ކޮވިޑް19 އާ ދެކޮޅަށް ސަރުކާރުން އަޅާ ފިޔަވަޅުތަކަށް މަޖިލީހުގެ ޝުކުރު

ފޮޓޯ/ މަޖިލިސް

ރާއްޖޭގައި ކޮވިޑް19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަށް ތައުރީފުކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.

އޮންލައިންކޮށް މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާ ފައްޓަވައިދެއްވުމަށްފަހު ނަޝީދު ދެއްކެވި ވާހަކައިފުޅުގައި ވިދާޅުވީ މުޅި ދުނިޔެ އާއި ރާއްޖެ ވެސް މިވަގުތު އޮތީ ކޮވިޑް19ގެ ކަޅު ވިލާގަނޑުގެ ދަށުގައި ކަމަށާއި، ރޯގާގެ ސަބަބުން މުޅި ދުނިޔެ އޮތީ ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށެވެ.

ނަޝީދު ވަނީ ކޮވިޑް19 އާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ވަކިން ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ތައުރީފުކުރެއްވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ އަމަލީގޮތުން ކުރައްވަމުން ގެންދަވާ މަސައްޕުޅުތަކަށް އަޅުގަނޑު ނުހަނު މަރުހަބާ ދަންނަވަން. ޝުކުރު ދަންނަވަން. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ނަމުގަޔާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރޯގާ ފެތުރުނަ ނުދޭން ފިޔަވަޅު އެޅުމުގެ ބޭނުމަކީ ގިނަ ބަޔަކަށް ރޯގާ ޖެހިއްޖެނަމަ ސިއްހީ ނިޒާމަށް އަދި އެކަމުގައި އެހީތެރިވެދޭ އެހީތެރިންނަށް ގިނަ އަދަދެއްގެ މީހުންނަށް ހިދުމަތް ދެވޭނެ ގޮތަށް ތައްޔާރަށް އޮތުން ކަމަށެވެ.

ސަރުކާރުން މިހާރު އަޅާ ފިޔަވަޅުތަކުގެ ސަބަބުން ދަތިތަކެއް ކުރިމަތިވި ނަމަވެސް، އެއީ ރޯގާ ބޮޑުކޮށް ފެތުރިގެން ދާނޭ ދުވަހަކަށް ތައްޔާރުވުމަށް މުހިންމު ފިޔަވަޅުތަކެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ސަރުކާރުން މިވަގުތު ރައްޔިތުންނާ ދިމާވާ މިފަދަ ކަންކަމަށް އަޅާލާ، އަދި އިޖުތިމާއީ ރަައްކާތެރިކަން ރައްޔިތުންނަށް ހޯދައިދިނުމުގެ މަސައްކަތްތައް ވެސް ގެންދަނީ ރާވަމުން އިންތިޒާމު ކުރަމުން،" ނަޝީދު ވިދާޅުވިއެވެ.

ހަމައެއާއެކު ސަރުކާރުން މިހާރު އަޅަމުން އަންނަ ފިޔަވަޅުތަކުގެ ބޭނުމަކީ މި އަޑިގަނޑުން ރާއްޖެ އަލުން ތެދުވުމަށް، މިސްރާބު ހިފުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"ރައީސް އެ ގެންދަވަނީ ރޯގާ ފެތުރުނަ ނުދިނުމަށް އަޅާންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން. ޕަބްލިކް ހެލްތުން ދޭ އިރުޝާދުތައް ފުރިހަމައަށް ބަލައިގަންނަމުން. އަދި އެ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ އެހެން އިންތިޒާމުތައް ރައީސް އެދަނީ ހަމަޖައްސަވަމުން،" ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ދެން ރައްޔިތުން ކުރަންވީ ކަމަކީ ސަރުކާރާއެކު މަސައްކަތް ކުރުން ކަމަށާއި، ރައީސްގެ ނިންމެވުންތަކުގެ ނަތީޖާ ނެރެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

މި ދަނޑިވަޅުގައި އެންމެން އެކުގައި މަސައްކަތް ކޮށްފިނަމަ، ރާއްޖެއަށް މި އަޑިގަނޑުން އަރައިގަނެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ އިތުރުން، މަޖިލީހުގެ މެމްބަރުން ވެސް މިއަދު ވަނީ ސަރުކާރުގެ ފިޔަވަޅުތައް ބަލައިގަންނަކަމަށާއި، އަމިއްލަ ފަރުދުންނާއި ވިޔަފާރިވެރިންނަށް ސަރުކާރުންް ދޭ އެހީތެރިކަމަކީ މުހިންމު ނިންމުމެއް ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް