ފްލައިމީގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލަނީ

ފްލައިމީގެ ބޯޓެއް --- ފޮޓޯ: ވިލާއެއާ /ޓްވިޓަ

ވިލާ އެއާގެ ފްލައިމީ އިން ކުރާ ދަތުރުތައް މިމަހުގެ 29 އިން ފެށިގެން ހުއްޓާލަން ނިންމައިފިއެވެ.

ފްލައިމީގެ ކޮމާޝަލް ދަތުރުތައް ވަގުތީގޮތުން ހުއްޓާލަން ނިންމާ ނެރުނު ސާކިޔުލާގައި ބުނެފައިވަނީ ކޮރޯނާ އާއި ގުޅިގެން ރާއްޖެ އަށް އަންނަ ފަތުރުވެރިންނަށް ވިސާ ދިނުން ހުއްޓާލުމާ ގުޅިގެން އެ އެއާލައިނުގެ ޕެސެންޖަރުންގެ އަދަދު މަދުވެފައިވާ ކަމަށެވެ. އެހެންކަމުން މިމަހުގެ 29 އިން ފެށިގެން ވަކި މުއްދަތެއް ނެތްގޮތަށް އެއާލައިނުގެ ދަތުރުތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

ފްލައިމީ އިން ބުނީ އެ އެއާލައިނުގެ ދަތުރުތައް ހާއްސަ ރިކުއެސްޓުގެ ދަށުން ކުރާނެ ކަމަށާއި ކްރޫ އާއި މުވައްޒަފުން އަބަދުވެސް ތިބޭނީ ސްޓޭންޑްބައި ގައި ކަމަށެވެ.

މި ހާލަތުގައި ވިލާ އެއާއިން އަބަދުވެސް އިސްކަންދޭނީ މުވައްޒަފުންނާއި ފަސިންޖަރުންގެ ސަލާމަތާ ރައްކާތެރިކަމަށް ކަމަށާއި މި ދުވަސްވަރު މަސައްކަތްކުރާނީ ކުންފުނީގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ކަމަށް ވިލާ އެއާ އިން ވަނީ ބުނެފައެވެ.

އެގޮތުން މިއަހަރުގެ ފަހު ކުއާޓަރުގައި ފަސިންޖަރުންނަށް ހާއްސަ ސަޕްރައިޒްތަކެއް އެބަހުރި ކަމަށް އެ އެއާލައިނުން ބުނެފައިވެއެވެ.

ފްލައިމީ އިން ދަތުރު ކުރަނީ މާމިނގިލި އެއާޕޯޓަށާއި ދަރަވަންދޫ އެއާޕޯޓަށެވެ. އެ އެއާލައިނުގެ ފަސިންޖަރުންގެ ބޮޑު އިންސައްތައަކީ ފަތުރުވެރިންނެވެ. ފަތުރުވެރިން އައުން މަދުވުމާއެކު އެ އެއާލައިނުގެ ދަތުރުތައް މިފަހުން ވަނީ ވަރަށް ބޮޑަށް މަދުކޮށްފައެވެ. މިހާރު ދަތުރުތައް ބާއްވަމުންދަނީ ދެ ސެކްޓާ އެއްކޮށްލައިގެންނެވެ.

comment ކޮމެންޓް