ކޮރޯނާވައިރަސް: ދެ ދިވެހިން ނޫން އެންމެން ބަލިން ރަނގަޅުވެއްޖެ

މާޗް 29، 2020: ކޮވިޑް19 އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސް ޖެހިގެން ފަރުވާދެމުން ދިޔަ ދެ ދިވެހިން ފިޔަވައި އެހެން އެންމެން އެ ބަލިން ރަނގަޅުވެއްޖެ އެވެ.

ކޮރޯނާވައިރަސް އެމަޖެންސީ ރެސްޕޮންސް ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ މުރާދު ވިދާޅުވީ، ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ 13 މީހުން އެއްކޮށް ރަނގަޅުވެފައިވާ ކަމަށެވެ. އަދި މިވަގުތު ފަރުވާދެމުން ދަނީ ދެ މީހުންނަށް ވެސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން ޕޮޒިޓިވްވެގެން އަޅުގަނޑުމެން ބަލަމުންދިޔަ ކޭސްތައް، ވެލިދޫގައި އަޅުގަނޑުމެން ބަލަހައްޓަމުން ގެންދިޔަ ކޭސްތަކުގެ ތެރެއިން މިހާރު ޕޮޒިޓިވްކޮށް މި ތިބީ ހަމައެކަނި ދިވެހި ދެ މީހުން. އޭގެ މާނައަކީ ކުރިން ޕޮޒިޓިވްވި ބޭރު ހުރިހާ އެންމެން މިހާރު ނެގަޓިވް ސާމްޕަލް ލިބި ނެގަޓިވް ކަމަށް ނިންމިފައި މިވަނީ،" ޑރ. މުރާދު ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި ކޮވިޑް-19އަށް ފަރުވާ ދެމުން ދަނީ މިފަހުން ޕޮޒިޓިވްވި ދެ ދިވެހީންނެވެ. އެ މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ވެލިދޫ އައިލެންޑް ރިސޯޓްގަ އެވެ. އެ ދެ މީހުންނަކީވެސް އިނގިރޭސީވިލާތުގައި ތިބެފައި ރާއްޖެ އައި ދެ މީހުންނެވެ.

ޑރ. މުރާދު ވިދާޅުވީ، އެ ދެމީހުންގެ ހާލު ރަނގަޅު ކަމަށެވެ. އަދި އެ ދެ މީހުންގެ ކިބައިންވެސް ފެންނަނީ އާދައިގެ ރޯގާގެ އަލާމާތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮވިޑް-19އާ ގުޅޭ ކަންކަމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، މިއަދު ވައިރަހަށް ޕޮޒިޓިވްވި ކުއްޖާއާ އެކު އެއް ކޮޓަރިއެއްގައި އެހެން މީހަކު ހުރި ކަމަށެވެ. އަދި އެ ކުއްޖާވެސް ވައިރަހަށް ޓެސްޓު ކުރާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެ ރަނގަޅުވި 13 ބިދޭސީންނަކީ ޅ. ކުރެއްދޫ ރިސޯޓުގައި ތިބި ފަސް މީހަކާއި، އއ. ބަތަލާ ރިސޯޓުގައި ތިބި ދެ މީހަކާއި، އއ. ކުރަމަތި ރިސޯޓުގައި ތިބި ދެ މީހަކާއި، ކ. އަނަންތަރަ ދިގު ރިސޯޓުގައި ތިބި ދެ މީހެއްގެ އިތުރުން އައިލެންޑް ސަފާރީ ނަމަކަށް ކިޔާ ސަފާރީއެއްގައި ތިބި ދެ މީހަކެވެ.

comment ކޮމެންޓް