ކަރަންޓީނުން ދޫކުރުމުގެ ކުރިން އެންމެން ޓެސްޓްކުރަން ނިންމައިފި

ކޮވިޑް19 އާ ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މަސައްކަތްތައް ކުރިއަށްދަނީ -- ފޮޓޯ/ ރައީސް އޮފީސް

ކޮރޯނާވައިރަހުގެ ކަރަންޓީނަށް ގެންދާ އެންމެން އެ ވައިރަހަށް ޓެސްޓް ކުރަންޖެހޭ ގޮތަށް ޕްރޮޓޮކޯލް އަށް ބަދަލުގެންނަން ސަރުކާރުން ނިންމައިފި އެވެ.

ޕްރޮޓޮކޯލްއަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމާފައި ވާއިރު، އައިލެންޑް ސަފާރީން ބައްޔަށް ޕޮޒިޓިވްވި ދެމީހުންނާ އެކު އެ ސަފާރީގައި ތިބި އިތުރު ދެމީހަކު ރާއްޖެއިން ފުރި ފަހުން އެ ދެމީހުން ބައްޔަށް ޕޮޒިޓިވްކަން އެނގުމުން، އެޗްޕީއޭއިން އަމަލުކުރަމުން އަންނަ ޕްރޮޓޮކޯލް އާ ގުޅޭގޮތުން ގިނަަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ކޮރޯނާވައިރަސް އެމަޖެންސީ ރެސްޕޯންސް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިިޖީއެމްއެޗްގެ ޑރ. އަލީ ލަތީފު ވަނީ މިހާތަނަށް އަމަލުކުރަމުން އައި ޕްރޮޓޮކޯލް އޮޅުންފިލުވައިދެއްވައިފައެވެ.

ޑރ. ލަތީފް ވިދާޅުވީ މިއަދާ ހަމައަށް އަމަލުކުރަމުން އައީ ޕްރޮޓޮކޯލްގެ ވާޝަން 8 އަށް ކަމަށާއި، ބަދަލުތަކެއް ގެނެސް މާދަމާ ވާޝަން 9 އާންމު ކުރާނެ ކަމަށެވެ.

ފާއިތުވި ދެތިން މަހުގެ ތެރޭގައި ކޮވިޑް19 އާ ގުޅޭ ކުއިކް ރެފަރެންސް ގައިޑްލައިނެއް ހަދާފައިވާ ކަމަށާއި އެ ގައިޑްލައިނަށް އެކި ފަހަރުމަތިން ބަދަލުތައް ގެނެސްފައިިވާކަން ވެސް ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

ސަބަބަކީ އާ އެވިޑެންސް އައީމަ އެއަށް ބަލާފަައި ގެންނަންޖެހޭ ބަދަލުތައް މި ގެންނަނީ،" ޑޮކްޓަރު ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވީ ވާޝަން 8 ގައި ޓެސްޓު ކުރުމާ ގުޅޭގޮތުން ހަދާފައި އިންނަ އަލްގޮރިދަމް އާ ގުޅިގެން އޮޅުންތަކެއް އަރާފައިވާ ކަމަށެވެ.

އެގޮތުން މީހަކު ބައްޔަށް ޕޮޒިޓިވް ވެއްޖެނަމަ ހަދަން ޖެހޭނެ ގޮތް އެ އަލްގޮރިދަމްގައި ވަނީ ބަޔާންކޮށްފައެވެ. އޮޅުން އަރަނީ ބަލީގެ އެއްވެސް އަލާމާތެއް ނެތް ނަމަވެސް ބަލި ޖެހުމުގެ ފުރުސަތު ބޮޑު މީހުންނާ ގުޅޭ ބައިގެ ސަބަބުން ކަމަށެވެ.

ޑޮކްޓަރު ވިދާޅުވީ އެއީ ފާއިތުވި ތަނުގައި ދިމާވި ކޭސްތަކަށް ބަލާފައި، އެ ކޭސްތަކަށް އެޓެންޑުކުރާނެ ގޮތް ހޯދަން ލިޔުނު އެއްޗެއް ކަމަށެވެ.

"އޭގަ ވީގޮތަކީ، ދެމަފިރިންގެ ތެރެއިން އެކަކު އަލާމާތް ހުރެގެން ޓެސްޓު ހެދީ، ހެދީމަ ޕޮޒިޓިވްވީ. ޕޭޝަންޓުގެ އަނބިމީހާގެ އެއްވެސް ކަހަލަ އަލާމާތެއް ނެތް. އެހެން ނަަމަވެސް އަނބިމީހާ ބޭނުމެއް ނުވޭ ޕޭޝަންޓާ ދުރުގަ ހުންނާކަށް. އެހެންވެ އަޅުގަނޑުމެންނަށް ޖެހުނީ އެއް ތަނެއްގައި ބަހައްޓާތީ އަނބިމީހާ ވެސް ޓެސްޓުކުރަން. ޓެސްޓުކުރި އިރު ޕޮޒިޓިވް ވެއްޖެ. ހަމަ އެގޮތަށް އެހެން ކަޕުލް އެއް ވެސް އެގޮތަށް ޓެސްޓު ކުރި އިރުރ ޕޮޒިޓިވް ވެއްޖެ. އެހެންވީމަ އަޅުގަނޑުމެން ބެލީ އެގޮތަށް ކޮންޓެކްޓުވާ މީހުންނާ މެދު އަމަލުކުރާނީ ކިހިނެތްތޯ،" ޑޮކްޓަރު ވިދާޅުވިއެވެ.

