ބަލިކަމުން ރިޝީއަށް "ދި އިންޓާން"އެއް ނުކުޅެވޭ

ބަތަލާ ދީޕިކާ އާއި ރިޝީ ކަޕޫރު---

ދެހާސް ފަނަރަވަނަ އަހަރު ނުކުތް ކޮމެޑީ ޑްރާމާ "ދަ އިންޓާން"ގެ ހިންދީ ރީމޭކް ކުޅުމަށް ރިޝީ ކަޕޫރު ހަމަޖެއްސިނަމަވެސް އޭނާގެ ބަލި ހާލަތު ހުރި ގޮތުން އެ ފިލްމު ނުކުޅެވޭކަމަށް ހަބަރުތައް ބުނެފިއެވެ.

ދީޕިކާ ޕަދުކޯން އާއި ރިޝީ ކަޕޫރު އެއްކޮށް ފެނިގެންދާ އެ ފިލްމު ރިޝީ ނުކުޅޭތީ އެދެތަރިން ޖޯޑު ބަލައިލަން ކެތްމަދުވެފައި ތިބި މީހުން ވަނީ ހިތާމަފާޅުކޮށްފައެވެ. ރިޝީގެ ބަލި ހާލަތުގެ ސަބަބުން އޭނާ އަމިއްލައަށް ފިލްމު ދޫކޮށްލިކަމަށް ހަބަރުތައް ބުނެއެވެ.

ދަ އިންޓާންއަކީ ކާ ޕްރޮޑަކްޝަން، ވާނާ ބްރޯސްއާއި އެޒިއުރ އެންޓަޓެއިންމަންޓުން ގުޅިގެން ގެނެސްދޭ ފިލްމެކެވެ. މީގެ ކުރިން ރިޝީ ދިން އިންޓަވިއުއެއްގައި ބުނީ ދީޕިކާއާއެކު މަސައްކަތްކޮށްލަން ލިބުމުން ވަރަށް ބޮޑަށް ހިތްހަމަޖެހި އުފާވާ ކަމަށެވެ. އަދި މި ފިލްމުގެ މަސައްކަތް ފެށުމަށް ކެތްމަދުވެފައިވާ ކަމަށްވެސް ރިޝީ ބުންޏެވެ.

ރީޝީ ކަޕޫރަކީ، ދީޕިކާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ރަންބީރު ކަޕޫރުގެ ބައްޕައެވެ.

މިދިޔަ ފެބްރުއަރީ މަހު އާއިލީ ފަންކްޝަނެއްގައި ބައިވެރި ވާން ދިއްލީއަށް ގޮސް އުޅެނިކޮށް ކުއްލިއަކަށް އޭނާގެ ހާލަތު ގޯސްވެ ވަނީ އެޑްމިޓްވެސްކޮށްފައެވެ. ކެންސަރު ބައްޔަށް ފަރުވާ ކުރަން އަހަރެއްހާ ދުވަހު ނިއުޔޯކުގައި ހުރެފައި މިދިޔަ ސެޕްޓެމްބަރު މަހު ރިޝީ ވަނީ ކެންސަރު ބަލިން ސަލާމަތްވެ އެނބުރި އިންޑިއާއަށް އައިސްފައެވެ.

comment ކޮމެންޓް