ދަރަވަންދޫގައި ދެބެއިން މާރާމާރީ ހިންގާ އެކަކު އަތަށް ކަތުރެއް ހަރާލައިފި

ބ. ދަރަވަންދޫ ---

ބ. ދަރަވަންދޫގައި ދެ ބެއިން މާރާމާރީ ހިންގާ، އެކަކުގެ އަތަށް ކަތުރެއް ހަރާލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ ކަމަށެވެ. މާރާމާރީ ހިންގީ އުމުރުން 26 އަހަރުގެ މީހަކާ 29 އަހަރުގެ މީހަކާ ދެމެދުއެވެ.

މާރާމާރީ ހިންގާފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު ދަރަވަންދޫ ގެއަކުން ކުރި ވައްކަމަކާ ގުޅިގެންކަން އެނގިފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ވައްކަންކޮށްފައި ވަނީ ދެބެއިން ދިރިއުޅޭ ގެއިން ކަމަށާއި، އެތަނުން 26 އަހަރުގެ މީހާގެ ވޮލެޓުން ފައިސާ ގެއްލުމާ ގުޅިގެން ދެބެއިންގެ ދެމެދުގައި ޒުވާބެއް ހިނގި ކަމަށެވެ.

އެ ޒުވާބުގެ ތެރެއިން މާރާމާރީ ހިންގައި، 29 އަހަރުގެ މީހާ ވަނީ އަނެކަކުގެ އަތަށް ކަތުރެއް ހަރާލައިފައެވެ.

މާރާމާރީއާ ގުޅިގެން 29 އަހަރުގެ މީހާ އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށާއި، މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް