މޯލްޑިވިއަންގެ ކާގޯ ފްލައިޓުތައް މާދަމާ ފަށަނީ

މޯލްޑިވިއަން ފްލައިޓް -- ސަން ފޮޓޯ. ފަޔާޒު މޫސާ

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ރާއްޖެއާއި ރާއްޖެއަށް ކާގޯ އުފުލާ ބައެއް ގައުމުތަކާ ދެމެދު ކުރަން ނިންމާފައިވާ ކާގޯ ދަތުރުތައް މާދަމާ ފަށަން ނިންމައިފިއެވެ.

މޯލްޑިވިއަން އިން އާންމުކޮށްފައިވާ ގޮތުން ކާގޯ ދަތުރުތައް ބާއްވާނީ ރާއްޖެ އާއި ލަންކާ އާއި ދެމެދުއެވެ.

އެގޮތުން މާދަމާ އިން ފެށިގެން އަންނަ މަހުގެ 26 ގެ ނިޔަލަށް ދަތުރުތައް ބާއްވާނެކަން އެ އެއާލައިނުން ވަނީ އިއުލާނުކޮށްފައެވެ.

މީގެ އިތުރުން ރާއްޖެ އަށް މުދާ އެތެރެކުރާ އެހެން ގައުމުތައް ކަމަށްވާ އިންޑިއާގެ ޓްރިވެންޑްރަމް، ޗެންނާއީ، އަދި ތައިލެންޑާއި ދުބާއީ އަށް ދަތުރުތައް ބޭއްވުމަށް މަޝްވަރާ ކުރަމުންދާ ކަމަށް މޯލްޑިިވިއަން އިން ވަނީ މީގެ ކުރިން ބުނެފައެވެ.

މަޝްވަރާ ކުރަމުންދާއިރު މަންޒިލްތައް އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެކުންފުނިން ވަނީ ބުުނެފައެވެ.

މިކަމުގައި ވީހާވެސް ގިނަ ފަރާތްތައް ބައިވެރިކުރަން ބޭނުންވާ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުު މުހައްމަދު ރިޒްވީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މޯލްޑިވިއަންގެ ދަތުރުތައް ބާއްވާނީ މާލެ އިން މެންދުރު ފަހުއެވެ. ކޮލަމްބޯ އިން މާލެ އައުމަށް ފުރާނީ އެގައުމުގެ ގަޑިން 18:00 ގައެވެ.

މޯލްޑިިވިއަން އިން ކާގޯ ފްލައިޓުތަކެއް ބާއްވަން ފަށާޢިރު ރާއްޖޭގައި ކާބޯތަކެތީގެ އަގު ވަނީ އުލުހުން ފަށައިފައެވެ.

އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ ވެބްސައިޓުގައި ބުނެފައިވާގޮތުން މިރެއިން ފެށިގެން ކޮންމެ ރެއަކު ރޭގަނޑު 9:00 ގައި އެއާޕޯޓް ބަންދު ކުރަން ފެށި ނަމަވެސް، ރާއްޖެ އަށް ބޭރުން ލިބޭ އެހީ ގެނައުމަށާއި އާއި މެޑިކަލް އިވެކުއޭޝަންތަކަށް އެއާޕޯޓް ހުޅުވާލާނެ އެވެ.

މީގެ އިތުރުން ޝެޑިއުލްގައި ނެތް ދަތުރުތަކަށް ތިން ގަޑިއިރު ކުރިން ނޯޓިސް ދިނުމުންވެސް އެއާޕޯޓު ހުޅުވާލާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

comment ކޮމެންޓް