ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ

--- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަން އަށް ނިސްބަތްވާ ރަށެއްގައި އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަށް އެ މައްސަލަ ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުގެ ހަވީރު ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، އެހެން ނަމަވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހު ގއ. ކަނޑުހުޅުދޫގައި އުމުުރުން ދެއަހަރު ނުވާ ތުއްތު ކުއްޖާއަށް އެކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

އެ މައްސަލައިގައި އެކުއްޖާގެ ކާފަ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ، 62، އާއި މުނިކާފަ ގއ. ކަނޑުހުޅުދޫ، އަންނާރުމާގެ، ހަސަން މޫސާދީދީ، 82، ގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. އެ ދެ މީހުންގެ މައްޗަށް ކުރީ އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ވަނީ ފަށާފަ އެވެ.

އަދި އެ މައްސަލައިގައިި މަންމަ އާއި ބައްޕަގެ މައްޗަށް އިހުމާލުގެ ދެ ދައުވާއެއް ވަނީ އުފުލައިފައެވެ. އެކުއްޖާގެ މައިންބަފައިންނަށް ކުރަނީ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓްނުކުރުމުގެ ކުށުގެ ދައުވާއާއި އެކަށީގެން ނުވާ ކަމެއްކަން އެނގިހުރެ އެކަން ހިނގިޔަ ނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވުމުގެ ކުށުގެ ދައުވާ އެވެ.

comment ކޮމެންޓް