އޮންލައިިންކޮށް ބާއްވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ މާދަމާ

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ކޮވިޑް-19ގެ ނުރައްކަލާ ގުޅިގެން އެކަމުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ރައްޔިތުންްގެ މަޖިލީހުގެ ޖަލްސާތައް ހަފްތާއަކަށް މެދުކަނޑާލުމަށްފަހު، މާދަމާއިން ފެށިގެން އޮންލައިންކޮށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމީ މަޖިލީހުގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށެވެ.

ތަޅުމަށް ހާޒިރުނުވެ، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި މަހުގެ 24 ވަނަ ދުވަހު މަޖިލީހުގައި މަޝްވަރާކުރައްވައިފައެވެ.

އެ ދުވަހުގެ ބައްދަލުވުމުގައި ނިންމީ މެމްބަރުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށެވެ. އަދި ގޭގައި ތިބެގެން އިންޓަނެޓު މެދުވެރިކޮށް މަސައްކަތް ކުރާނެ އުސޫލެއް މަޖިލީހުގެ އާންމު ކޮމިޓީން ވަނީ އެކުލަވާލައިފައެވެ.

އެގޮތުން، އޮންލައިންކޮށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް މާދަމާ ހެނދުނު 11:00ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޖަލްސާ މަޖިލީހުގެ ޔޫޓިއުބް ޗެނަލުން ވަގުތުން ދުރަށް ދައްކާނެއެވެ.

އެ ޖަލްސާގެ އެޖެންޑާ މިހާރު އާންމުކޮށްފައި ވާއިރު، މާދަމާގެ ޖަލްސާގައި އޮތީ ކޮވިޑް19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމާ ގުޅޭގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ މައްސަލަ ކުރިއަށް ގެންދިއުމެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލިސްކުރާ ގެއަށް ވަޑައިނުގެންނެވިނަމަވެސް، ޖަލްސާތަކަށް ހުށެހެޅޭ މައްސަލަތަކާއި ބިލުތަކަށް އޮންލައިންކޮށް ބަހުސްކުރުމާއި، ވޯޓުދިނުމާއި، އަދި ކޮމިޓީތަކުގެ މަސައްކަތާއި މަޖިލީހުގެ އެހެނިހެން މަސައްކަތްތައް ކުރިއަށްދާނެ ކަމަށް މަޖިލީހުން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށްޓަކައި މިދިޔަ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވަނީ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާއެއްގެ ޓެސްޓް ސެޝަންތަކެއް ކުރިއަށް ގެންދަވާފައެވެ.

އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބޭއްވީމި މަހުގެ 18 ވީ ބުދަ ދުވަހު އެވެ. އެދުވަހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މިފަދަ ހައްސާސް ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލިސް ބަންދުނުކުރެވޭނެ ކަމަށާއި، ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާތައް ބާއްވާނެ ކަމަށެވެ.

comment ކޮމެންޓް