކަޒަކުން ކުރިން ދޫކޮށްފައިވާ ބޭސްސިޓީއަކަށް ބޭސް ނަގާ ނަމަ ފާމަސީއަށް ދާން ޖެހޭނީ އެންމެ ގިނަވެގެން ތިން މަސް ނުވާ ބޭސް ސިޓީއަކާ އެކު އެވެ. އާސަންދަ ސްކީމްގެ ހިދުމަތްދޭ ބޭރުގެ ހޮސްޕިޓަލަކުން ދީފައިވާ ބޭސްސިޓީއެއްނަމަ، ހަ މަސްދުވަސްވެފައި ނުވާ އެންމެ ފަހުގެ ބޭސްސިޓީ ފާމަސީއަށް ގެންދަން ޖެހޭނެ އެވެ. ބޭސް ހުށަހަޅަން ޖެހޭނީ އަތުގައި ހުރި ބޭސް ހުސްވުމުގެ 15 ދުވަސް ކުރިންނެވެ.

ބޭސްސިޓީއަކީ ދިގުމުއްދަތަށް ފަރުވާކުރާ ބައްޔަކަށް ދޫކުރެވިފައިވާ ބޭސްސިޓީއަކަށްވާ ނަމަ އެ ބޭސް ސިޓީގައި ބަލިމީހާގެ މަޢުލޫމާތު، ބަލީގެ ނަން، ބޭހުގެ ނަމާއި މިލިގްރާމް، ބޭސްބޭނުންކުރަންވީ ވަގުތުތަކާއި މުއްދަތު އަދި ޑޮކްޓަރުގެ މައުލޫމާތު ފަދަ މައުލޫމާތުތައް ހިމެނެން ޖެހޭނެ އެވެ. ބޭސް ނަގަން ދާއިރު ބަލިމީހާގެ އައިޑީކާޑު ގެންދަން ޖެހޭނެ އެވެ.

އާސަންދަ ސްކީމްގެ ހިދުމަތް ފޯރުކޮށްނުދޭ މަރުކަޒަކުން އަލަށް ދޫކުރެވިފައިވާ ބޭސްސިޓީއަކަށް ބޭސް ނެގޭނީ ގިނަވެގެން ތިން ދުވަސްވެފައިވާ ބޭސް ސިޓީއަކަށެވެ.

އާސަންދައިން ބުނީ ޑޮކްޓަރަށް ދެއްކުމާ ނުލައި ބޭސް ދޭ އުސޫލަށް އަމަލު ކުރެވޭނީ ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ކަމަށެވެ.

ދިގު މުއްދަތަކަށް ބޭސް ނަގާ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމަކާ ނުލައި ބޭސް ނެގޭނެ ގޮތް ހަމަޖައްސައިދިނަސް، ބޭހުގެ ޑޯޒޭޖު ބަދަލުކުރަންޖެހޭ ފަރާތެއްނަމަ، ނުވަތަ އިތުރު އުނދަގުލެއް ހުރި ފަރާތެއްނަމަ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އެހީ ހޯދަން އާސަންދައިން އެދުނެވެ.

"މިކުންފުނީގެ ފަރާތުން ދިގުމުއްދަތަށް ބޭސް ނަންގަވާ ފަރާތްތަކަށް މިގޮތަށް ބޭސްނެންގެވުމަށް ފުރުސަތު ދެވުނު ކަމުގައި ވީނަމަވެސް، އެފަރާތަކީ ބޭހުގެ ޑޯޒޭޖު ބަދަލުކުރަންޖެހޭ ފަރާތެއްނަމަ، ނުވަތަ އެބަލީގެ އިތުރުން އިތުރު އުނދަގުލެއް މިވަގުތު ހުރި ފަރާތެއްނަމަ، ސިއްހީ ހިދުމަތްފޯރުކޮށްދެއްވާ ފަރާތްތަކުގެ އެހީ ހޯއްދެވުމަށް ދަންނަވަމެވެ." އާދަންދައިގެ ބަޔާނުގައިވެ އެވެ.

comment ކޮމެންޓް