ފިލިޕީންސްއިން ޖަޕާނަށް ދަތުރު ފެށި ބޯޓެއް ވެއްޓި، 8 މީހަކު މަރުވެއްޖެ

ފިލިޕީންސްގައި މަތިންދާބޯޓު ވެއްޓި، އަށް މީހަކު ވަނީ މަރުވެފަ -- ފޮޓޯ: ސީއެންއޭ

މެނީލާ (މާޗް 30): ފިލިޕީންސްގެ ވެރިރަށް މެނީލާގެ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ޖަޕާނަށް ދިޔުމަށް ނައްޓާލި މަތިންދާބޯޓެއް ވެއްޓި، އަށް މީހަކު މަރުވެއްޖެއެވެ.

ފިލިޕީންސްގެ އިންޓަނޭޝަނަލް އެއާޕޯޓް އޮތޯރިޓީން ބުނި ގޮތުގައި އެ ހާދިސާގައި ވެއްޓިފައި ވަނީ އެގައުމުގެ ލަޔަން އެޔާގެ ފްލައިޓް އާރުޕީސީ 5880 އެވެ. އަދި ބޯޓު ވެއްޓުނީ އެއާޕޯޓުން ނައްޓާލަން އުޅެނިކޮށް ރޯވުމަށް ފަހުގަ އެވެ.

ފިލިޕީންސް ރެޑް ކްރޮސްއިން ބުނި ގޮތުގައި އެބޯޓުގައި ތިބީ ތިން ސިއްހީ ފަރުވާދޭ ފަރާތަކާއި ތިން ފްލައިޓް ކުރޫ އާއި ބަލި މީހަކާއި އޭނާގެ ގާތް މީހެކެވެ. އަދި އޭގެ ތެރޭގައި އެމެރިކާގެ މީހަކާއި ކެނެޑާގެ މީހަކު ހިމެނޭ ކަމަށާއި ދެން ތިބި މީހުންނަކީ ފިލިޕީންސްގެ މީހުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އެ ބޯޓުގައި މެޑިކަލް ސަޕްލައިތައް ހުރި ކަމަށްވެސް އެގައުމުގެ ނޫހަކުން ހާމަ ކުރި އެވެ.

އެ ހާދިސާގައި ބޯޓުގައި ތިބި އެންމެން ވަނީ މަރުވެފަ އެވެ. އަދި ފިލިޕީންސްގެ ސިވިލް އެރޮނޯޓިކްސް އޮތޯރިޓީން މިހާރު ވަނީ އެ ހާދިސާ ތަހުގީގުކުރަން ފަށާފައެވެ.

ފިލިޕީންސްގައި އެ ހާދިސާ ހިނގާފައި ވަނީ އެގައުމުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މެނީލާ ހިމެނޭ ގޮތަށް މުޅި ލުޒޮން އައިލެންޑް އަންނަ މަހުގެ 14އާ ހަމަޔަށް އެއްކޮށް ބަންދު ކުރި ފަހުންނެވެ. އަދި އެ ސަރަހައްދުގައި އެއްގަމާއި ކަނޑާއި ވައިގެ ދަތުރުތައް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރި ފަހުންނެވެ.

ފިލިޕީންސްގައި މިހާތަނަށް 1،418 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 71 މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް