އެމެރިކާގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް ގޮސްފި

ކޮރޯނާ ވައިރަސް އާ ދެކޮޅަށް އެމެރިކާގައި ހަރަކާތްތެރިވަނީ

ވޮޝިންޓަން (28 މާޗް 2020) ކޮރޯނާވައިރަސް ޑިޒީޒް ނުވަތަ ކޮވިޑް-19 އާދަޔާ ޚިލާފަށް އެމެރިކާގައި ފެތުރި އެރޯގާ ޖެހުނު މީހުންގެ އަދަދު އެމެރިކާގައި އެއްލައްކައަށްވުރެ މައްޗަށް އަރައިފި އެވެ.

އެމެރިކާގައި ކޮރޯނާ ވައިރަސް ފެތުރޭމިންވަރު ދިރާސާކުރާ ޔުނިވާސިޓީ ކަމަށްވާ ޖޯންޒް ހޮޕްކިންޒް ޔުނިވާސިޓީން ބުނީ އެމެރިކާގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 104205 އަށް އަރާފައިވާ ކަމަށާއި މީގެތެރެއިން 18 ހާސް މީހުންނަކީ ފާއިތުވި 24 ގަޑިއިރު ތެރޭގައި އެރޯގާއަށް ޕޮޒިޓިވްވި މީހުން ކަމުގައެވެ. އެމެރިކާ މިހާރު ވަނީ ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުކަމަށް ވެފަ އެވެ. މީގެއިތުރުން އެމެރިކާ މިހާރުވަނީ މި ރޯގާ ކޮންޓްރޯލް ކުރުމަށް އެންމެ ބޮޑަށް ނުކުޅެދިފައިވާ އިޓަލީ، ސްޕޭން ފަދަ ގައުމުތަކުގެ ހާލަތަށް ވެސް ވެއްޓިފަ އެވެ.

މީގެ އިތުރުން ކޮރޯނާ ވައިރަސްޖެހިގެން އެމެރިކާގައި މަރުވާމީހުންގެ އަދަދުވެސް ދުވަހެއް ދުވަހަކަށްދަނީ އިތުރުވަމުންނެވެ. ކޮރޯނާ ވައިރަސް ޖެހިގެން ފާއިތުވި 24 ގަޑީއިރު ތެރޭގައި އެމެރިކާގައި މަރުވި މީހުންގެ އަދަދު 300 އަށް އަރާފައިވާ އިރު އެރޯގާގައި އެމެރިކާގައި މަރުވި ޖުމްލަ މީހުންގެ އަދަދުވަނީ 1701 އަށް އަރާފައެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ މީޑިއާ ބުނާގޮތުން ކޮރޯނާވައިރަސް ފެތުރޭލެއް އަވަސްވެފައި އެ ރޯގާ ފެތުރުން ކޮންޓްރޯލް ކުރުމަށް އެމެރިކާގެ ސިއްޙީ ނިޒާމު ނުކުޅެދިފައިވާތީ އެމެރިކާގެ އާންމު ރައްޔިތުންތިބީ ވަރަށްބޮޑު ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އެމެރިކާގައި ކޮރޯނާވައިރަސް ބޮޑު ވަބާއަކަށް ވެގެންމިދިޔައީ އެރޯގާ އާ ކުރިމަތިލުމުގައި އެމެރިކާގެ މައި ސަރުކާރުން ގެންގުޅުނު ސިޔާސަތާއި ސްޓްރެޓެޖީ ނާކާމިޔާބުވުމުގެ ސަބަބުންނެވެ. ޚާއްސަކޮށް އެރޯގާއަށް އިހުމާލުވުމާއި އެވައިރަސް ފެތުރުމާ ދެކޮޅަށް ދުރާލާ ފިޔަވަޅު އެޅުމުގައި ފަރުވާކުޑަކޮށްލުމަކީ އެމެރިކާއަށް ހެދުނު އެންމެ ބޮޑު ގޯސްކަމަށް އެމެރިކާގެ ސިއްޙަތާބެހޭ ތަޖްރިބާކާރުން ވިދާޅުވެ އެވެ.

އެމެރިކާގެ ހާލަތު މިހާގޯސްވެފައިވާއިރުވެސް ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި ޗައިނާފަދަ ގައުމުތަކުން މަރުކަޒީގޮތެއްގައި އެޅި ކަރަންޓީނު ކުރުމާއި އެކަހެރިކުރުމާ ލޮކްޑައުން ކުރުމާ އަދި މަސައްކަތް ހުއްޓާލުމަށް ފަހު ރައްޔިތުން އެއްކޮށް ގޭގައިތިބުން ފަދަ ހަރުކަށި ފިޔަވަޅުތައް ތަންފީޒުކުރުމުގައި އެމެރިކާ އަދި ވެސް ވަނީ ނާކާމިޔާބުވެފަ އެވެ. ނަމަވެސް ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭނީ މިފިޔަވަޅުތައްކަން ޗައިނާގެ ތަޖްރިބާއިން ހުރިހާ ގައުމުތަކަކަށްވަނީ ހާމަވެ ކަށަވަރުވެގެން ގޮސްފައެވެ.

ކޮރޯނާވައިރަސް ގެ ހާލަތު އެމެރިކާގައި ނުރައްކާތެރި ފައްތަރަކަށް ގޮސްފައިވާ އިރު ކަރަންޓީނު ކުރުމާއި އެކަހެރިކުރުމާ ލޮކްޑައުން ކުރުމާ މަސައްކަތް ހުއްޓާލުމަށް ފަހު ރައްޔިތުން އެއްކޮށް ގޭގައިތިބުން މަޖްބޫރު ކުރުމަށް ޝޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އެމެރިކާގެ އެތައް ބަޔަކު ދަނީ ރައީސް ޑޮނަލްޑް ޓްރަމްޕަށާއި އޭނާގެ ސަރުކާރުގެ މުއައްސަސާތަކަށް ގޮވާލަމުންނެވެ.

ޓްރަމްޕްގެ ސަރުކާރުން މިމައްސަލާގައި ހަރުކަށި ފިޔަވަޅުތައް ނާޅާތީ އެމެރިކާގެ ސްޓޭޓްތަކުގެ ސަރުކާރުތަކުންވަނީ ހަރުކަށި ފިޔަވަޅުތަކެއް ކޮންމެވެސް ވަރަކަށް އަޅަންފަށާފަ އެވެ. އަދި ފެޑްރަލް ސަރުކާރުން ވަނީ ކޮރޯނާ ވައިރަސް އާ ކުރިމަތިލުމަށް ޓަކައި ދެ ޓްރިލިޔަން ޑޮލަރުގެ މާލީ ޕެކެޖެއް ވެސް އިއުލާނުކޮށްފަ އެވެ.

އެމެރިކާގައި އެއްލައްކައަށްވުރެ ގިނަމީހުން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެ އެރޯގައިގައި މަރުވާމީހުންގެ އަދަދު ވެސް އެމެރިކާގައި އިތުރުވަމުންދާއިރު އިޓަލީގައި ވެސް ފާއިތުވި ސައުވީސް ގަޑީއިރު ތެރޭގައި ވަނީ ކޮރޯނާވައިރަސް ޖެހިގެން ހާހަކަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. މިއީ މުޅި ދުނިޔެއަށް ބަލާއިރުވެސް ރެކޯޑު އަދަދެކެވެ. (އެމެރިކާގެ މިޑީއާ + ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް