އިތުރު މެޑިކަލް ޝިޕްމަންޓްއެއް އިންޑިއާއިން ރާއްޖެ ގެންނަނީ

މާޗް 29، 2020: ކޮވިޑް19 އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު މުޅި ދުނިޔެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް އިތުރު މެޑިކަލް ޝިޕްމަންޓެއް ގެންނަން ނިންމައިފިއެވެ.

ކޮވިޑްއާ ގުޅޭގޮތުން މިިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އިންޑިއާއިން އިއްޔެވެސް ރާއްޖެއަށް ޝިޕްމަންޓްއެއް ގަނެގެން ގެނައި ކަމަށެވެ.

"މީގެ އިތުރުން އިތުރު މެޑިކަލް ޝިޕްމަންޓެއްވެސް އިންޑިއާއިން ގެނައުމަށްޓަކައި ފޮރިން މިނިސްޓްރީން އިންޑިއާއާ މަޝްވަރާ ކުރެވެމުން އެބަދޭ. އިންޑިއާގައި ރަށްތަކުގެ ތެރޭގައި ދަތުރުފަތުރު ކުރުމުގެ ދަތިކަމުން އެ އެއްޗެތި ޕޯޓާ ހަމައަށް ގެނައުމުގައި އުނދަގޫ އެއެއްޗެތި ޕޯޓާ ހަމައަށް ގެނައުމުގެ މަސައްކަތް އެބަ ކުރިއަށްދޭ،" މަބްރޫކް ވިދާޅުވިއެވެ.

އިންޑިއާއިން ގެންނަ މެޑިކަލް ޝިޕްމަންޓްގެ ތަފްސީލެއް މަބްރޫކް ނުދެއްވައެވެ. މީގެ ކުރިން އިންޑިއާއިން ވަނީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭސްތަކުގެ ތެރެއިން ތިން މަހަށް ބޭނުންވާ ބޭސްތަކެއް ހަދިޔާ ކޮށްފައެވެ.

އިންޑިއާގައި ހަލުވި ކަމާއެކު ކޮރޯނާ ފެތުރޭތީ މިހާރު މުޅި ގައުމު އޮތީ 21 ދުވަހަށް ލޮކް ޑައުންވެސް ކޮށްފައވެެ.

މަބްރޫކް އިތުރަށް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ގެނައުމަށް ފްލައިޓްތަކެއްވެސް މިހާރު ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

"ކާގޯ ފްލައިޓްތަކެއް އަޅުގަނޑުމެން އެބަކުރަން. މާދަމާ ކޮލަމްބޯއަށް. އެގޮތަށް އެހެން ރަށްތަކަށާ އެކީގައި އެކި ދުވަސްތަކުގެ މަތިން ރާއްޖެއަށް މިވަގުތު ބޭނުންވާ ބޭހާއި ކާބޯތަކެތި ހޯދުމަށްޓަކައި އެދަތުރުތައް މިކުރަނީ،" މަބްރޫކް ވިދާޅުވިއެވެ.

comment ކޮމެންޓް