ޑރ. ލަތީފް ވިދާޅުވީ ގައިޑްލައިން ލިޔެފަ އިން ގޮތުން، ހައި ރިސްކް ކޮންޓެކްޓުގެ ޓެސްޓުވެސް ހަދަންޖެހޭ ކަމަށް ހީވާ ކަމަށެވެ. ނަމަވެސް ކޮންޓެކްޓުވާ މީހާ ކަރަންޓީނު ކުރި ނަމަވެސް، އޭނާގެ އެއްވެސް އަލާމާތެއް ނުފެންނަ ނަމަ، ޓެސްޓު ނުހަދާނެ ކަމަށާއި، ކަރަންޓީނު މުއްދަތު ކަމުގައިވާ 14 ދުވަސް ފުރިހަމަ ކުރުމުން އޭނާ ދޫކޮށްލާނީ ކަމަށެވެ.

"މިހާ ހިސާބަށް އަޅުގަނޑުމެން ނީންނާނެ އެއްވެސް ގައިޑްލައިނެއްގަ އެއްވެސް ޕްރޮޓޮކޯލް އެއްގައެއް ލިޔެފައެއް ކޮންޓެކްޓުން ޓެސްޓު ހަދާ ގޮތަކަށް،" ޑރ. ވިދާޅުވިއެވެ.

ޑރ. ލަތީފް ވިދާޅުވީ މިހާރު ލިޔެފައި އޮތް ޕްރޮޓޮކޯލް ޑަބްލިއުއެޗްއޯގެ ކޮންސަލްޓަންޓުންނަށް ވެސް ދައްކާފައި ވާނެ ކަމަށެވެ. އަދި މިހާރު އިން ގޮތުން އޮޅުން އަރާފާނެ ކަމަށާއި، އެހެންކަމުން އެއީ ކޮންމެހެން ގައިޑްލައިންގައި ހިމަނަން ޖެހޭ ބައެއް ނޫން ކަމަށް އެބޭފުޅުން ބުނެފައިވާ ކަމަށެވެ.

އެހެންކަމުން ވާޝަން9 ގައި އެ ބައި ބަދަލުކުރާނެ ކަމަށް ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ.

"މިހާ ހިސާބަށް އަޅުގަނޑުމެން އަމަލު ކުރި ގޮތަކީ ކޮންޓެކްޓުންގެ ޓެސްޓު ނުހަދާ ގޮތަށް. ދެން ފާއިތުވި އެކްސްޕީރިއަންސަށް ބަލާފަ އަދި އަޅުގަނޑުމެންގެ ކޭސްތައް ވެސް ގިނަވަމުން ދާތީއާ އެކީގައި އަދި ޑަބްލިއުއެޗްއޯގެ ގައިޑެންސާވެސް އެކުގައި މިހާރު މި ނިންމަނީ ކަރަންޓީނު ކުރާ ހުރިހާ އެންމެން ވެސް އެމީހުން ކަރަންޓީނުގެ ދުވަސް ހަމަވުމަށްފަހު ކަރަންޓީނު ފެސިލިޓީން ރިލީޒް ކުރާ އިރުގައި ޓެސްޓު ހަދަން،" ޑޮކްޓަރު ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވީ ކަރަންޓީނު މުއްދަތު ފުރިހަމަކުރުމުން، ފެސިލިޓީން ދޫކޮށްލުމުގެ ކުރިން އަމިއްލައަށް ފުރާ ސުވާލު ކަރުދާހެއް މެދުވެެރިކޮށް "އެގްޒިޓް ސްކްރީނިން" އެއް ވެސް ހަދާނެ ކަމަށެވެ.

އެހެންކަމުން ދެން ކަރަންޓީނު ފެސިލިޓީން މީހުން ދޫކޮށްލާނީ ސްކްރީނިން އެއް ހަދައި، ކޮވިޑް19 އަށް ޓެސްޓު ކުރުމަށްފަހުއެވެ.

ޑޮކްޓަރު ވިދާޅުވީ މިގޮތަށް ޕްރޮޓޮކޯލް ބަދަލުކުރަން ނިންމާފައި ވަނީ، ޓެސްޓު ކުރެވޭ ވަރަށް ކިޓުތައް ވެސް ހުރުމުން ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިވަގުތު ރާއްޖޭގައި 3800 ޓެސްޓު ކިޓު އަދި ރެޕިޑް ޓެސްޓިން ކިޓުގެ 1000 ކިޓު އެބަހުރި ކަމަށެވެ.

މީގެ އިތުރުން މިމަހުގެ 31 ވަނަ ދުވަހު އައިޖީއެމްއެޗް އަށް އިތުރު 6800 ކިޓު ގެނެވޭނެ ކަމަށެވެ. ހަމައެއާއެކު އެކި ގައުމުތަކުން ރާއްޖެއަށް 29،500 ކިޓު ލިބެން ހުރި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިވަގުތު އައިސޮލޭޝަންގައި 23 މީހަކު އެބަތިބި ކަމަށާއި، 860 މީހަކު ކަރަންޓީނު ފެސިލިޓީތަކުގައި ތިބި ކަމަށެވެ.

comment ކޮމެންޓް