ފުލުހުންގެ ތަހުގީގު އަވަސްކޮށް، ފުރިހަމަކުރަން ސަމާލުކަންދޭން ރައީސް ގޮވާލައްވައިފި

ރައީސް ސޯލިހު ސީޕީ ހަމީދާ ސަލާމް ކުރައްވަނީ -- ފޮޓޯ: ޕޮލިސް

ފުލުހުންގެ ތަހުގީގުތައް އަވަސްކޮށް، ފުރިހަމަކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތަށް 87 އަހަރު ފުރުމާ ގުޅިގެން ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ، ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމުކޮށްދީ، ސުލްހަ މަސަލަސްކަމުގައި ދިރިއުޅެވޭނެ ކަމުގެ ޔަގީންކަމާއި އިތުބާރު ހޯދައިދިނުމަށް ޓަކައި، މުޖުތަމައުގައި ހިންގާ ކުށުގެ އެންމެހައި އަމަލުތައް މަދުކުރުމަށް، ދިވެހި ފުލުހުން މިހާރަށްވުރެ މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށެވެ.

އަދި ފުލުހުންގެ ހިދުމަތް އެންމެ ބޮޑަށް އަމާޒުކުރަން ޖެހިފައިވަނީ ވެސް، ކުށް ކުރުން ހުއްޓުވުމަށާއި، ކުށްވެރިން ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކަމަށް ވާއިރު، ކުށް ކުރުމުގެ ވައްޓަފާޅިއާއި ބޭނުންކުރާ އުކުޅުތައް، އަދި ކުށުގެ ބާވަތްތައް ވެސް ދުވަހުން ދުވަހަށް ބަދަލުވެ އިތުރުވަމުން އަންނަކަން ރައީސް ފާހަގަކުރެއްވި އެވެ.

އެގޮތުން މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކުރާ މީހުންގެ އަމަލުތައް ފުޅާކުރަމުން އަންނަ ކަމަށާއި ކުޑަކުދިންނާއި އަންހެނުންނާއި، ހާއްސަ ރައްކާތެރިކަމަށް ބޭނުންވާ އެހެން މީހުންނާއި ކުދިންނާ ދެކޮޅަށް ހިންގާ ކުށްތައް ރިޕޯޓް ކުރެވޭ މިންވަރު އިތުރުވެ، އެ މައްސަލަތައް ހައްލުކުރުމަށް ދެވޭ ސަމާލުކަން އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ ފުރަތަމަ މަރުހަލާ ފެށިގެން އަންނަނީ، ފުލުހުން ކުރާ ތަހުގީގުގެ ތެރެއިން. އެހެންކަމުން، ފުލުހުންގެ ތަހުގީގުތައް އަވަސްކޮށް، ފުރިހަމަކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމުގައި އަޅުގަނޑު ދެކެން،" ރައީސް ވިދާޅުވި އެވެ.

ކުށުގެ އަނިޔާ ލިބޭ ފަރާތްތަކަށް، ފުރިހަމަ ރައްކާތެރިކަމާއި ހިމާޔަތް ހޯދައިދިނުމަށް، ފުލުހުންގެ މުއައްސަސާއިން ކުރަން ޖެހޭ އެންމެހައި ކަންކަން ކުރެވޭކަން، ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ރައީސް މިއަދު ވަނީ އެދިވަޑައިިގެންފަ އެވެ.

ރައީސް ވިދާޅުވީ ފުލުހުން ކުރާ މުހިންމު މަސައްކަތުގެ ނަތީޖާ ފެންނާނީ، ވަށައިޖެހިފައިވާ ނިޒާމެއްގެ ގޮތުގައި، ހުރިހާ މުއައްސަސާތަކެއް އެކުއެކީގައި އެއް މިންވަރަކަށް މަސައްކަތް ކޮށްގެން ކަމަށެވެ.

ރައީސް މިއަދު ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތަށް 87 އަހަރު ފުރުނު ނަމަވެސް މަދަނީ ހިދުމަތަކަށް ބަދަލުވި ފަހުން އަދި ވީ 16 އަހަރު ކަމަށެވެ. އަދި އެ ކުރު މުއްދަތުގެ ތެރޭގައި، ދިވެހި ފުލުހުންގެ ހިދުމަތަށް ވަރަށް ރަނގަޅު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

އަދި އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ރައްޔިތުންނާ ގާތުން ހިދުމަތް ދޭ، އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބަޔަކަށް ހެދުމަށް ކުރެވޭ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ.

"ނަމަވެސް، މި މުހިންމު މަސައްކަތް ކާމިޔާބުކުރުމަށް، އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ރައީސް ވިދާޅުވި އެވެ.

މި ހިނގާ ފަސް އަހަރަށް އެކުލަވައިލާފައިވާ އިސްތިރާޖީ ޕްލޭންގައި ހިމެނޭ ކަންކަން ތަންފީޒުވެގެން އަންނައިރު، ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު މިހާރަށްވުރެ ބޮޑަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށާއި ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލް މަޖިލީހުން ފާސްވެ ގާނޫނަކަށް ވުމުން، ފުލުހުންގެ ހިދުމަތް ހަރުދަނާވެ، ފުލުހުންގެ ގާނޫނީ ވާޖިބުތައް އަދާކުރުމުގައި، އިތުރު ފަސޭހަތަކާއި ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހަމައެއާއެކު މުޖުތަމައުގައި އާލާވަމުން އަންނަ އާ ބާވަތްތަކުގެ ކުށްތައް ހުއްޓުވައި، ރައްޔިތުންގެ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކަށް ކުރިމަތިލެވޭ ފަދަ ގާބިލު މުއައްސަސާއަކަށް، ފުލުހުންގެ ހިދުމަތް ބަދަލުވެގެން ދިއުމަށް އެ ބިލުން މަގުފަހިކޮށްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެ ބިލް ގާނޫނަކަށް ވެގެންދާއިރު، ފުލުހުންގެ މުޅި މުއައްސަސާއަށް އަންނަ ބަދަލުތަކާ އެކަށޭނަގޮތަށް، ދިވެހި ފުލުހުންނަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި ތަމްރީނު
ހޯދައިދިނުމަށް، ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެ،" ރައީސް ވިދާޅުވި އެވެ.

އެގޮތުން އައްޑޫ ސިޓީގައި މިހާރު ބިނާކުރަމުން އަންނަ، ފުލުހުންނަށް ތަމްރީނު ދޭ މަރުކަޒު، މިއަހަރުގެ ތެރޭ ހުޅުވައި، އެތަނުގައި ފުލުހުން ތަމްރީނުކުރަން ފެށުމުން، ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށާއި، އަތޮޅުތަކުގައި ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމަށް، ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް