ނޫސްތަކުގެ ކޮންޓެންޓަށް ނޫފުޒު ފޯރުވާކަމުގެ ތުހުމަތު މީޑިއާ ކައުންސިލަށް

މީޑިއާ ކައުންސިލްގެ މެމްބަރުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރެއްވުމުގެ ތެރެއިން --ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19އާ ގުޅިގެން ނޫސްތަކުގައި ޝާއިއު ކުރާ ބައެއް ހަބަރުތަކަށް ބަދަލު ގެންނަން މޯލްޑިވްސް މީޑިއާ ކައުންސިލުން އެދޭތީ، އެއީ ނޫސްތަކުގެ ކޮންޓެންޓަށް ނުފޫޒު ފޯރުވުން ކަމަށް ބައެއް މީޑިއާތަކުން ތުހުމަތުކޮށްފި އެވެ.

ނޫސްތަކުން ކޮވިޑް-19އާ ގުޅޭ ގޮތުން ގެންނަ ހަބަރުތަކުގައި ތެދު ނޫން މައުލޫމާތު ހުރި ނަމަ އެކަމެއް ބަލަން ކޮވިޑް-19 ވިލަރެސް ކޮމިޓީގެ ނަމުގައި އެމްއެމްސީގައި ވަނީ ކޮމިޓީއެއް އުފައްދައިފަ އެވެ. ނޫސްތަކުން ގެންނަ އެފަދަ ހަބަރުތައް އިސްލާހު ކުރަން ނުވަތަ ނަގަން އެ ކޮމިޓީގެ މެމްބަރުން ފޯނުން ގުޅާފައި ދަނީ ބުނަމުންނެވެ.

އެގޮތުން މި ފަހުން "ދިޔަރެސް" ނޫހުގެ ދެ ހަބަރަކަށް ބަދަލު ގެންނަން އެ ކޮމިޓީއިން ވަނީ އަންގައިފަ އެވެ. އެކަމާ ގުޅިގެން އެ ނޫހާއި އެ ނޫހުގެ ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެކަމާ ގުޅިގެން ބައެއް ނޫސްވެރިންގެ އިތުރުން އިދިކޮޅު ޕީޕީއެމް/ޕީއެންސީއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޕީޕީއެމް/ޕީއެންސީއިން އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، އެމްއެމްސީއިން އެގޮތަށް އަމަލު ކުރުމަކީ މިނިވަން ނޫސްވެރިކަން ހުއްޓުވައި ނޫސްވެރިންގެ އަނގަ ބަންދު ކުރުމަށް ބޭއިންސާފުން ކުރާ ކަމެއް ކަމަށެވެ.

"ސަން"އާ ވާހަކަ ދެއްކި ނޫހެއްގެ ޗީފް އެޑިޓަރަކު ވިދާޅުވީ، ނޫސްތަކުގެ ކޮންޓެންޓު ބަދަލު ކުރަން އެންގުމަކީ އެމްއެމްސީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތަށް އަންގާ ނަމަ އެމްއެމްސީއަށް އެ ވެވެނީ ހުރިހާ ނޫހެއްގެ އެޑިޓޯރިއަލްއަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ނޫސްތަކުން ތެދު ނޫން މައުލޫމާތު ހިމެނޭ ހަބަރުތައް ގެނެސްދޭ ނަމަ އެގޮތަށް އަމަލު ނުކުރުމަށް އެދި މީޑިއާ ކައުންސިލަށް ޖެނެެރަލް ސްޓޭޓްމެންޓު ނެރެވިދާނެ. އެކަމަކު، ވަކި ވަކި ހަބަރުތަކުގެ ސުރުހީތައް ބަދަލުކޮށް، ހަބަރުތައް ނަގަން އެންގުމަކީ ޒިންމާދާރު ގޮތެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އެމްއެމްސީގެ ކޮވިޑް-19 ވިލަރެސް ކޮމިޓީގެ މެމްބަރަކު ނަން ހާމަ ނުކުރުމަށް ޝަރުތުކުރައްވައި "ސަން"އަށް ވިދާޅުވީ، ފޯނުން ގުޅާފައި ހަަބަރު އިސްލާހު ކުރަން ކޮމިޓީއިން އެދެނީ، ކޮވިޑް-19ގެ ހާލަތުގެ ސީރިއަސް ކަމުން ދެތު ނޫން މައުލޫމާތެއް ވީހާވެސް އަވަހަށް ބަދަލުކުރެވޭތޯ ކަމަށެވެ.

"ސަން"އާ ވާހަކަ ދެއްކެވި ކޮމިޓީގެ މެމްބަރު ވިދާޅުވީ، އަވީގައި އުޅުމުން ކޮވިޑް-19 ނުޖެހޭނެ ކަމަށް ބުނެ ނޫހެއްގައި ޖެހި ހަބަރެއް ނަގަން އެ ކޮމިޓީއިން އެދިފައިވާނެ ކަމަށެވެ. އަދި އެ ހަބަރު އެ ނޫހުން ނަގައިދިން ކަމަށް ވެސް ވިދާޅުވި އެވެ. އެހެން މިސާލެއް ދެއްވަމުން އޭނާ ވިދާޅުވީ، އިޓަލީގައި ކޮވިޑް-19 ޖެހިގެން 1000 މީހުން މަރުނުވަނީސް 1000 މީހުން މަރުވެއްޖެ ކަމަށް ނޫހެއްގައި ޖެހުމުން އެ ސުރުހީ ވެސް ބަދަލުކޮށްދޭން އެދިފައިވާނެ ކަމަށެވެ. އަދި އެ ސުރުހީ ވެސް އެ ނޫހުން ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަނގަޅު ނޫން މައުލޫމާތު ރަނގަޅު ކުރަން އެދި ކައުންސިލުން ސިޓީ ވެސް ފޮނުވާނެ ކަމަށް އެ މެމްބަރު ވިދާޅުވި އެވެ. އަދި އެއީ ނޫސްތަކަށް އަންގާ އެންގުމެއް ނުވަތަ އަމުރެއް ނޫން ކަމަށާއި ރަނގަޅު ނޫން މައުލޫމާތު ބަދަލު ކުރަން އެދުމަކީ ކޮންޓެންޓަށް ނުފޫޒު ފޯރުވުން ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މީޑިއާތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ކޮންމެ އެއްޗެއް ޖަހަން ދޫކޮށްލަންވީތޯ؟ އެހެން ކަމަކު ނުދާނެ،" އެ މެމްބަރު ވިދާޅުވި އެވެ.

އޮންލައިން ނުވަތަ ޕްރިންޓު ނޫހެއްގައި ޝާއިއު ކުރާ އެއްޗަކާ ބެހޭ ގޮތުން އާންމުން ނުވަތަ އެހެން މުއައްސަސާތަކުން ހުށަހަޅާ ޝަކުވާތައް ބަލުމުގެ ބާރު މީޑިއާ ކައަންސިލުގެ ގާނޫނުން އެ ކައުންސިލަށް ލިބިގެންވެ އެވެ. އެހެން ނަމަވެސް، ހަބަރެއް ނޫހަކުން ނަގަން ނުވަތަ ބަދަލު ގެންނަން އެންގޭނީ މައްސަލައެއް ބަލައި ނިންމުމަށް ފަހު، އެފަދަ ފިޔަވަޅެއް އަޅަން ކައުންސިލަށް ފެންނަ ނަމަ އެވެ.

comment ކޮމެންޓް