ޔޫއޭއީން ޕޮޒިޓިވްވީ ދިވެއްސެއް ނޫންކަން ޔަގީންވެއްޖެ: މަބްރޫކް

މިރޭ ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޔޫއޭއީގައި ދިވެއްސަކު ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާކަން އެ ގައުމުގެ ސަރުކާރުން އިއުލާންކޮަށްފައިވީ ނަމަވެސް އެއީ ދިވެއްސެއް ނޫންކަން މިހާރު ޔަގީންވެފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.

ޔޫއޭއީގެ ހެލްތް އެންޑް ޕްރިވެންޝަން މިނިސްޓްރީން މިމަހު 24 ވަނަ ދުވަހު ނެރުނު އިއުލާންގައި ބުނީ އެ ގައުމުން އަލަށް ފެނުނު 50 ކޮރޯނާވައިރަސް ކޭހުގެ ތެރެއިން ދިވެއްސަކު ހިމެނޭ ކަމަށެވެ. އޭގެ ފަހުން ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުގެ އެކަމުގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ދިޔައީ ކުރުމުންނެވެ.

ދަރުބާރުގޭ ނޭޝަނަލް އިމަޖެންސީ ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ޕޮޒިޓިވްވި މީހާއަކީ ދިވެއްސެއް ނޫން ކަން މިހާރު ކަށަވަރުކޮށްފައިވާ ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ހާމަައެއް ނުކުރައްވައެވެ.

މަބްރޫކު މިރޭ އެހެން ވިދާޅުވިއިރު، މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ޔޫއޭއީގެ ރަސްމީ ފަރާތްތަކުން ލިބުނު ނަމަށް ބަލާއިރު އެއީ އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ބޭނުންކުރާ ނަމެއް ކަމަށެވެ. އެހާތަނަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް އޭރުވެސް މަބްރޫކު ވިދާޅުވީ، ޕޮޒިޓިވްވި މީހާއަކީ ދިވެއްސެއް ކަަމަށް ނުބެލެވޭ ކަމަށެވެ.

މީގެ އިތުރުން މިއަދު އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ ދިވެހި ޑޮކްޓަރެއްގެ އަނބިކަނބަލުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމުގެ އަޑުތަކެއް ފެތުރުނެވެ. އެކަމާ ގުޅޭ ގޮތުން މިރޭ މަބްރޫކު ވިދާޅުވީ އެކަމާ ގުޅިގެން މައުލޫމާތު އަދި ލިބިވަޑައިނުގަންނަވާ ކަމަށެވެ.

ކޮރޯނާވައިރަހަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 16 އެވެ. އޭގެ ތެރެއިން ފުރައިގެން ދިޔަ އިޓަލީގެ ދެ ފަތުރުވެރިން ނުލާ ރާއްޖޭގައި ތިބީ 14 މީހެކެވެ. އެމީހުންގެ ތެރެއިން 11 މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ. ފަރުވާ ހޯދަމުން އަންނަނީ ތިން މީހެކައެވެ. އޭގެ ތެރެއިން އެކަކީ އިނގިރޭސީ ވިލާތުން އައި ދިވެއްސެކެވެ.

comment ކޮމެންޓް