ފުލުހުންނަށް އެއްބާރުލުން ދީ، އެއްވެ އުޅުން މުޅިން ހުއްޓާލާ: ރައީސް

25 މާޗް 2020: ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލުކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތް ކާމިޔާބުކުރުމަށް ފުރުސަތު ދިނުމަށްޓަކައި ހުރިހާ ރައްޔިތުން ވެސް ގޭގައި މަޑުކޮށް، އެއްވެ އުޅުން މުޅިން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

ދިވެހި ފުލުހުންގެ 87 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ ފުލުހުންގެ ހިދުމަތެއް އޮތުމުގެ، އެންމެ ބޮޑު ބޭނުމަކީ ރައްޔިތުން ހިމާޔަތްކުރުމާއި ރައްޔިތުންނަށް ހިދުމަތްކުރުން ކަމަށެވެ.

އަދި މިއަހަރުގެ ފުލުހުންގެ ދުވަސް ދިމާވެފައި މިވަނީ ދިވެހި ގައުމާއި ރައްޔިތުންގެ ހިދުމަތުގައި، ރެޔާއި ދުވާލު އެއްވެސް ވަރުބަލިކަމެއްނެތި، ވަރަށް މުހިންމު ގައުމީ މަސައްކަތެއްގައި، ދިވެހި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ދުވަސްވަރެއްގައިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން ކޮރޯނާވައިރަހުގެ ނުރައްކަލުން، ދިވެހި ގައުމު ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގައި ދިވެހި ފުލުހުން އަދާކުރަމުން އަންނަނީ ވަރަށް މުހިންމު އަދި ނުރައްކާތެރި ދައުރެއްކަމަށް ރައީސް ވިދާޅުވިއެވެ.

"މިކަމުން އަޅުގަނޑުމެންނަށް އެނގިގެން މިދަނީ، ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި، ފުލުހުންނަކީ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާނެ ބައެއްކަން،" ރައީސް ވިދާޅުވިއެވެ.

ބައްޔަށް ޕޮޒިޓިވްވާ މީހުން ކަރަންޓީން ކުރާ ތަންތަނާއި، ބައްޔަށް ޝައްކުކުރެވޭ މީހުން އެކަހެރިކޮށްފައި ބައިތިއްބާ ތަންތަނާއި، ރިސޯޓްތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން އަންނަނީ ފުލުހުންނެވެ.

ރައީސް ވިދާޅުވީ އެއީ ވަރަށް ނާޒުކު އަދި ވަރަށް ނުރައްކާތެރި މަސައްކަތެއް ނަމަވެސް، ފުލުހުން އެ ނުރައްކަލާ ކުރިމަތިލައި، ކުރީ ސަފަށް ނުކުމެ ތިބީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

އަދި މި ދަނޑިވަޅުގެ ނާޒުކުކަމުގެ ނާޖާއިޒު ފައިދާ ނަގައި އެކި ބާވަތުގެ ކުށްތަކަށް އަރައިގަންނަން މަސައްކަތްކުރާ ބަޔަކުވެސް މުޖުތަމައުގައި އެބަތިބި ކަމަށާއި އެފަދަ ކަންކަމަށް ސަމާލުވެ، އެކަންތައް ހުއްޓުވުމުގައިވެސް ފުލުހުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ، އަޅުގަނޑުމެން އެންމެން، އެ ބޭފުޅުން އެ ކުރައްވާ މަސައްކަތުގެ އަގު ވަޒަންކުރަންޖެހޭނެ. މިވަގުތު އެކަމުގެ އަގު ވަޒަންކުރުމަކީ، އެބޭފުޅުންގެ އެ މަސައްކަތް ކާމިޔާބުކުރުމަށް ފުރުސަތު ދެއްވައި، އަޅުގަނޑުމެން ބޭރަށް ނުނިކުމެ ގޭގައި ތިބުން. މީހުން އެއްވެއުޅުން މުޅިން ހުއްޓުމަކަށް ގެނައުން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތޯބުގައި ވިދާޅުވީ ކޮރޯނާވައިރަހުން ރައްކާތެރިވުމަށްޓަކައި ސިއްހީ ހިދުމަތްތެރިން އަންގާ އެންގުންތަކަށް ފުރިހަމައަށް އެއްބާރުލުން ދީ، ގެއިން ބޭރުގައި އުޅޭ ވަގުތުތައް މިހާރަށްވުރެވެސް މަދުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި ވީ އެންމެ އަވަހަށް އާންމު ދިރިއުޅުމުގެ ހާލަތަށް އެނބުރި ދިއުމަށްޓަކައި ހުރިހާ ރައްޔިތުންވެސް މިދުވަސްކޮޅު ގޭގައި މަޑުކުރުމަށް ރައީސް ތަކުރާރުކޮށް އިލްތިމާސްކުރެއްވިއެވެ.

comment ކޮމެންޓް