ކޮރޯނާވައިރަސް: ސްޕެއިންގައި އެއް ދުވަސް ތެރޭ 838 މަރު

ސްޕެއިންގެ މެޑްރިޑްގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ހަދާފައިވާ ފެސިލިޓީއެއް -- ފޮޓޯ: ގެޓީ

މެޑްރިޑް (މާޗް 29): ސްޕެއިންގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި 838 މީހަކު އިއްޔެ މަރުވެފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔެއިން ދެވަނައަށް އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވާ ސްޕެއިންގައި އިއްޔެއަކީ ވައިރަސް ޖެހުނު އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. އަދި މިހާރު ކޮވިޑް-19 ޖެހިގެން އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 6،528އަށް އަރާފަ އެވެ.

ސްޕެއިންގައި މިހާތަނަށް 78،700އަށް ވުރެ ގިނަ މީހުން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

އެގައުމުން ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސްކޫލުތަކާއި ރެސްޓޯރެންޓުތަކާއި ކޮންމެހެން ބޭނުންވާ ތަކެތި ނޫން އެހެނިހެން ތަކެތި ވިއްކާ ފިހާރަތައް މިމަހުގެ 14އިން ފެށިގެން ބަންދު ކުރުން ހިމެނެ އެވެ. އަދި އިއްޔެ އެގައުމުގެ ސަރުކާރުން ވަނީ އަސާސީ ހިދުމަތްދޭ ފަރާތްތައް ނޫން އެހެން އެންމެން ދެ ހަފްތާއަށް ގޭގައި މަޑު ކުރުމަށް އަންގާފަ އެވެ.

ކޮރޯނާވައިރަސް ޖެހިގެން ދުނިޔެއިން އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައި ވަނީ އިޓަލީގަ އެވެ. އެގައުމުގައި 92،400އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 10،023 މީހަކު ވަނީ މަރުވެފަ އެވެ. އަދި މިހާރު ވައިރަހަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވެފައި ވަނީ އެމެރިކާގަ އެވެ. އެގައުމުގައި 124،000އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 2،190 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް