ބުކިންތައް ކެންސަލްކުުރުމާއި ތާރީހް ބަދަލުކުރުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދޭން މަޓާޓޯއިން ގޮވާލައިފި

ހުޅުމާލޭގެ ގެސްޓްހައުސެއް -- ސަން ފައިލް ފޮޓޯ

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމުގެ ކުރިން ހަދާ ބުކިންތައް ކެންސަލްކުުރުމާއި ތާރީހް ބަދަލުކުރުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދޭން މަޓާޓޯއިން ގޮވާލައިފިއެވެ.

މިހާރު ދުނިޔެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައުި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރަން ނިންމި ވަރަށް ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ބުކިންތައް ކެންސަލްކޮށްފައެވެ.

އޭގެ އިތުރަށް ރާއްޖެއަސް ފަތުރުވެރިން ގެންނަ ގިނަ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް މެދުކަނޑާލައިފައިވާއިރު ރާއްޖެއިން ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދިނުންވެސް ވަގުތީ ގޮތުން ވަނީ މެދުކަނޑާލައިފައެވެ.

"މި އެސޯސިއޭޝަނުން މި ގޮވާލަނީ ގެސްޓްހައުސްތަކާއި ރިސޯޓްތަކާއި ލިވަބޯޑްތަކާއި ހޮޓާތަކަށް ބުކިންތައް ކެންސަލްކުރުމާއި ތާރީހް ބަދަލުކޮށްދިނުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދޭށޭ. ގިނަ ތަންތަން މިހާރު އޮތީ ބަނގުރޫޓްވުމުގެ މަގުމަތީގައި އެކަމު އެވިޔަފާރިތަކަށްވެސް ރަނގަޅީ އެގޮތް އަދި ކޮރޯނާގެ މައްސަލަ ހައްލުވެ ބޯޑަރުތައް ހުޅުވާލައިރުވެސް ފަތުރުވެރިން އަލުން ރާއްޖެއަށް މިސްރާބު ޖަހާނެ އޭރުން،" މަޓާޓޯގެ ބަޔާނުގައިވެއެވެ.

މަޓާޓޯއިން އިތުރަށް ބުނީ ބައެއް ރިސޯޓްތަކުން "އަންއެތިކަލް" ކޮށް ބުކިންގްސްތައް ކެންސަލްކޮށް ތާރީހުތައް ބަދަލުކުރާ މައްސަލައިގައި ޓޫރިޒަމް މިނިސްޓްރީއާ މިހާރު ވާހަކަ ދައްކަމުންދާ ކަމަށެވެ.

ކޮރޯނާއާ ގުޅިގެން ރާއްޖެއަށް ފަތުރުވެރިން ގެންނަ އެއާލައިންތަކުގެ ދަތުރުތައް ހުއްޓާލައިފައިވާތީ ބައެއް ރިސޯޓްތަކާއި ގެސްޓްހައުސްތައް މިހާރު ދަނީ ބަންދުކުރަމުންނެވެ.

comment ކޮމެންޓް