އެއް ރިސޯޓްގެ މުވައްޒަފުންނަށް އަނެއް ރިސޯޓަކަށް ނުދެވޭނެ: މަބްރޫކް

މާޗް 28، 2020: ކޮވިޑް19 އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތް އިރު އެއް ރިސޯޓެއްގެ މުވައްޒަފުންނަށް އަނެއް ރިސޯޓަށް ނުދެވޭނެ ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މަބްރޫކް މިހެން ވިދާޅުވީ ކޮވިޑްއާ ބެހޭ ގޮތުން އެންމެ ފަހުގެ މައުލުމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ

"ހުއްދަ ދީފައި އޮންނާނީ އެއް ރިޒޯޓެއްގައި ތިބި ގެސްޓުން އަނެއް ރިސޯޓުން ބަދަލުކުރުމަށް. މުވައްޒަފުން ބަދަލުކުރުމުގެ ހުއްދައެއް ނޯންނާނެ ދީފައެއް،" މަބްރޫކް ވިދާޅުވި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން މިމަހު 18 ވަނަ ދުވަހު ވަނީ ރިސޯޓުން މީހުން އެެެރުމާއި ފޭބުން މަނާކޮށްފަ އެވެ. ރިސޯޓަށް މީހުން އެރުމާއި ފޭބުން މަނާކުރި މީހުންގެ ތެރޭގައި ފަަތުރުވެރިންނާއި ފަތުރުވެރިން ފުރުވަން އެއާޕޯޓަށް ގެންދަން ޖެހޭ ހާލަތްތަކުގައި އެކަމަށް ދާ މުވައްޒަފުން އިސްތިސްވާނެ އެވެ.

އެއް ރިސޯޓެއްގެ މުވައްޒަފުން އަނެއް ރިސޯޓަށް ބަދަލުނުކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވި އިރު ކުންފުންޏަކުން ކައިރި ކައިރީގައި ހިންގާ ދެ ރިސޯޓެއްގެ ތެރެއިން އެއް ރިސޯޓަކުން އަނެއް ރިސޯޓަށް މުވައްޒަފުން ދާން އުޅޭކަމުގެ އަޑުތަކެއް ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ.

comment ކޮމެންޓް